ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. ފައުޗީ ކޮންގްރެސްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
27 ޖޫން 2020 - 12:56
ވޮޝިންޓަން (ޖޫން 27) - ކޮރޯނާވައިރަހުގެ ކޭސްތައް އެމެރިކާގެ 16 ސްޓޭޓަކުން އިތުރަށް ފެންނަމުން ދާއިރު އެ ގައުމުގައި ސީރިއަސް މައްސަލަތައް އެބަހުރި ކަމަށް ވައިޓް ހައުސްގެ ކޮރޯނާވައިރަސް އެޑްވައިޒަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.
މީގެ ދެ މަސްކުރިން ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައުޗީ ވިދާޅުވީ ކޮރޯނާވައިރަހުން ސަލާމަތް ވެވޭނެ ހަމައެކަނި ގޮތަކީ "ހުރިހާ ތަނަކުން ވެސް އެއްކޮށް ބަލި ފިލުވާލުމުން" ކަމަށެވެ.
އެމެރިކާގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ސިއްހީ ތަޖްރިބާކާރުން ބުނަމުންދާއިރު ނައިބް ރައީސް މައިކް ޕެންސް ވަނީ "ހޯދަމުން އަންނަ ކުރިއެރުމަށް" ތައުރީފް ކުރައްވައިފަ އެވެ.
އެމެރިކާގައި ހުކުރު ދުވަހު އެކަނި ވެސް ވަނީ 47,341 ކޭސް ރިޕޯޓްކޮށްފަ އެވެ. މިއީ އެއް ދުވަސްތެރޭ ބަލި ޖެހުނު މީހުންގެ އާ ރެކޯޑެކެވެ. އެމެރިކާގައި މިހާތަނަށް ކޮރޯނާވައިރަހަށް 2,552,956 މީހުން ޕޮޒިޓިވްވެފައިވާ އިރު 127,640 މީހުން ވަނީ މަރުވެފަ އެވެ.
ކޮރޯނާވައިރަސް ފެތުރުން އިތުރުވާން ފެށުމުން ޓެކްސަސް، ފްލޮރިޑާ އަދި އެރިޒޯނާ ފަދަ ސްޓޭޓްތައް ހުޅުވާލުން މިހާރު ވަނީ ފަސްކޮށްފަ އެވެ. މީގެ އިތުރުން އަލަބާމާ، ކެލިފޯނިއާ، އައިޑަހޯ، މިސިސިއްޕީ، މިސޫރީ، ނެވާޑާ، އޮކްލަހޮމާ، ސައުތު ކެރޮލީނާ އަދި ވަޔޯމިންގައި ވެސް ދަނީ ކޭސްތައް އިތުރުވަމުންނެވެ.
ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. ފައުޗީ ވިދާޅުވީ ބައެއް ސަރަހައްދުތަކުގެ ހާލަތު ގޯސްވަމުންދާ ކަމަށާއި އެއީ މާކުރިން ހުޅުވާލުމުން ވީގޮތް ކަމަށް ވެސް ވެދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ވައިރަސް ފެތުރުން ނުހުއްޓުވިއްޖެ ނަމަ، ބަލި ކޮންޓްރޯލްކޮށްފައިވާ ސަރަހައްދުތަކަށް ވެސް ފެތުރިދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާހިމް:
28 June 2020
އެބަޔަކު ހަލާކު އައިސް ޖެހުނީމަ ދެން ކުރެވޭނެ ރަނގަޅުކަމެއް ނޯންނާނެ
ސަފްނާޒް
27 June 2020
މިތާވެސް ހުރި ހޮޅިވާހަކަދައްކާ މީހެއް ..އެމީހާގެ ބާރުގައި ސިއްހީމީހުން ކަންކުރިނަމަ މިތާންގަވެސް ތިހާވަރުވީސް.. އެމެރިކާގައި ތިކަމުގައި ރައްޔިތުން ޒިންމާ ވާންޖެހޭނީ ވެރިއަކަށް ހޮވީ މޮޔައެއް.އޭނަ ބުނާގޮތައް ކަންކުރަނީ..ސިއްހީ މީހުން ބުނާއެއްޗެއް ގަބޫލުނުކުރޭ..
ޓްރަމްޕޫޕޫޕޫ
27 June 2020
ދެން ވެސް ސިއްހީ މާހިރުން ބުނާ ގޮތެއް ހަދާބަލަ..
ކިހާ ދެރަ
27 June 2020
ދެން ކިހިނެއް ހަ ދާނީ؟
ހަމަ ވިސްނުން
27 June 2020
ތިވަރު މަށަށް ވެސް އެގެއެވެ. ވައިރަސް ކޮންޓްރޯލް ކުރުން ނު ހުއްޓުވިއްޖެ ނަމަ ވައިރަސް ފެތުރިދާނެ އެވެ.