ފަންސާސް ދެ ދުވަހަށް ފަހު ލަންކާ ހުޅުވާލުމުން ކޮލަމްބޯގެ މަގުތަކަށް އިއްޔެ މީހުން ނުކުމެފައި. --ފޮޓޯ:އޭއެފްޕީ
12 މެއި 2020 - 16:12
ކޮލަމްބޯ (މެއި 12) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ސްރީ ލަންކާ 52 ދުވަހު ލޮކްޑައުން ކުރުމަށް ފަހު އިއްޔެ ހުޅުވާލި ނަމަވެސް ގައިޑްލައިންތަކަށް ތަބާވާން ޖެހޭނެކަން އަންގައިފި އެވެ.
ފުލުހުންގެ މީޑިއާ ތަރުޖަމާން ޖަލިޔާ ސެނަރަތުނަ ވިދާޅުވީ ސަރުކާރު އޮފީސްތައް ހުޅުވި ނަމަވެސް މަސައްކަތް ކުރަން ޖެހޭނީ ބޭނުންވާ އެންމެ މަދު އަދަދަކަށް މުވައްޒަފުން ބޭނުންކޮށްގެން ކަމަށެވެ. ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތުގައި ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ސިއްހީ ގައިޑްލައިންތަކަށް އަމަލު ކުރަން ވަނީ އަންގައިފަ އެވެ. އާއްމުން ވިޔަފާރި ކުރަން ދާއިރު ދާންޖެހޭނީ ގެއާ އެންމެ ކައިރީގައިވާ ފިހާރައަކަށް ކަމަށް ވަނީ ބުނެފަ އެވެ. ކާފިއު ޕާމިޓް ނެތި އަސާސީ ކަންކަމަށް ބޭނުންވާ އައިޓަމެއް ގަންނަން ބޭނުންވާ މީހެއް ނަމަ ބޭރަށް ނުކުމެވޭނީ އެ މީހެއްގެ ނޭޝަނަލް އައިޑީ ކާޑުގެ ފަހު އަދަދަށް ބަލައިގެން ވަކި ދުވަސްތަކެއްގަ އެވެ. މި ގޮތުން އައިޑީ ކާޑުގެ ފަހު އަކުރަކީ 1 ،2 ނަމަ ނުކުމެވޭނީ ހޯމަ ދުވަހު އެވެ. އަންގާރަ ދުވަހު 3 ،4، ބުދަ ދުވަހު 5 ،6، ބުރާސްފަތި ދުވަހު ނުކުމެވޭނީ 7، 8 އަދި ހުކުރު ދުވަހު ނުކުމެވޭނީ 9 ،0 ނަމްބަރުތަކުގެ މީހުންނަށެވެ. ރެސްޓޯރެންޓާއި ކެފޭތައް ހުޅުވުމުގެ ހުއްދައެއް އަދި ނުދެ އެވެ. ފުޑް ޑެލިވަރީ އަށް މިހާރު ވެސް ހުއްދަ ދީފައިވާ ފަރާތްތަކަށް ޚިދުމަތް ދެވޭނެ އެވެ.
ފަންސާސް ދެ ދުވަހަށް ފަހު ލަންކާ ހުޅުވާލުމުން ސަރުކާރު މުވައްޒަފުންތަކެއް ބަހެއްގައި މަސައްކަތަށް އިއްޔެ ދަނީ. --ފޮޓޯ:އޭއެފްޕީ
ސުޕަ މާކެޓްތައް ހުޅުވަން ޖެހޭނީ ސިއްހީ ގައިޑްލައިންތަކާ އެއްގޮތަށެވެ. ކުލީ ވެހިކަލްތަކަށް އެރޭނީ ޑްރައިވަރު ފިޔަވައި ބޮޑެތި ތިން މީހުންނަށެވެ. ސެލޫންތަކާއި ޕްރައިވެޓް މެޑިކަލް ސެންޓަރުތައް ހުޅުވޭނީ ރީޖަލް މެޑިކަލް އޮފިސަރުގެ ސެޓްފިކެޓެއް ލިބިގެންނެވެ. އަދި އެ ތަންތަނުގެ މުވައްޒަފުން ޑިރެކްޓަރު ޖެނެެރަލް އޮފް ހެލްތު ސާވިސްގެ ސޭފްޓީ ގަވާއިދުތަކަށް އަމަލު ކުރަން ޖެހޭނެ އެވެ.
ޓޫރިސްޓް ހޮޓާތައް ހުޅުވުމުގެ ހުއްދަ ދިން ނަމަވެސް އެ ތަންތަނުގެ ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދައެއް އަދި ނެތެވެ. ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ. ވަކި ގޮތެއް އަންގަން ދެން ޖިމްތަކާއި ސްޕާ، ކްލަބުތައް އަދި ހަފުތާ ބާޒާރުތައް ވަނީ ބަންދުކޮށްފަ އެވެ.
ލަންކާ ހުޅުވާލި ނަމަވެސް ކޮލަމްބޯ އާއި ގަމްޕަހާގައި ރޭގަނޑު 8 އިން ފަތިހު 5 އަށް ކާފިއު ދެމި އޮންނާނެ އެވެ.
ލަންކާ އިން މިހާތަނަށް ވަނީ 869 މީހުން ޕޮޒިޓިވްވެ ނުވަ މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސާމް
12 May 2020
ލަދު ގަނެބަލަ. އެންމެ ޕެނެޑޯލް ގުޅައެއްވެސް ނެހެދޭ ޤައުމުގެ މީހުން އެހެން ޤައުމުތަކޭ ކިޔާ އަނގަ ހުޅުވަން. އެތަނުން އެއްޗެ މިތަނުން އެއްޗެށް ހޯދާ ސަލާން ޖަހައިގެން އުޅޭ ބައެއް ދިވެހިންނަކީ. މާ ތާހިރު ވާނެ އެއްނޫން އެންމެ އަފްނޯސް ކައްޓެ ހަދާފަ ވެސް މުޅި ދުނިޔެއަށް ދެއްކިއްޔާ.
ޖޮނީ
12 May 2020
އެއްކަލަ އެންމެ ޕެނެޑޯލް ގުޅައެއްވެސް ނުހެދޭ ގައުމުގައި ސަލާޖަހައިގެން ހޯދާ ލާރިން ދޯ ހިލޭ ކިޔަވައިގެން، ހިލޭ ބޭސްކޮށްގެން،ސަބްސިޑީ ތެލުގެ ސަބްސިޑީ ކަރަންޓް ބޭނުންކޮށްގެން މޮޅު ފޯނަކުން އިންޓަނެޓަށް ވަދެ ތިޔާ ކޮމެންޓް ކޮށްލަނީ؟ ބަލަގަ ބޭފުޅާ ގިނަ ދިވެހީން ހަނދާން ހުންނާނެ ހަޑަސް ބުރިގަނޑެއް ގޭގައި ނެތް ހަނދާން. ވަރަށް ދުރަށް އާދެވިއްޖެ ކުޑަ ދުވަސްކޮޅެއް ތެރޭގައި! އަދިވެސް އިރާދަކުރެއްވިއްޔާ ދާނީ ކުރިއަށް ސަލާން ޖަހަން ނުޖެހޭ ހިސަާބަށް
ައަލީދުދެދު
12 May 2020
20 މިލިއަން މީހުން އުޅޭ ގައުމެއްގައި މިއަދާ ހަމައަށް 14000 އަށްވުރެ މަދު ޓެސްޓް ހަދައިގެން އެތައް ބަޔަކު ފަގީރު ހިސާބުތަކުގައި ވާނުވާގަ ބިރުން ތިބި އިރު އެއީ މާ ރަނގަޅަށް މަސައްކަތް ކުރާ ގައުމެއްހެން ހީވާ ދިވެހިން އުޅޭތީ ލަދު ގަނޭ. ނަމޫނާ އަކަށް ބަލަންވާނީ ބަލާ ފެންވަރުގެ ތަންތަން
ދެން ބަލަމާ
12 May 2020
ލަންކާ ގައި ޓެސްޓްކުރާ ނިސްބަތް ރާއްޖެއަށްވުރެ ވަރަށް ބޮޑުތަނުން ދަށް. އެހެންވީމާ ފެންނަ އަދަދު ދަށްވާނެ ދޯ؟
ހާރުދަންގަޑި
13 May 2020
ސލ: 37000 ޓެސްޓު.. ރާއްޖެ: 11000 ޓެސްޓު...ޕޮއިންޓަކީ އާބާދީއާއި ބަލާފައި ބޮޑުތަނުން މަދުވުން.. އެއީދެން މަދުވުން..މަދުވުމަކީ ގިނަ ނުވުން..އިތުރު ނުވުން..ރައްޔަތުން ބަސް އެހުން... ވެެރީންނަށް ހަދާންވި އެތި އެނގުން...ވެރި މީހާއަށް ނުރޮވުން...ހިތްވަރު ގަދަވުން... ރައްޔަތުންގެ ދިފާއުގައި ގައުމަށްޓަކައި މޭ އައްޑަނަޔަކަށް ދިއްކޮށްލުން... އެނގިއްޖެ؟ އަދި މިވަަރަކުން ނޭނގޭނެ