ރައީސް ޓްރަމްޕް (މ) އާއި މެލަނިއާ އަދި 14 އަހަރުގެ ދަރިފުޅު ބެރޮން. --ފޮޓޯ:ރޮއިޓާސް
15 އޮކްޓޯބަރ 2020 - 12:37
ވޮޝިންޓަން (އޮކްޓޯބަރު 15) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހަގު ދަރިކަލުން ބެރޮން އަށް ކޮވިޑް-19 ޖެހިފައިވާ ކަމަށާއި ނަމަވެސް މިހާރު ރަނގަޅުވެފައިވާ ކަމަށް ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕުގެ އިތުރުން މެލަނިއާ ވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ ދެބޭފުޅުން ވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މެލަނިއާ ވިދާޅުވީ އެކަމަނާ އެންމެ ކަންބޮޑުވީ އުމުރުން 14 އަހަރުގެ ފިރިހެން ދަރިފުޅު ޕޮޒިޓިވްވުމުން ކަމަށެވެ.
"އެކަމަކު ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ބެރޮން ވަނީ ރަނގަޅުވެފައި،" މެލަނިއާ ވިދާޅުވި އެވެ.
އަޔޯވާގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ޓްރަމްޕް ވިދާޅުވީ ދަރިކަލުންނަށް ކޮވިޑްޖެހިފައި ވަނީ ވަރަށް ކުޑަ ވަގުތު ކޮޅަކަށް ކަމަށެވެ. އަދި ދަރިކަލުންނަށް ވައިރަހުގެ އަސަރުކޮށްފައި ވަނީ ކުޑަކޮށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ހިއެއް ނުވޭ ބަލިޖެހުނުކަން އެ ކުއްޖާ އަށް ވެސް އެނގޭނެހެން. ސަބަބަކީ އެއީ ޒުވާން ކުދިންވީމާ ދިފާއީ ނިޒާމް ވަރުގަދަވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުންނަށް ކޮވިޑް-19 ޖެހި ރަނގަޅުވުމަކީ އެމެރިކާގެ ސްކޫލްތައް ވަރަށް އަވަހަށް ހުޅުވަން ޖެހޭ ސަބަބެއް ކަމަށެވެ. ނަމަވެސް ސްކޫލްތައް ހުޅުވަން ޓީޗާސް ޔޫނިއަން އިން ދެކޮޅެވެ.
ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ޓްރަމްޕް ފަރުވާ ހޯއްދެވި ނަމަވެސް މެލަނިއާ ހުންނެވީ ވައިޓް ހައުސްގަ އެވެ. އެކަމަނާ ވިދާޅުވީ ބަލީގައި ހަށިގަނޑުގައި ރިއްސުމާއި ކެއްސުމާ އަދި ވަރުބަލިވުން އިހްސާސް ކުރެވުނު ނަމަވެސް، ބޭހުގެ ބަދަލުގައި އިޚްތިޔާރު ކުރެއްވީ ވިޓަމިންސް އާއި ސިއްހަތަށް ރަނގަޅު ކާނާ ބޭނުން ކުރުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy