ސިންގަޕޫރުގެ ލޮކްޑައުން ޖޫން 1 އަށް އިތުރުކޮށްފި

ސިންގަޕޫރު (އެޕްރީލް 22) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން ސިންގަޕޫރުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އަންނަ ޖޫން މަހުގެ 1 އަށް އިތުރުކޮށްފައިވާ ކަމަށް ބޮޑު ވަޒީރު ލީ ސިއެން އިއުލާން ކުރައްވައިފި އެވެ.


ފުޅާ ދާއިރާއެއްގައި ޓެސްޓްކުރުމާއި ކޮންޓެކްޓް-ޓްރޭސިން ހެދުމުގެ ސަބަބުން ކޮރޯނާވައިރަސް ސިންގަޕޫރުގައި ކުރިން ކޮންޓްރޯލް ކުރި ނަމަވެސް ބިދޭސީ މަސައްކަތު މީހުންގެ މެދުގައި ބަލި މިހާރު ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ.

ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އެކަނިވެސް ވަނީ 1،111 މީހުން ޕޮޒިޓިވްވެފައި ކަމަށެވެ. އޭގެ ކުރީ ދުވަހު ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 1،426 މީހުން ޕޮޒިޓިވްވެފަ އެވެ.

ބޮޑު ވަޒީރު ލީ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ކަމަށްވާ ސްކޫލްތަކާއި ފިހާރަތައް ބަންދުކުރުން އަދި ގޭގައި ތިބުމުގެ އަމުރު ޖޫން 1 އަށް އިތުރުކޮށްފައިވާ ކަމަށެވެ. ސިންގަޕޫރު ލޮކްޑައުން ކުރީ މި މަސް ފެށުނުތަނާ އެވެ. އަދި ލޮކްޑައުންގެ މުއްދަތު ހަމަވާން އޮތީ މެއި 4 ވަނަ ދުވަހު އެވެ.

"ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމަކީ ގިނަ ބަޔަކަށް ފަސޭހަ ކަމަކަށް ނުވާނެ،" ޓީވީ މެދުވެރިކޮށް ރޭ ދެއްވި ބަޔާނުގައި ލީ ވިދާޅުވި އެވެ. "ވިޔަފާރިތަކާއި މަސައްކަތް ކުރާ މީހުންނަށް ވެސް ވަރަށް ގެއްލުންވާނެ. އެކަމަކު އަޅުގަނޑު އުއްމީދު ކުރަނީ ކުރު މުއްދަތުގެ މި ގެއްލުމަކީ ވައިރަހުން ރައްކާތެރިވުމަށް އެޅޭ އެންމެ ރަނގަޅު ފިޔަވަޅަށް ވާނެ ކަމަށް."

ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ މި ފަހަރުގެ ފިޔަވަޅުތައް ހަރުކަށިވާނެ ކަމަށެވެ. ކޮންމެހެން ކުރަން ޖެހޭ މަސައްކަތަކަށް ނޫނީ ބޭރަކަށް ނުނިކުމެވެ އެވެ. ކަސްރަތުން ކުރަން ނުކުމެވޭނީ ވެސް އެކަންޏެވެ. ކުރިންނަމަ އެއް ގެއެއްގެ މީހުން އެއްކޮށް ކަސްރަތަށް ނުކުމެވެ އެވެ.

ސިންގަޕޫރުގައި ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށާފައި ވަނީ ބިދޭސީ މަސައްކަތު މީހުން ޓެސްޓް ކުރަން ފެށުމުންނެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޑޯމިޓަރީތަކުގައި އުޅޭ މަސައްކަތު މީހުން ވަނީ އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

ލީ ވިދާޅުވީ ސިންގަޕޫރުގެ ރައްޔިތުންނަށް ކަމޭހިތާ ފަދައިގެން ބޭރުގެ މަސައްކަތު މީހުންނަށް ވެސް ހެޔޮކޮށް ކަންތައް ކުރައްވާނެ ކަމަށެވެ.

ސިންގަޕޫރުން މިހާތަނަށް 10,141 މީހުން ޕޮޒިޓިވްވެ 11 މީހުން މަރުވެފައިވެ އެވެ.