ޗައިނާ ސަރުކާރަށް ފާޑުކިޔައިގެން ހައްޔަރުކުރި ޕްރޮފެސަރު ދޫކޮށްލައިފި

ބެއިޖިން (ޖުލައި 13) - ޗައިނާ ސަރުކާރާއި އެ ގައުމުގެ ވެރިންނަށް ފާޑުކިޔައިގެން ހައްޔަރު ކުރި ގާނޫނީ ދާއިރާގެ ޕްރޮފެސަަރެއް ކަމަށްވާ ޒޫ ޒަންގްރުން ހަ ދުވަހަށް ފަހު ދޫކޮށްލައިފި އެވެ.


މި މަހު 6 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމަށް ފަހު ފުލުހުންގެ ބަންދުން ދޫކޮށްލި ނަމަވެސް ވަނީ ގޭ ބަންދުކޮށްފަ އެވެ.

ޒޫ ވަނީ ކޮރޯނާވައިރަހާ ދެކޮޅަށް ޗައިނާ އިން ފިޔަވަޅު އެޅި ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ނަމަވެސް ޒޫ، 57، ހައްޔަރު ކުރީ ޗައިނާ ސަރުކާރަށް ފާޑުކިޔާތީ ކަމަށް ފުލުހުން ބުނެފައެއް ނުވެ އެވެ. ޒޫގެ އަންހެނުންނަށް ފުލުހުން ފޯނުކޮށް ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ ޗެންދޫ އަށް މިދިޔަ އަހަރު ކުރި ޒިޔާރަތެއްގައި އޭނާ ޖިންސީ ގޯނާކޮށްފައިވާތީ ކަމަށެވެ.

ޗައިނާގެ އެންމެ ވަރުގަދަ އެއް ޔުނިވާސިޓީ ކަމަށްވާ ސިންގުއާގެ ގާނޫނީ ޕްރޮފެސަރު ކުރިން ވަނީ ރިޔާސީ ދައުރުގެ ލިމިޓް 2018 ވަނަ އަހަރު އުވާލުމުން ވެސް ފާޑު ވިދާޅުވެފަ އެވެ. އެ ފަހަރު އޭނާ ލިޔުއްވި އާޓިކަލް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވި އެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ޗައިނާ ސަރުކާރުން ފިޔަވަޅު އެޅި ގޮތާ މެދު ހިތްހަމަނުޖެހިގެން ޒޫ ލިޔުއްވި އާޓިކަލްއަކާ ގުޅިގެން މި އަހަރުގެ ކުރީކޮޅު އޭނާ ގޭ ބަންދުކުރި އެވެ. ޒޫ ވިދާޅުވެފައި ވަނީ އެއީ އޭނާގެ އެންމެ ފަހު ލިޔުމަށް ވެދާނެ ކަމަށެވެ.

ޒޫ ހައްޔަރު ކުރުމާ އެކު އޭނާ ދޫކޮށްލުމަށް އެމެރިކާ އިން ވަނީ ގޮވާލައިފަ އެވެ.