ރަޝިޔާގެ ދެ ވަނަ ވެކްސިން ރަޖިސްޓްރީކޮށްފައި ވަނީ ބުދަ ދުވަހު. --ފޮޓޯ:އޭއޭ.ކޮމް
15 އޮކްޓޯބަރ 2020 - 11:02
މޮސްކޯ (އޮކްޓޯބަރު 15) - ކޮރޯނާވައިރަހަށް ރަޝިޔާ އިން އުފައްދާ ދެވަނަ ވެކްސިން ރަޖިސްޓްރީކޮށްފައިވާކަން ރައީސް ލަޑިމިއާ ޕުޓިން އިއުލާން ކުރައްވައިފި އެވެ.
ކެބިނެޓް މިނިސްޓަރުންނާ އެކު އިއްޔެ ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ޕުޓިން ވިދާޅުވީ ރަޝިޔާ އިން އުފައްދާ ދެ ވަނަ ވެކްސިން ވަނީ ނޮވޮސިބާސްކް ވެކްޓާ ސެންޓަރުގައި ބުދަ ދުވަހު ރަޖިސްޓްރީކޮށްފައި ކަމަށެވެ. ވެކްޓާ އަކީ ސައިބީރިއާގެ ސިޓީއެއް ކަމަށްވާ ނޮވޮސިބާސްކްގައި ހުންނަ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ލެބޯޓްރީއެކެވެ. ސޯވިއެޓް ދުވަސްވަރު އެތަނުގައި ވަނީ ބަޔޮލޮޖިކަލް ހަތިޔާރުގެ ރިސާޗްތައްކޮށް އަދި އެބޯލާ ފަދަ ބަލިތަކުގެ ވައިރަސް ރައްކާކޮށްފަ އެވެ.
ކޮރޯނާވައިރަހަށް ރަޝިޔާ އިން އުފެއްދި ފުރަތަމަ ވެކްސިން ރަޖިސްޓްރީކޮށްފައި ވަނީ އޮގަސްޓް މަހު އެވެ. ސުޕްޓްނިކް ވީގެ ނަމުގައި އުފެއްދި އެ ވެކްސިންގެ އެންމެ ފަހު ސްޓޭޖުގެ ޓެސްޓްތައް އަދިވެސް ނުނިންމަ އެވެ.
ކެބިނެޓުގެ ބައްދަލުވުމުގައި ބޮޑުވަޒީރުގެ ނައިބް ޓަޓިއާނާ ގޮލިކޮވާ ވިދާޅުވީ ދެ ވަނަ ވެކްސިނަކީ ވެސް ވަރަށް ބޮޑަށް ރައްކާތެރި އެއްޗެއް ކަމަށެވެ. އޭނާ ވިދާޅުވީ 40،000 ވޮލަންޓިއަރުން ބޭނުންކޮށްގެން އެ ވެކްސިންގެ ފަހުގެ ޓެސްޓްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ރަޝިޔާ އިން އާ ވެކްސިނެއް އުފެއްދި އިރު އެ ގައުމުގައި ވަނީ ކޮރޯނާވައިރަހުގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. ބުދަ ދުވަހު އެކަނިވެސް ވަނީ 14،231 މީހުން ޕޮޒިޓިވްވެފަ އެވެ. އެކަމަކު ބޮޑުވަޒީރުގެ ނައިބް ވިދާޅުވީ ރަޝިޔާގައި ވައިރަހުގެ ހާލަތު ވަނީ ކޮންޓްރޯލްވެފައި ކަމަށާއި އިތުރު ފިޔަވަޅުތައް އަޅަން ބޭނުން ނުވާ ކަމަށެވެ.
އެކަމަކު ރަޝިޔާގެ ހެލްތު މިނިސްޓަރުގެ ނައިބް އޮލެގް ގްރިޑްނޭވް ވިދާޅުވީ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދޭން ކަނޑައެޅި ރަޝިޔާގެ ހޮސްޕިޓަލްތަކުގެ އެނދުގެ 90 ޕަސެންޓް މިހާރު ފުރިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1234
16 October 2020
ވުޛުދައް ނަޔަސް ވެކުސިން އުފައްދާ. ހާދަ މޮޅޭ
ރަބަރު
15 October 2020
މަރުހަބާ ރަޝިއާ