ބައްދަލުވުމެއްގައި ޖޯން ބޯލްޓަން ވާހަކަ ދައްކަވަނީ: ފޮތުގައި ދައުލަތުގެ ސިއްރެއް ނުހުންނާނެ ކަމަށް ވިދާޅުވޭ
16 ސެޕްޓެމްބަރ 2020 - 09:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބެހޭ ގޮތުން އޭނާގެ ކުރީގެ މުޝީރެއް ކަމަށްވާ ޖޯން ބޯލްޓަން ލިއުއްވި ފޮތް ނެރުން ހުއްޓުވޭ ގޮތް ނުވުމުން، ޖަސްޓިސް ޑިޕާޓްމަންޓުން އޭނާއާ ބެހޭ ޖިނާއީ ތަހުގީގެއް ފަށައިފި އެވެ.
"ދަ ރޫމް ވެއާ އިޓް ހެޕަންޑް"ގައި ހިމެނޭ ބައެެއް މައުލޫމާތުތަކަކީ، ދައުލަތުގެ ސިއްރެއް ކަމަށް، ޖަސްޓިސް ޑިޕާޓްމަންޓުން ދެކެ އެވެ. ބޯލްޓަންއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ފެށީ، ހާމަކޮށްގެން ނުވާނެ ސިއްރު މައުލޫމާތުތަކެއް އެ ފޮތުގައި ހުރުމުން ކަމަށްވެ އެވެ.
އެކަމަކު ބޯލްޓަން އެ ތުހުމަތުތައް ދޮގުކުރައްވަ އެވެ.
އޭނާގެ ފޮތުގައި ލިއުއްވާފައިވާ ގޮތުގައި ޓްރަމްޕަކީ ދޭދޭ ގައުމުތަކާ އެކު އޮންނަން ޖެހޭ ގުޅުން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އަދި ކަންކަން ނިންމަވަނީ ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރެއްވުމުގެ ނިޔަތުގައި ކަމަށް ވެސް، ފޮތުގައިވެ އެވެ.
ފޮތް ނެރުނު ދުވަސްކޮޅު ޓްރަމްޕް ވިދާޅުވެފައި ވަނީ ބޯލްޓަންއާ ދެކޮޅަށް ދައުވާކުރަން ބޭނުންވާ ކަމަށެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި ބޯލްޓަން އަކީ ގާބިލްކަމެއް ނެތް، އަދި ދޮގުވެރިއެކެވެ.
ތަހުގީގު ބިނާކުރާނީ، ބެލެވޭ ގޮތުގައި، ފޮތުގައި ހިމެނޭ ބައެއް ވާހަކަތައް އާންމުކުރުމުގެ ކުރިން ސަރުކާރުގެ ހުއްދަ ބޭނުންވިޔަސް، އެ މަރުހަލާ ނުނިމެނީސް، ފޮތް ނެރުނު ނެރުމުގެ މައްޗަށެވެ. ބޯލްޓަންއަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި ފޮތް ނެރުނީ، އެކަން ފުރިހަމަނުކުރައްވަ އެވެ.
މައްސަލަ ބަލަން ސްޓޭޓް ޑިޕާޓްމަންޓުން މިހާރު ވަނީ ގްރޭންޑް ޖޫރީ ކަނޑައަޅައިފަ އެވެ. އެ މީހުންގެ ކުރިމައްޗަށް ފޮތުގެ ޕަބްލިޝަރު ސިމަން އެންޑް ޝުސްޓާ އާއި ބޯލްޓަން ތަމްސީލްކުރާ ޖެވެލިން އެޖެންސީ ހާޒިރުކުރާނެ އެވެ.
ބޯލްޓަންގެ ގާނޫނީ ވަކީލް ޗާލްސް ކޫފާ ވިދާޅުވި ގޮތުގައި ފޮތާ ގުޅޭ ގޮތުން ގޯސް އެއްވެސް ކަމެއް، ބޯލްޓަން ކުރައްވާފައެއް ނުވެ އެވެ. ހާއްސަކޮށް ޖިނާއީ ކުށެއް ނޯންނާނެ ކަމަށް، ވިދާޅުވި އެވެ.
"ރަސްމީ ކޮންމެ ކަމެއްގައި ވެސް އޭނާ ހުންނެވީ އެއްބާރުލުން ދެއްވާ ގޮތަށް. ކުރިން ވެސް ކަން ކުރައްވަމުން ގެންދެވީ އެގޮތަށް،" ކޫޕާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy