އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާސްކް ނަންގަވަނީ: ޓްރަމްޕް ގެންދަވަނީ ކޮވިޑް-19 އަކީ ނުރައްކާ ބައްޔެއް ނޫން ކަމަށް ވިދާޅުވަމުން. --ފޮޓޯ:އޭއެފްޕީ
07 އޮކްޓޯބަރ 2020 - 11:51
ވޮޝިންޓަން (އޮކްޓޯބަރު 7) - ކޮވިޑުގެ ނުރައްކާ ކުޑަ ކަމަށް ދެއްކުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޕޯސްޓެއް ފޭސްބުކުން ޑިލީޓްކޮށްފި އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ ކޮވިޑަށް ވުރެ އެކި ސީޒަންތަކުގައި ފެތުރޭ ރޯގާތައް މާ ނުރައްކާ ކަަމަށެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލުގައި އޮންނަވައިގެން ހަތަރު ދުވަހު ފަރުވާ ހޯއްދެވުމަށް ފަހު، ހޯމަ ދުވަހު ދޫކޮށްލުމުން ފޭސްބުކާއި ޓްވިޓާ މެދުވެރިކޮށް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުމުގެ އެހެން ރޯގާތައް ދެކެ މީހުން މާބޮޑަށް ބިރުގަންނަން ޖެހޭ ކަމަށެވެ.
"ކޮވިޑް-19 ގެ ނުރައްކަލާ ބެހޭ ގޮތުން ހާމަކޮށްފައިވާ ސައްހަ ނޫން މައުލޫމާތު މިހާރު ވާނީ ރިމޫވްކޮށްފައި،" ފޭސްބުކުން ބުނެފައިވެ އެވެ.
ޓްވިޓާ އިން ވެސް ބުނެފައި ވަނީ ޓްރަމްޕް ވަނީ އޮޅުން އަރާފަދަ މައުލޫމާތެއް ހާމަކޮށްފައި ކަމަށެވެ. ޓްވިޓާ އިން ވަނީ ކޮވިޑް-19އާ ގުޅޭ ސައްހަ މައުލޫމާތުގެ ލިންކެއް ވެސް ޝެއާކޮށްފަ އެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން ވައިޓް ހައުސް އަށް ވަޑައިގަތުމާ އެކު ޓްރަމްޕް ވަނީ މާސްކް ނަންގަވައިފަ އެވެ. އޭގެ ކުރިން ޓްރަމްޕް ވަނީ ކޮވިޑް-19 އާ މެދު އެމެރިކާގެ ރައްޔިތުން ބިރު ނުގަތުމަށް އެދިވަޑައިގެންފަ އެވެ.
ޓްރަމްޕުގެ ޕޯސްޓެއް އޮގަސްޓް މަހު ވެސް ފޭސްބުކުން ވަނީ ޑިލީޓްކޮށްފަ އެވެ. އެ ފަހަރު ޓްރަމްޕް ވިދާޅުވެފައި ވަނީ ކުޑަ ކުދިންނަށް ކޮވިޑް-19 ނުޖެހޭ ކަމަށެވެ. ފޭސްބުކުން ބުނެފައި ވަނީ ޓްރަމްޕް ހާމަކޮށްފައި ވަނީ ނުރައްކާ މައުލޫމާތެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy