މަޝްހޫރު މީހުންގެ ޓްވިޓާ ހެކްކުރި މައްސަލަ އެފްބީއައި އިން ތަހުގީގު ކުރަނީ

ވޮޝިންޓަން (ޖުލައި 17) - ދުނިޔޭގެ ވަރަށް މަޝްހޫރު ބައެއް މީހުންގެ ޓްވިޓާ އެކައުންޓް ހެކްކުރި މައްސަލައިގެ ތަހުގީގު އެފްބީއައި އިން ފަށައިފި އެވެ.


އެކައުންޓްތައް ހައިޖެކްކޮށްފައި ވަނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށާއި އެހެންވެ އެކަމަށް ސަމާލުވެ ތިބުމަށް އެފްބީއައި އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެކައުންޓް ހެކްކުރި ފަރާތްތަކުގެ ތެރޭގައި ބިލިއަނަރުން ކަމަށްވާ އީލޮން މާސްކް، ބިލް ގޭޓްސް، ޖެފް ބެޒޯސް، މައިކަލް ބްލޫމްބާގު، ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން، ކުރީގެ ރައީސް ބަރަކް އޮބާމާ އަދި ލަވަކިޔުންތެރިޔާ ކަންޔޭ ވެސްޓް ފަދަ މަޝްހޫރު މީހުން ހިމެނެ އެވެ. އެ މީހުންގެ ރަސްމީ އެކައުންޓް ހެކްކުރުމަށް ފަހު ވަނީ ބިޓްބޮއިން ވޮލެޓް އެޑްރެހަށް ފޮނުވާ ފައިސާގެ ދެ ގުނަ އަނބުރާ ދޭނެ ކަމަަށް ބުނެފަ އެވެ. ނަމަވެސް ފަހުން ވަނީ އެ ޓްވީޓްތައް ފޮހެލައިފަ އެވެ. އޫބާ އާއި އެޕަލްގެ އެކައުންޓް ވެސް ވަނީ ހެކްކޮށްފަ އެވެ.

އެމެރިކާގެ ސެނެޓުގެ ކޮމާސް ކޮމިޓީން މިހާރު ވަނީ އެކައުންޓްތައް ހެކްކުރި ގޮތް މި މަހު 23 ގެ ކުރިން އެ ކޮމިޓީ އަށް ސާފުކޮށްދިނުމަށް ޓްވިޓާ އަށް އަންގައިފަ އެވެ.

ޓްވިޓާ އިން ބުނެފައި ވަނީ އެކައުންޓް ހެކްކުރި މައްސަލައިގެ ތަހުގީގެއް އެ ކުންފުނިން ވެސް ފަށާފައިވާ ކަމަށާއި އިންޓާނަލް ސިސްޓަމްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށެވެ. ޓްވިޓާ އިން ކުރިން ވަނީ ވެރިފައިޑް އެކައުންޓްތައް ވަގުތީ ގޮތުން ބްލޮކް ވެސް ކޮށްފަ އެވެ.

ވައިޓް ހައުސް އިން ބުނެފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެކައުންޓް ހެކްކޮށްފައި ނުވާ ކަމަށެވެ.

ޓްވިޓާގެ ޗީފް އެގްޒެކެޓިވް ޖެކް ޑޯސޭގެ އެކައުންޓް ވެސް މިދިޔަ އަހަރު ވަނީ ހެކްކޮށްފަ އެވެ.