ކުޅިވަރު / ވޯލްޑް ކަޕް 2022

ކެމަރޫނުން ބްރެޒިލް ބަލިކުރިއަސް ދެ ވަނަ ބުރަށް ދިޔައީ ސްވިޒަލެންޑް

ގަދަ 16 ގެ ޖާގަ ޔަގީން ވުމާ އެކު މެޗު ނިމުމުން ސްވިޒަލެންޑްގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ދޯހާ (ޑިސެމްބަަރު 3) - ކެމަރޫން އިން މެޗުގެ އިތުރު ވަގުތު ޖެހި ގޯލުން 1-0 އިން ވަރުގަދަ ބްރެޒިލް ބަލިކުރި ނަމަވެސް، ސާބިއާއާ ވާދަކޮށް 3-2 އިން މޮޅުވެ، ސްވިޒަލެންޑުން ގުރޫޕް ޖީ ގެ ދެ ވަނަ ޓީމްގެ ގޮތުގައި ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.

ބްރެޒިލް އޮތީ ފުރަތަމަ ދެ މެޗް ކާމިޔާބުކޮށް މާ ކުރިން ވެސް ދެ ވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފަ އެވެ. ސްވިޒަލެންޑުން މިރޭ ސާބިއާ ބަލިކޮށް ހަ ޕޮއިންޓް ހޯދައި، ބްރެޒިލް އާ ޕޮއިންޓްގެ ގޮތުން އެއްވަރު ކުރި ނަމަވެސް ފައިދާ ގޯލުގެ ތަފާތުން އެއް ވަނަ ލިބުނީ ބްރެޒިލް އަށެވެ.

ކެމަރޫން އިން ހޯދި މޮޅާ އެކު އެ ޓީމަށް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ސާބިއާ ގުރޫޕް ސްޓޭޖް ނިންމާލީ އެންމެ ޕޮއިންޓަކާ އެކު އެވެ.

އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕް ގައި ވެސް ސްވިޒަލެންޑް ވަނީ ގުރޫޕް ސްޓޭޖް ފަހަނަ އަޅާއި، ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ.

ސާބިއާ އާއި ސްވިޒަލެންޑް ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ސްވިޒަލެންޑެވެ. މެޗުގެ 20 ވަނަ މިނިޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޒެންޑެން ޝަގީީރީ އެވެ. ނަމަވެސް އޭގެ 15 މިނިޓް ތެރޭ ސާބިއާ އިން ވަނީ ނަތީޖާ އެއްވަރުކޮށް، ލީޑު ވެސް ހޯދައިފަ އެވެ.

ސާބިއާ އިން އެއްވަރުކުރި ލަނޑޫ 26 ވަނަ މިނިޓުގައި ޖަހައިދިނީ އަލެކްޒެންޑާ މިޓްރޮވިޗް އެވެ. އަދި ލީޑު ނެގީ 35 ވަނަ މިނިޓުގައި ޑޫސާން ވްލަހޯވިޗް އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމމުމުގެ ކުރިން ބްރީލް އެމްބޯލޯ ވަނީ ސްވިޒަލެންޑަށް ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ސްވިޒަލެންޑް މޮޅުވި ލަނޑު، ދެ ވަނަ ހާފުގެ ތިން ވަނަ މިނިޓުގައި ޖަހައިދިނީ ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓަށް ކުޅެމުން އަންނަ މިޑްފީލްޑަރު ރެމޯ ފްރޯލާ އެވެ.

ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކުރު، އެޓީމު މޮޅުކޮށްދިން ލަނޑޫ ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ގިނަ ބަދަލުތަކަކާ އެކު ނުކުތް ބްރެޒިލް ޓީމުން މެޗުގައި ގިނަ ހަމަލާތަކެއް ކެމަރޫންގެ ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް، އެޓީމުގެ ގޯލްކީޕަރު ޑޭވިޑް އެޕާސީ ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.

ކެމަރޫން އިން ވެސް ގިނަ ބްރެޒިލްގެ އެޓޭކްތައް ހުއްޓުވަން މަސައްކަތް ކުރަމުން ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. ނަމަވެސް ކާމިޔާބު ވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި، ކެޕްޓަން ވިންސެންޓް އަބޫބަކުރު ބޮލުން ފޮނުވާލި ހަމަލާ އެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ފަހު ވަގުތު ކުޅެން ނުކުތް ނަމަވެސް، މި މެޗުގައި ފޯވާޑް އަބޫބަކުރު ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ސްޓާޓް ކޮށްފަ އެވެ. އޭނާ ވަނީ މެޗުގައި ފަހަތަށް ފައިބައިގެން ޑިފެންސް ކުރަމުން ޓީމު މޮޅު ކޮށްދޭން ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ.

އަބޫބަކުރު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރި ވަގުތު އޭނާ ޖޯޒީ ބޭލުމުން ވަނީ ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ވެސް ދައްކައިފަ އެވެ. ފުރަތަމަ ރީނދޫ ކާޑު ދެއްކީ އޭނާ އެކަނި ފަހަތަށް ފައިބައިގެން ބްރެޒިލްގެ އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ކުރި ފައުލަކަށެވެ.

ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ބްރެޒިލް ކުޅެން ޖެހޭނީ ގުރޫޕް އެޗް ގެ ދެ ވަނަ ހޯދި ދެކުނު ކޮރެއާއާ ދެކޮޅަށެވެ. އަދި ދެ ވަނަ ހޯދި ސްވިޒަލެންޑް ކުޅޭނީ ގުރޫޕް އެޗް ގެ އެއް ވަނަ ހޯދި ޕޯޗުުގަލްއާ ދެކޮޅަށެވެ.

މި ދެ މެޗާ އެކު މި އަހަރުގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް މިވަނީ ނިމިފަ އެވެ. އެއްވެސް ޓީމަކަށް 100 ޕަސެންޓުގެ ރެކޯޑަކާ އެކު ގުރޫޕް ސްޓޭޖު ނިންމާލެވިފައެއް ނުވެ އެވެ.

ގަދަ 16 ޓީމު ވާދަކުރާ، މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ހޮނިހިރު ދުވަހުގެ ރޭ ފަށާނެ އެވެ. އެންމެ ފުރަތަމަ ރޭގަނޑު 8 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނެދަލެންޑްސް އާއި އެމެރިކާ އެވެ. އަދި ރޭގަނޑު 12 ޖަހާއިރު ކުޅޭނީ އާޖެންޓީނާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454