ކަނޑު ހިއްކައިގެން ތަރައްގީ ކުރާ ކޮލަމްބޯ ޕޯޓް ސިޓީ. --ފޮޓޯ:އޭއެފްޕީ
21 ނޮވެމްބަރ 2020 - 23:55
ކޮލަމްބޯ (ނޮވެމްބަރު 21) - ކަނޑު ހިއްކައިގެން ހެދި ކޮލަމްބޯ ޕޯޓް ސިޓީ އަންނަ ޖެނުއަރީ މަހު އިންވެސްޓަރުންނަށް ހުޅުވާލަން ނިންމައިފި އެވެ.
ޗައިނާގެ ރިއަލް-އެސްޓޭޓް މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ބެލެވޭ ޕޯޓް ސިޓީ އިންވެސްޓަރުންނަށް ހުޅުވާލާއިރު ޓެކްސް އަށް ބޮޑެތި ލުއިތަކެއް ދޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅަމުން ސަރުކާރުން ބުނެފައިވެ އެވެ. ކޮލަމްބޯ ޕޯޓާއި ގޯލް ފޭސްއާ ދެމެދު ހެދި 1.5 ބިލިއަން ޑޮލަރުގެ ޕޯޓް ސިޓީ ޕްރޮޖެކްޓް ނިމުމުން ދުނިޔޭގެ ފެންވަރުގެ ވިޔަފާރި ހަބަކަށް ލަންކާ ބަދަލުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ތަނުގައި ކުރިމަގުގައި 75،000 މީހުން ދިރިއުޅޭނެ ކަމަށާއި އެ ސިޓީ އަށް ދުވާލަކު 200،000 މީހުން ވަދެ ނުކުމެ ހަދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ސެޕްޓެމްބަރު 17، 2014 ގައި ފެށި މަޝްރޫއު ހިއްކާ ނިމުނުއިރު ލަންކާގެ މިހާރުގެ ފައިނޭންޝަލް ޑިސްޓްރިކްޓަށް ވުރެ ދެ ގުނަ ބޮޑެވެ.
މިދިޔަ އަހަރުގެ އީސްޓާ ސަންޑޭގެ ހަމަލާ އާއި ކޮރޯނާވައިރަހުގެ ސަބަބުން ލަންކާގެ އިގްތިސާދު ހީނަރުވެފައިވާ އިރު ދާދި ފަހުން ގާއިމްކުރި ރާޖަޕަކްސާގެ ދެބެގެންގެ ސަރުކާރުން އުއްމީދު ކުރަނީ އިނާޔަތްތަކާ އެކު ޕޯޓް ސިޓީ ހުޅުވާލުމުން ގައުމަށް އިތުރު އިންވެސްޓްމަންޓްތައް ލިބޭނެ ކަމަށެވެ.
"ވިޔަފާރި ކުރަން ފަހި ގާނޫނީ ފްރޭމްވޯކުގެ ސަބަބުން ކޮލަމްބޯ ޕޯޓް ސިޓީއަކީ އިންވެސްޓަރުންނާއި ވިޔަފާރި ކޮމިއުނިޓީން ވަރަށް ޝައުގުވެރިވާނެ ތަނަކަށް ވާނެ ކަމަށް އުއްމީދު ކުރަން،" ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާ ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާ، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް މި ހަފުތާގައި ޕާލަމެންޓަށް ހުށަހަޅުއްވައިދެއްވަމުން ވިދާޅުވި އެވެ.
އަންނަ އަހަރު ކުރީކޮޅު ޕޯޓް ސިޓީ އިންވެސްޓަރުންނަށް ހުޅުވާލަންވާ އިރަށް ސަރުކާރުން މިހާރު ގެންދަނީ މަގުތައް ހަދައި ކަރަންޓާއި ފެނުގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންނެވެ.
ޕޯޓް ސިޓީން ފުރަތަމަ ހިއްކަން ހަމަޖެއްސީ 233 ހެކްޓަރެވެ. ނަމަވެސް ފަހުން 269 ހެކްޓަރު ((664 އޭކަރު) އަށް ވަނީ ބަދަލުކޮށްފަ އެވެ. ކުރީގެ އެއްބަސްވުމަށް ބަދަލު ގެނެސް 116 ހެކްޓަރު ވަނީ 99 އަހަރަށް ޗައިނާ އަށް ދޭން އެއްބަސްވެފަ އެވެ. ކުރިން އޮތީ 20 ހެކްޓަރު ޗައިނާ އަށް މިލްކުކޮށްދޭ ގޮތަށެވެ. ޗައިނާ އަށް ދެނީ ޕޯޓް ސިޓީގައި އިމާރާތްކުރަން ހަމަޖައްސާފައިވާ 178 ހެކްޓަރުގެ ބިމުންނެވެ. އެ ބިމުން ލަންކާ އަށް ބޭނުން ކުރެވޭނީ 62 ހެކްޓަރެވެ.
ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސިޓީ ނުވަތަ ކޮލަމްބޯ ޕޯޓް ސިޓީ މަޝްރޫއު ކުރިއަށް ގެންދިޔައީ ބެއިޖިންގެ "ބެލްޓް އެންޑް ރޯޑް" އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުގެ ދަށުންނެވެ.
ޕޯޓް ސިޓީގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި ސްކޫލްތަކާއި ބޭންކްތަކާއި ޝޮޕިން މޯލްތަކާއި މެރީނާ އަދި ޕާކްތަކާއި ޕަބްލިކް ބީޗްތައް ވެސް ހަދާނެ އެވެ. ޕޯޓް ސިޓީ ނިމުމުން އެތަން އޮޕަރޭޓް ކުރާނީ ވަކި އެންޓިޓީއެއްގެ ގޮތުގަ އެވެ. ޕޯޓް ސިޓީގައި ވިޔަފާރި ހިންގަން ފަހިވާ ގޮތަށް އެ ސިޓީ އަށް ވަކި އިގްތިސާދީ އަދި ކޮމާޝަލް ގާނޫނުތަކެއް ހަމަޖައްސާނެ އެވެ.
ޕޯޓް ސިޓީ ހިއްކި ޗައިނާ ސަރުކާރުގެ ކުންފުނި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީީ) އިން ބުނީ ޕޯޓް ސިޓީ ޕްރޮޖެކްޓް އިން 83،000 ވަޒީފާ އުފެދި 13 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓް ލަންކާ އަށް ލިބޭނެ ކަމަށެވެ.
ރާޖަޕަކްސާ ވެރިކަމުގައި ޗައިނާގެ އެހީގައި ހެދި 1.4 ބިލިއަން ޑޮލަރުގެ ހަމްބަންޓޯޓާ ބަނދަރު ޑިސެމްބަރު 2017 ގައި ވަނީ 99 އަހަރަށް ޗައިނާ އަށް ދީފަ އެވެ. އެ ބަނދަރު ދޭން ޖެހުނީ ޗައިނާ އިން ނެގި ލޯނުތައް ދައްކަން ދަތިވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަންޖާ
22 November 2020
ތިތަނުން ފުލެޓު ދެނީ ކޮލަންބޯ މީހުނަށް އެކަނިތޯ ބަލާބަލަ.
ދުއި ސައްތަ
22 November 2020
ޔާމީނު ވެސް ތިހާ ދަށު ވެފައެެއް ނެތެވެ.އެކަމު ވާގޮތް އެގޭނީ މިސަރުކާރަށް ލޯނު ނުދެކިއްޖެ ނަމަ އެވެ.
މަންޑޭލާ
22 November 2020
35 ބުރީގެ ހިއްގައިމް އިމާރާއްތަކެ މިތާ ޢަޅާނެ. ވަރައް ހިއްގައިމްވާނެ
ޝޮކްތެރަޕީ
22 November 2020
މީ 15 ބިލިޔަން ޑޮލަރުގެ އަގުހުރި އިންވެސްޓްމެންޓެއް. 1.5 ބިލިޔަނެއްނުން. އެހެރީ އެ މައުލޫމާތު ޔޫޓިއުބުން ފެންނަން.
ޟަޒް
22 November 2020
ލަންކާ ކުރި އަރާތަން އެބަ ފެނޭ
SECTION HEADINGS
22 November 2020
ލަންކާވެސް ކުރި ނައަރައިގެން އުޅެނީ ބުދިސްޓު ދީނުގެ ހަރުކަށި މީހުންގެ ސަބަބުން. ދިވެހިރާއްޖެ އަށްވެސް ޖެހިފައިވާ އެއްމެ ބޮޑު މުސީބާތަކީ ދީނީ މީހުންގެ އުދަގޫ. ރާއްޖެ ދެންދާނީ ދުވަހުން ދުވަހަށް ދަށަށް
ގޭންމްބްލަރ.
22 November 2020
ޕޯޓް ސިޓީގަ ކެސިނޯ ހުޅުވާތަ؟ ލަންކާގެ ޓުއަރިޒަމް އެންމެ ރަނގަޅު ވަނީ ކެސިނޯތައް ހުރެގެން، ހަމަ އެކަނި ކެސިނޯ ކުޅެލަން ދުނިޔޭގެ އެތައް މިތަނުން ކޮލޮމްބޯއަށް ފަތުރުވެރިން އާދޭ، ވަރަށް ގިނަ ދިވެހިން ވެސް ދޭ
ސުލޭމާން
22 November 2020
ރާޖަޕަކްސަ ރައީސް ކަމުގައި ހުންނެވި އިރު ޕޯރޓް ސިޓީ ގެ މަޝްރޫއު އިފްތިތާހު ކުރިއިރު ނިންމީ އެތަނަކީ އެންޓަޓައިންމެންޓް ސިޓީއެއްގެ ގޮތުގައި ހެދުމަށް. ނަމަވެސް ސިރިސޭނާ ވެރިކަމަށް އައިސް އެކަން ބަދަލުކޮށް ކޮމާޝަލް ތަނަކަށް ހަދަން އެ މަޝްރޫއު ބަދަލުކުރީ. އަނެއްކާވެސް ރާޖަޕަކްސަ ގެ ދެބެއިން ވެރިކަމަށް މިއައީ. ވީމާ ޕޯޓް ސިޓީގައި ހުޅުވާނީ ހަމައެކަނި ކެސީނޯއެއްނޫން ނައިޓް ކްލަބް ވެސް ހުޅުވާނެ.
ހަދޭ ގިރި
22 November 2020
އެކަން ކުރާބަޔަކަށް އެކަން އެގޭނީ. ކެސިނޯ ހަދާތޯ ބަލަން ޖެހޭނީ އެ ކުޅި ކުޅޭ މީހުން ނެވެ. އަހަރެމެން ތިބުނީ ތަންތަން ހަދާތޯ ނުބަލަ މެވެ.