ޑރ. ފައުޗީ (ކ) ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު. --ފޮޓޯ:ގެޓީ އިމޭޖަސް
10 މެއި 2020 - 20:26
ވޮޝިންޓަން (މެއި 10) - ކޮވިޑް-19 ގެ ބަލި މީހުންނާ ދިމާވެފައިވާނެ ކަމަށް ބަލައި ވައިޓް ހައުސްގެ ޓާސްކް ފޯހުގެ ތިން މެންބަރަކު އަމިއްލަ އަށް އައިސޮލޭޝަނަށް ވަޑައިގެންފި އެވެ.
އައިސޮލޭޝަނަށް ވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ކޮރޯނާވައިރަހާ ދެކޮޅަށް އެމެރިކާ އިން ކުރާ މަސައްކަތުގައި އެންމެ އިސް ސަފުގައި ހުންނެވި ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ހިމެނެ އެވެ. ކަރަންޓީނަށް ވަޑައިގެންނެވި ނަމަވެސް ފައުޗީގެ ޓެސްޓް ވަނީ ނެގެޓިވްވެފަ އެވެ. އުމުރުން 79 އަހަރުގެ ފައުޗީ ގޭގައި މަސައްކަތް ކުރައްވާ އިރު ދޭތެރެ ދޭތެރެއިން ޓެސްޓް ހައްދަވަމުން ގެންދަވާނެ އެވެ.
ނައިބް ރައީސް މައިކް ޕެންސްގެ ޕްރެސް ސެކްރެޓަރީ ކެޓީ މިލާ ވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
ޑރ. ފައުޗީގެ އިތުރުން ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ޑިރެކްޓަރު ޑރ. ރޮބަޓް ރެޑްފީލްޑް އަދި ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ކޮމިޝަނާ ސްޓެފަން ހަން ވެސް ވަނީ އައިސޮލޭޝަނަށް ވަޑައިގެންފަ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވައިޓް ހައުސްގެ ޓާސްކް ފޯސް ވަރަށް އަވަހަށް އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން ވަނީ އެމެރިކާގެ އިގްތިސާދު ހުޅުވާލުމާ ގުޅޭ ގޮތުން ޓާސްކް ފޯހުން ސަމާލުކަން ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 1,349,605 މީހުން ޕޮޒިޓިވްވެ 80,101 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހާ ދެރަ
10 May 2020
ޗައިނާ އިން ބަލި ޖެހުނު މީހުނާ ދާދި އެއްވަރަކަށް އެމެރިކާ އިން މީހުން މަރު ވެއްޖެ އެވެ.ކިހާ ދެރަ ތޯއެވެ؟ ޓްރަމްޕްގެ ގޮތް ދޫނުކުރުން ވެސް މިކަން މިހެން ވުމުގައި ހިއްސާ ކުރެއެވެ