ލުބުނާނުގެ ޖަލަކުން ފިލި މީހުން ދުއްވި ކާރު އެކްސިޑެންޓްވެ ފަސް މީހުން މަރު

ބޭރޫތު (ނޮވެމްބަރު 22) - ލުބުނާނުގެ ޖަލެއް ފަޅާލައި ފިލަން އުޅުނު ބަޔަކު ދުއްވި ކާރު ގަހެއްގައި ޖެހި ފަސް މީހުން މަރުވެއްޖެ އެވެ.


ވެރިރަށް ބޭރޫތާ ކައިރި ހިސާބެއްގައި ހުންނަ ޖަލު ފަޅާލައިގެން 69 މީހަކު ވަނީ ފިލައިފަ އެވެ. އޭގެ ތެރޭން 15 މީހަކު ވަނީ އަތުލައިފަ އެވެ. އެކަކު ވަނީ އަނބުރާ ޖަލަށް ގޮހެވެ.

ލުބުނާނުގެ ރަސްމީ ނޫސް އެޖެންސީން ބުނީ ޖަލު ހުރި ސަރަހައްދުގައި ވަނީ ފިލި މީހުން ހޯދުމުގެ އޮޕަރޭޝަނެއް ފަށައިފަ އެވެ. އަދި އެ ހިސާބުގައި ދިރިއުޅޭ މީހުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ޖަލުން ފިލި މީހުން ހޯދަން އޮޕަރޭޝަނެއް ވަނީ ފަށާފައި. --ފޮޓޯ:ރޮއިޓާސް

އެކްސިޑެންޓް ހިނގީ ޖަލުން ފިލި ހަ ގައިދީއަކު ކާރެއް ހުއްޓުވުމަށް ފަހު އެ ކާރަށް އަރައިގެން ދަތުރު ކުރަނިކޮށެވެ. ނިއުސް އެޖެންސީން ބުނީ ސްޕީޑްގައި ދުއްވި ކާރު ގަހުގައި ޖެހުމާ އެކު ފަސް މީހަކު ވަނީ މަރުވެފައި ކަމަށެވެ. އަނެއް މީހާ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ.

ޖަލު ފަޅާލި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ. ޕްރޮސެކިއުޓަރަކު ބުނީ ގައިދީންނާއި ޖަލުގެ ގާޑުންނާ މެދު މައްސަލައެއް ހިނގީ ކަމަށް ވެސް ވެދާނެ ކަމަށެވެ.