ޓްރަމްޕުގެ ދަރިކަނބަލުން އައި ވައިޓް ހައުސްގެ ސީނިއާ އެޑްވައިޒަރު އިވަންކާ ޓްރަމްޕް. --ފޮޓޯ:ގެޓީ އިމޭޖަސް
18 އެޕްރީލް 2020 - 14:05
ވޮޝިންޓަން (އެޕްރީލް 18) - ވޮޝިންޓަން ލޮކްޑައުންކޮށްފައި ވަނިކޮށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕް ނިއު ޖާޒީ އަށް މިދިޔަ ހަފުތާގައި ވަޑައިގެންނެވި މައްސަލައެއް ހޫނުވެފައި ވަނިކޮށް އެކަން ދިފާއު ކުރުމުގެ މަސައްކަތް ވައިޓް ހައުސް އިން ފަށައިފި އެވެ.
ގެއިން ބޭރަށް ނުކުތުން މަނާ ފެޑެރަލް ގައިޑްލައިންތަކާ ޚިލާފަށް ޓްރަމްޕުގެ ދޮށީ ދަރިކަނބަލުންގެ އާއިލާ ވޮޝިންޓަނުން ވަނީ ނިއު ޖާޒީގެ ޓްރަމްޕް ނޭޝަނަލް ގޮލްފް ކްލަބަށް ޗުއްޓީ އަށް ވަޑައިގެންފަ އެވެ. ވޮޝިންޓަނުގެ އިތުރުން ނިއު ޖާޒީ ވެސް ވަނީ ލޮކްޑައުންކޮށްފަ އެވެ. ވޮޝިންޓަން ވަނީ އެޕްރީލް 1 އިން ފެށިގެން ލޮކްޑައުންކޮށްފަ އެވެ.
ވައިޓް ހައުސް އިން ބުނެފައި ވަނީ އިވަންކާ އާއި ފިރިކަލުން ޖާރެޑް ކުޝްނާ އަދި އެބޭފުޅުންގެ ތިން ދަރިކަލުން ވަޑައިގެންނެވީ ވިޔަފާރީގެ ކަމެއްގައި ނޫން ކަމަށާއި އެއީ އާއިލީ ޗުއްޓީ ދަތުރެއް ކަމަށެވެ. އަދި އެއީ ވައިޓް ހައުސްގެ ސީނިއާ އެޑްވައިޒަރު "ގެއިން މަސައްކަތަށް ދިއުން ފަދަ" ދަތުރެއް ކަމަށް ބުނެފައިވެ އެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 710,272 މީހުން ޕޮޒިޓިވްވެ 37,175 މީހުން މަރުވެފަ އެވެ. ނިއު ޖާޒީން 78,467 މީހުން ޕޮޒިޓިވްވެ 3،840 މީހުން މަރުވި އިރު ވޮޝިންޓަނުން ވަނީ 11،445 މީހުން ޕޮޒިޓިވްވެ 603 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy