ސައުދީ އަރަބިއާގެ ހައްޖު މިނިސްޓަރު ޑރ. މުހައްމަދު ސޯލިހު ވާޗުއަލް ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
24 ޖޫން 2020 - 13:57
ރިޔާޒް (ޖޫން 24) - މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު 10،000 އަށް ވުރެ އިތުރު ނުވާނެ ކަމަށް ސައުދީގެ އަރަބިއާގެ ހައްޖާއި އުމްރާ މިނިސްޓަރު ޑރ. މުހައްމަދު ސޯލިހު ބަންތަން ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓަރު ޑރ. ތައުފީގް އަލް ރާބިއާއާ އެކު ވާޗުއަލް ޕްރެސް ކޮންފަރެންސެއްގައި މުހައްމަދު ސޯލިހު ވިދާޅުވީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް މި އަހަރު ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
"ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެލްތު މިނިސްޓްރީއާ ގުޅިގެން މިދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން،" ހައްޖު މިނިސްޓަރު ވިދާޅުވި އެވެ.
ސައުދީ އަރަބިއާގެ ހެލްތު މިނިސްޓަރު ޑރ. ތައުފީގު އަލް ރާބިއާ ވާޗުއަލް ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ސައުދީން މި އަހަރު ނިންމާފައި ވަނީ ސައުދީގައި އުޅޭ މީހުންނަށް އެކަނި ހައްޖުވެވޭ ގޮތަށެވެ. ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭ މީހުންގެ ޝަރުތަކުގެ ތެރޭގައި އުމުރުން 65 އަހަރު ނުވުމުން އެއްވެސް ބައްޔެއްގައި އުޅޭ މީހަކަށް ނުވުން ހިމެނެ އެވެ.
ކޮންމެ އަހަރެއްގެ ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަން މީހުން ބައިވެރިވެ އެވެ. ދުނިޔޭގެ 160 އަށް ވުރެ ގިނަ ގައުމުން މިދިޔަ އަހަރު ވަނީ 1.85 މިލިއަން މީހުން ހައްޖުގައި ބައިވެރިވެފަ އެވެ. ސައުދީން ވަނީ 643،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
ސައުދީ އަރަބިއާ އިން މިހާތަނަށް ވަނީ 164,144 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 1,346 މީހުން މަރުވެފަ އެވެ.
މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ހައްޖުވެރިން ތަވާފް ކުރަނީ. --ފޮޓޯ:އޭއެފްޕީ
1. 10،000 އަށް ވުރެ ގިނަ މީހުންނަށް ފުރުސަތެއް ނުދޭނެ
2. ހައްޖުގައި ބައިވެރިވާ އެންމެން ޓެސްޓް ކުރާނެ
3. ހައްޖުވުމުގެ ފުރުސަތު ދޭނީ 65 އަހަރުން ދަށުގެ މީހުންނަށް
4. ހައްޖުގެ އަޅުކަމަށް ފަހު އެންމެން ވެސް ކަރަންޓީން ވާން ޖެހޭނެ
5. ހައްޖުގެ ކުރިން ހުރިހާ މަސައްކަތު މީހުންނާއި ވޮލަންޓިއަރުން ޓެސްޓްކުރާނެ
6. ހައްޖުވެރިންގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކު ވެސް މޮނިޓަކުރާނެ
7. ހައްޖުގެ ތެރޭގައި އިމަޖެންސީ ކަމެއް ދިމާވެދާނެތީ ޚާއްސަ ހޮސްޕިޓަލެއް ވަނީ ތައްޔާރުކޮށްފައި
8. ސޯޝަލް ޑިސްޓެންސިން އަށް ހުރިހާ ހައްޖުވެރިން ވެސް އަމަލު ކުރަން ޖެހޭނެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލާވަޅު
25 June 2020
ހައްޖުގައި ސޯޝަލް ޑިސްޓެންސިންގ. ކޮންފަދަ ބޮޑު ނިއުމަތެއް؟