އިޒްރޭލުން، ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓުވުމަށްޓަކައި، ޑިޕްލޮމެޓިކް ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަ އަންނަ ކަމަށާއި، އުރުދުނުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް، އުރްދުންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިން ވިދާޅުވެއްޖެ އެވެ.
އުރްދުންގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ އުދުވާން ހުއްޓުވައި، ފަލަސްތީނު ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް، ކަމާގުޅުން ހުރި ބައިނަލްއަގްވާމީ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގައި އުރްދުނަށް ވުރެ ގިނަ މަސައްކަތް ކުރާ އެހެން ގައުމެއް ނޯންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރޭ ބޭއްވި، އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި، އުރްދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވަނީ، އިޒްރޭލުގެ އަމަލުތައް ކުށްވެރި ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި މިހާރު ހިންގަމުންދާ ގަތުލުތަކާއި، ގެދޮރު ސުންނާފަތި ކުރުމާއި، އަދި އެންމެހައި އަނިޔާވެރި އަމަލުތަކުގެ ފުރިހަމަ ޒިންމާ ނަގަންޖޭހީ، އިސްތިއުމާރީ ބާރެއްގެ ގޮތުން އެ ބިންތަކަށް ވެރިވެގެން ތިބި އިޒްރޭލުގެ ސަލާމަތީ ބާރުތަކުންނެވެ.
ފަލަސްތީނުގައި އިޒްރޭލުން މިހާރު ހިންގަމުންދާ ގަތުލުއާންމާ ގުޅޭ ގޮތުން ބަހުސްކުރުމަށް، މިއަދު ފެށި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ ޣައްޒާ އާއި އިޒްރޭލާ ދެމެދު ހިންގަމުންދާ ކުރިމަތިލުންތަކަކީ، އިންތިހާއަށް ބިރުވެރި ކުރިމަތިލުންތަކެއް ކަމަށެވެ. އަދި އެ ކުރިމަތިލުންތައް ވަގުތުން ހުއްޓައިލުމަށް، ދެ ފަރާތަށް އޭނާ ގޮވައިލެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ބިންތަކުގައި މިހާރު ހިނގަމުންދާ އުދުވާނީ ހަމަލާތައް ހުއްޓުމަކަށް ގެނެވޭނީ، ދެ ފަރާތުންވެސް މެދުވެރިންގެ ވާހަކަތަކަށް ފުރުސަތު ދީގެންނެވެ.
އިޒްރޭލުގެ އުދުވާން ހުއްޓުވުމާ ބެހޭ ގޮތުން، މިދިޔަ ހަފުތާގެ ތެރޭގައިވެސް ދެ ފަހަރެއްގެ މަތިން، ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެފަދަ ބަޔާނެއް ނެރުމަކުން، ހަމަލާތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް ބުނެ، އެމެރިކާއިން ދެކޮޅު ހެދުމުގެ ސަބަބުން، ސަލާމަތީ މަޖިލީހުގެ އެ މަސައްކަތް ކާމިޔާބު ނުވީ އެވެ.
ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަކމުން، ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒް އަލް މާލިކީ ވިދާޅުވީ އިޒްރޭލުން އުދުވާނެއް ފަށާ ކޮންމެ ފަހަރަކު، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އިޒްރޭލަށްވެސް ލިބިގެންވާ ކަމަށް، ކޮންމެވެސް ގައުމެއްގެ ވެރިއަކު ވިދާޅުވެ އެވެ. އޭގެ ސަބަބުން، ފަލަސްތީނުގެ އާއިލާތައް ނިދާފައި ތިބޭ ވަގުތު އެ އާއިލާތައް އެކުގައި ގަތުލުކުރުމަށް އިޒްރޭލަށް ހިތްވަރު ލިބޭ ކަމަށް ވެސް މާލިކީ ވިދާޅުވި އެވެ.
އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް، އިޒްރޭލުގެ އުދުވާންތައް ހުއްޓުވުމަށް މިހާރު މަސައްކަތް ކުރަމުން އަންނަނީ، މިސްރާއި ގަތަރުގެ އިސް ނެގުމުގެ މަތިންނެވެ. (އަރަބް ނިއުސް)