ލުބްނާނުގައި އެހާ ބާރަށް ގޮވީ ކޯއްޗެއް؟

ލުބްނާނުގެ ވެރިރަށް ބައިރޫތުގެ ބަނދަރުމަތީ ސަރަހައްދެއް އަޅިއަށް ހަދާލި ބާރުގަދަ ގޮވުމާ ބެހޭ ގޮތުން އެކި ގޮތްގޮތަށް އަންނަނީ ވާހަކަ ދައްކަމުންނެވެ. އެއީ އެކްސިޑެންޓެއް ކަމަށް ވިޔަސް ނުވަތަ ބަޔަކު ދިން ހަމަލާއެއް ކަމަށް ވިޔަސް އެވަރުގެ ގޮވުމެއް ފެނުނު މީހަކު ދުނިޔޭގައި މަދުވާނެ އެވެ.


ގޮވުމުގެ އަސްލާ ބެހޭ ގޮތުން ދެކެވެމުން އަންނަ ވާހަކަތަކަށް ބަލާއިރު މިހާތަނަށް ބެލެވިފައިވަނީ ގޮވާފައި ވަނީ ވަރަށް ފަސޭހައިން ގޮވާ ކެމިކަލްގެ ބާވަތެއް ކަމަށްވާ އެމޯނިއަމް ނައިޓްރޭޓް ކަމަށެވެ. އެއީ ދަނޑުވެރިކަމުގައި ގަސްކާނާގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. ގޮވި ގުދަނުގައި މީގެ 2،700 ޓަނުގެ ކެމިކަލް ހުރި ކަމަށްވެ އެވެ.

ލުބްނާންގެ ބޮޑުވަޒީރު ހަސަން ދަޔާބް ވިދާޅުވީ ގޮވާފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޯދިޔާ ގުދަނެއްގައި ހުންނަތާ ހަ އަހަރު ވެފައިވާ 2،700 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ކަމަށެވެ. ބޮޑުވަޒީރުގެ މި ވާހަކަ އަށް ބާރު ލިބެނީ މީގެ ހަ އަހަރު ކުރިން 2013 ވަނަ އަހަރު މީގެ ކެމިކަލް ހަމަ މި އަދަދަށް ބޯޓަކުން އެ ބަނދަރަށް ބާލާފައިވާކަން އެނގެން އޮތުމުންނެވެ. އެކަމަކު މި ކެމިކަލްތަކުގައި ރޯވާން މެދުވެރިވީ ކީއްވެކަމެއް ނޭނގެ އެވެ.

އެމޯނިއަމް ނައިޓްރޭޓަކީ ގަސްކާނާ ހެދުމުގައި އާންމުކޮށް ބޭނުންކުރާ އިންޑަސްޓްރިއަލް ކެމިކަލެކެވެ. މިއީ ގަހަށް ބޭނުންވާ ނައިޓްރޮޖެން ލިއްބައިދޭ ރަނގަޅު ބާވަތެކެވެ. މައިންތަކުގައި ގޮވާ ގޮވުންތަކުގެ މައިގަނޑު ސަބަބަކަށް ވެސް މި ކެމިކަލްވެ އެވެ.

ޔުނިވާސިޓީ އޮފް މެލްބަންގެ ކެމިކަލް އެންޖިނިއަރިން ލެކްޗަރާއެއް ކަމަށްވާ ގެބްރިއަލް ޑަ ސިލްވާ ވިދާޅުވި ގޮތުގައި މިއީ އޭގެ ޒާތުގައި ގޮވާ ކެމިކަލެއް ނޫނެވެ. އެކަމަކު މިއީ އޮކްސިޑައިޒާ އެކެވެ. މާނަ އަކީ އެހެން އެއްޗެއްގައި ރޯވުމަށް ބޭނުންވާ އޮކްސިޖަން ފަސޭހައިން ފޯރުކޮށްދިނުމަށް އެހީވާ މާއްދާއަކަށްވުމެވެ.

އެކަމަކު އޭނާ ވިދާޅުވީ ވަކި ހާލަތްތަކެއް މެދުވެރިވެގެން މި ކެމިކަލްގައި ވެސް ރޯވެދާނެ ކަމަށެވެ. އެކަމަކު އެއީ ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކެމިކަލް ގުދަން ގޮވައި މުޅި ސަރަހައްދު އަޅިއަށް ވެފައި

"ވަރަށް އާދަޔާ ހިލާފް ހާލަތްތަކެއް މެދުވެރިގެން މި ކެމިކަލުން ގޮވުމެއް އުފެދޭނީ،" ޑަ ސިލްވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމޯނިއަމް ނައިޓްރޭޓަށް ތެލުގެ އަސަރުކުރުން ފަދަ ކަމެއް ދިމާވެގެން އެއީ ގަދަޔަށް އަލިފާން ހިފާ އެއްޗަކަށް ބަދަލުވެދާނެ ކަމަށެވެ. "ހީވަނީ އެއީހެން މި ދިމާވި ގޮތަކީ."

ގުދަން ގޮވައި މުޅި ސަރަހައްދަށް ފެތުރިގެން ދިޔަ ގޮތް ފެންނަ ހަތަރު ފޮޓޯ

ގޮވުމާ އެކު ކެމިކަލްތައް އަނދައި ދުމަށް ވެގެން ދިޔަ ނަމަވެސް ދުމުގެ ސަބަބުން ވައި ތަޣައްޔަރުވެ ވާރެޔާ އެކުވެ ވެހިއްޖެ ނަމަ އިތުރު ގެއްލުންތައް ކުރިމަތިވުމުގެ ބިރު އެބަ އޮތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

"އެ އެރި ދުންގަނޑަށް ބެލީމަ ފެންނާނެ ލޭ ރަތް ކުލައިގަ ހުރިތަން. އެއީ ނައިޓްރޮޖަން އޮކްސައިޑުން ވައި ތަޣައްޔަރުވުމުން ހުންނާނެ ގޮތް،" ޑަ ސިލްވާ ވިދާޅުވި އެވެ.

ލުބްނާންގައި ގޮވީ 2،700 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ކަމަށްވާ ނަމަ އެއީ 1947 ވަނަ އަހަރު ޓެކްސަސް ސިޓީގައި ގޮވި ވަރަށް ވުރެ ވެސް ބޮޑު ގޮވުމެކެވެ. އެފަހަރު 2،300 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ގޮވުމުގެ ސަބަބުން ގާތްގަނޑަކަށް 500 މީހުން މަރުވި އެވެ. ގޮވުމުގެ ސަބަބުން 15 ފޫޓުގެ އުސް ރާޅެއް އުފެދުނެވެ. -- ގާޑިއަން