ކޮވިޑް-19: ޕްރިންސް ޗާލްސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ލަންޑަން (މާޗް 25) - އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފި އެވެ.


އުމުރުފުޅުން 71 އަހަރުގެ ޗާލްސް ފަރާތުން ކޮވިޑް-19 ގެ އަލާމަތްތައް ފެނުނު ނަމަވެސް ހުންނެވީ ފުރިހަމަ ސިއްހަތެއްގައި ކަމަށް ކްލަރެންސް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކޮރޮނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން ޗާލްސް އާއި އަނބިކަނބަލުން ކެމީލާ މިހާރު ވަނީ އެކަހެރިކޮށްފަ އެވެ. ޗާލްސްގެ ޓެސްޓް ހަދާފައި ވަނީ ނޭޝަނަލް ހެލްތު ސާވިސް އިންނެވެ.

"ޕްރިންސް އަށް ވައިރަސް އެރީ ކާކުގެ ގައިން ކަމެއް އަދި ޔަގީނެއް ނުކުރެވޭ. ވޭތުވެދިޔަ ދުވަސްތަކުގައި ޕްރިންސް ވަނީ ޕަބްލިކް ރޯލް އަދާކުރެއްވުމުގެ ގޮތުން ވަރަށް ގިނަ ފަރާތްތަކާ ބައްދަލު ކުރައްވާފައި،" ގަނޑުވަރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިނގިރޭސި ވިލާތުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8،077 އަށް އަރައިފަ އެވެ. އެ ގައުމުން ވަނީ 422 މީހުން މަރުވެފަ އެވެ.