ހައްޖުވެރިންގެ ސިއްހީ މައްސަލަތައް ބެލުމަށް 50 މީހުންގެ ކޮންމެ ގްރޫޕަކަށް އޮފިޝަލަކު ވަނީ ހަމަޖައްސާފައި. --ފޮޓޯ:އެސްޕީއޭ
30 ޖުލައި 2020 - 10:00
މައްކާ (ޖުލައި 30) - ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ ކޮންމެ 50 މީހަކަށް ސިއްހީ އޮފިޝަލަކު ހަމަޖައްސާފައިވާނެ ކަމަށް ސައުދީ އަރަބިއާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މުޅި ދުނިޔޭގައި ވެސް ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާތީ ސައުދީން އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ ހައްޖުވެރިންގެ ސިއްހަތަށެވެ. ހައްޖުގެ ފުރުސަތު ސައުދީން މި އަހަރު ދީފައި ވަނީ ގާތްގަނޑަކަށް 10،000 މީހުންނަށެވެ. އެއީ މުޅިން ވެސް ސައުދީގައި އުޅޭ މީހުންނެވެ. އޭގެ ތެރޭގައި ސައުދީ ރައްޔިތުންނާއި ބިދޭސީން ވެސް ހިމެނެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ 50 މީހުންގެ ކޮންމެ ޓީމަކަށް ވެސް ހަމަޖައްސާފައިވާ ސިއްހީ އޮފިޝަލުގެ ޒިންމާ އަކީ އެ ޓީމުގެ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވޭތޯ ބެލުމެވެ. އޭގެ ތެރޭގައި މާސްކް އެޅުމާއި ގައިދުރުކަން މަތީ ތިބޭތޯ ބެލުން ހިމެނެ އެވެ. ޝައްކު ކުރެވޭ އެއްވެސް ކޭހެއް ފެނިއްޖެ ނަމަ ހެލްތު އޮފިޝަލް އެކަން ވަގުތުން ރިޕޯޓް ކުރަން ޖެހޭނެ އެވެ.
ހައްޖުގެ އަޅުކަމުގެ ތެރޭގައި ހުރިހާ ވަގުތެެއްގައި ވެސް އުޅެން ޖެހޭނީ އެކަކު އަނެކަކާ ދެމެދު 1.5 މީޓަރުގެ ދުރުމިނުގަ އެވެ. ޓެންޓްތަކުގައި ތިބޭ އިރު ވެސް ކޮންމެ 50 އަކަ މީޓަރަކަށް 10 މީހުންނަށް ވުރެ ގިނައިން ނުތިބެވޭނެ އެވެ.
ޖަމްރާ އަށް ހިލަ އުކަން ދެވޭނީ ކޮންމެ ހައްޖުވެރިއަކަށް ވެސް ކަނޑައެޅިފައިވާ ވަގުތެއްގަ އެވެ. ކޮންމެ ފްލޯއެއްގައި ވެސް އެއްވަގުތެއްގައި ހިލަ އުކަން ތިބޭ މީހުން 50 އަށް ވުރެެ އިތުރެއް ނުވާނެ އެވެ. ހިލަ އުކާއިރު ވެސް 1.5 މީޓަރުގެ ގައިދުރުކަން ބަހައްޓަން ޖެހޭނެ އެވެ. ތަވާފް ވެސް ކުރަން ޖެހޭނީ ގައިދުރުމިން ބަލަހައްޓައިގެންނެވެ.
މިދިޔަ އަހަރު މުޅި ދުނިޔެ އިން 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy