ކުއާލަ ލަމްޕޫރުގައި މަގެއް ހުރަސް ކުރަން ބަޔަކު މަޑުކޮށްލައިގެން: މެލޭޝިއާގައި ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައި. --ފޮޓޯ:އޭއެފްޕީ
13 އޮކްޓޯބަރ 2020 - 20:12
ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 13) - ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވަމުންދާތީ މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރާއި ބައެއް އެހެން ސްޓޭތުގައި ފިޔަވަޅުތައް ހަރުކަށިކޮށްފި އެވެ.
މެލޭޝިއާގައި ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށުމާ އެކު، މިދިޔަ މާޗް މަހު ވަނީ ހަރުކަށި ފިޔަވަޅުތައް އަޅައި ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ކޮށްފަ އެވެ. ދިރިއުޅުން އާއްމު ހާލަތަކަށް އައިސްފައި ވަނިކޮށް، ފަހަކަށް އައިސް ބައެއް ސަރަހައްދުތަކުން ކޮންމެ ދުވަހަކު ވެސް ވަނީ ކޭސްތައް އިތުރުވާން ފަށައިފަ އެވެ.
މާދަމާ އިން ފެށިގެން އާ ފިޔަވަޅުތައް ތަންފީޒް ކުރާނީ ކުއާލަ ލަމްޕޫރާއި އަވަށްޓެރި ސެލަންގޯ އަދި އިދާރީ ވެރިރަށް ޕުތުރާޖާގަ އެވެ.
ޑިފެންސް މިނިސްޓަރު އިސްމާއިލް ސބްރީ ޔައުގޫބް ވިދާޅުވީ ސްކޫލްތަކާއި އަޅުކަންކުރާ ތަންތަން ވެސް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. މީހުން ބޭރަށް ނުކުމެވޭނީ ވިޔަފާރި ކުރުން ފަދަ އަސާސީ ކަންކަމުގައި އެކަންޏެވެ. ކުޅިވަރާއި މުނިފޫހިފުލުވުމުގެ ހުރިހާ ހަރަކާތްތަކެއް ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. މި ފިޔަވަޅުތައް ސަބާ ސްޓޭޓުގައި ވެސް އަޅަން ވަނީ ނިންމައިފަ އެވެ.
އިގްތިސާދަށް ހީނަރުކަން ކުރިމަތިވެދާނެތީ ވިޔަފާރިތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފަ އެވެ.
މެލޭޝިއާގައި ކޭސްތައް އިތުރުވާން ފަށާފައި ވަނީ ސަބާ ސްޓޭޓުގައި މިދިޔަ މަހު ބޭއްވި އިންތިޚާބަށް ފަހު އެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރި ގޮތުގައި ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ކެމްޕޭން ކުރުމުގައި ބަލި ފަތުރަން ފުރުސަތު ފަހިކޮށްފަ އެވެ.
މެލޭޝިއާ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 16,880 މީހުން ޕޮޒިޓިވްވެ 163 މީހުން މަރުވެފަ އެވެ. މިއަދު އެކަނިވެސް ވަނީ 660 މީހުން ޕޮޒިޓިވްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy