ކުޅިވަރު

އެމްބާޕޭ އަށް އެތައް ރެކޯޑެއް، އިސްއުފުލާލަން ޖެހޭ!

އެމްބާޕޭ، ވޯލްޑް ކަޕްގެ ރަން ބޫޓު ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ލުސެއިލް (ޑިސެމްބަރު 19) - ވޯލްޑް ކަޕް ކާމިޔާބުކުރަން ނުކުތް ފްރާންސް ޓީމުގެ 23 އަހަރުގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ފައިނަލުގައި ހެޓްރިކެއް ހެދި ނަމަވެސް ޓީމު ސަލާމަތެއް ނުކުރެވުނެވެ. އެހެން ނަމަވެސް އޭނާ ފައިނަލް މެޗު ނިންމާލީ ދުނިޔޭގެ ފުޓުބޯޅައިގެ ގިނަ ތަރިންތަކެއްގެ ރެކޯޑްތަކެއް މުގުރާލައިފަ އެވެ.

ފައިނަލް މެޗުގައި 2-0 އިން ފްރާންސް ބަލިވާން ދަނިކޮށް އެމްބާޕޭ ނަތީޖާ އެއްވަރުކުރީ އެންމެ ފަހު 10 މިނިޓު ތެރޭގައި، 97 ސިކުންތުން ދެ ގޯލު ކާމިޔާބު ކޮށްގެންނެވެ. މިއީ 2002 ވަނަ އަހަރު ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ، ވޯލްޑް ކަޕް ފައިނަލެއްގައި ދެ ގޯލު ކާމިޔާބު ކުރި ފަހުން، ވޯލްޑް ކަޕް ފައިނަލެއްގައި ކުޅުންތެރިއަކު ދެ ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

އަދި އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ އިން ދެވަނަ ފަހަރަށް ލީޑު ހޯދި ނަމަވެސް، އެމްބާޕޭ ވަނީ އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. މިއާ އެކު އެމްބާޕޭ ވެފައި ވަނީ 1966 ވަނަ އަހަރުގެ ފައިނަލްގައި އިންގްލެންޑްގެ ސާ ޖިއޯފް ހާސްޓް އަށް ފަހު، ވޯލްޑް ކަޕް ފައިނަލެއްގައި ހެޓްރިކް ފުރިހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އަދި އޭނާ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފައިނަލް ގައި ހެޓްރިކް ހެދި ދެ ކުޅުންތެރިންގެ ތެރެއިން އެކެކެވެ.

ޕެނަލްޓީ ޝޫޓްއައުޓް ގައި ވެސް ފްރާންސްގެ އެންމެ ފުރަތަމަ ޕެނަލްޓީ ޖެހީ އެމްބާޕޭ އެވެ. އޭނާ އެ ޕެނަލްޓީ ކާމިޔާބު ކުރި އެވެ. ނަމަވެސް އެހިސާބުން އޭނާގެ ޒިންމާ މި މުބާރާތަށް ނިމުނީ އެވެ.

ފައިނަލް ގައި ދެވަނަ ގޯލު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެމްބާޕޭގެ އެންމެ ފުރަތަމަ ވޯލްޑް ކަޕް، 2018 ގައި ވެސް އޭނާ ވަނީ ފައިނަލުގައި ގޯލު ޖަހައި، ފްރާންސަށް ތަށި ހޯދައިދީފަ އެވެ. އުމުރުން 18 އަހަރުގައި ޖެހި އެ ގޯލާ އެކު އެމްބާޕޭ ވެފައި ވަނީ ބްރެޒިލްގެ ޕެލޭ އަށް ފަހު ވޯލްޑް ކަޕް ފައިނަލެއްގައި ގޯލު ޖެހި ފުރަތަމަ ޓީނޭޖް ކުޅުންތެރިޔާއަށެވެ. އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދީ ވެސް އެމްބާޕޭ އެވެ.

އެމްބާޕޭ މި އަހަރުގެ ވޯލްޑް ކަޕްގެ ރަން ބޫޓު އޭނާ ހޯދީ، އަށް ގޯލު ކާމިޔާބު ކޮށްގެންނެވެ. މިއީ ވެސް 2002 ވަނަ އަހަރު ބްރެޒިލްގެ ރޮނާލްޑޯ އަށް ގޯލު ޖެހި ފަހުން ކުޅުންތެރިއަކު އެއް މުބާރާތެއްގައި އަށް ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

މިހާތަނަށް ވޯލްޑް ކަޕް މުބާރާތުގައި އެމްބާޕޭ ވަނީ 14 މެޗުން 12 ގޯލު ޖަހައިފަ އެވެ. މިއީ ބްރެޒިލްގެ ޕެލޭ ވޯލްޑް ކަޕް ގައި ކުޅުނު މެޗުގެ އަދަދާއި، ޖެހި ގޯލުގެ އަދަދާ އެއްވަރު ރެކޯޑެކެވެ. ޕެލޭ މި ރެކޯޑް ހާސިލް ކުރީ ހަތަރު ވޯލްޑް ކަޕް ގައި ކުޅެގެންނެވެ.

ވޯލްޑް ކަޕް 1958 ގައި ފްރާންސަށް 13 ގޯލު ޖަހައިގެން އެޓީމަށް ވޯލްޑް ކަޕް ގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިދިން ޖުސްޓް ފޮންޓެއިންގެ ރެކޯޑާ ހަމަކުރަން އޭނާ އަށް ބޭނުންވަނީ އެންމެ ގޯލެކެވެ. ފޮންޓެއިންގެ އިތުރުން ވޯލްޑް ކަޕް ގައި އެމްބާޕޭ އަށް ވުރެ ގިނަ ގޯލު ޖަހައިފައި ވަނީ އާޖެންޓީނާގެ ލިއޮނެލް މެސީ އާއި ބްރެޒިލްގެ ރޮނާލްޑޯގެ އިތުރުން ހުޅަނގު ޖަރުމަނަށް ކުޅުނު ގާޑް މުލާ އަދި ޖަރުމަންގެ މިރޮސްލާވް ކްލޯސާ އެވެ.

ކްލޯސާގެ 16 ގޯލުގެ ރެކޯޑާ ހަމަކުރަން، މާދަމާ 24 އަހަރު ފުރޭ އެމްބާޕޭ އަށް އަދި އެންމެ މަދުވެގެން ދެ ތިން ވޯލްޑް ކަޕް ކުރިއަށް އެބަ އޮތެވެ. އެހެންވެ ފައިނަލުން ބަލިވެ ތަށި ގެއްލުނަސް އޭނާ މާޔޫސްވާން ނުޖެހެ އެވެ.

5 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 0%
icon angry icon angry 5%
icon wow icon wow 11%
icon inlove icon inlove 26%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލީލާ.

20 December 2022

މެސީ ގެ ހުރިހާ ރިކޯޑެއް މުގުރާލާނެ... އަދި 1 ވޯލުޑުކަޕު ހޯދިޔަސް މެސީ އައް ވުރެ އިތުރައް 1 ވޯލުޑު ކަޕު ލިބުނީ

The name is already taken The name is available. Register?

މެސީ ފަންކާ (ފޭން)

19 December 2022

“އެހެންވެ ފައިނަލުން ބަލިވެ ތަށި ގެއްލުނަސް އޭނާ މާޔޫސްވާން ނުޖެހެ އެވެ.“ ކާކުތަ ބުނީ އޭނާ މާޔޫސްވާން؟ އޭނާ ކަމަރު ބަނދެގެން ހުރީ ޕެލޭގެ 3 ވޯރލްޑްކަޕް ތަށި ރެކޯޑު މުގުރާލަން. ދެން އެއީކީ މިހާރު ވާނެކަމަކާ ވަރަށް ވައްތަރުނޫން. މެސީ އުމުރުން 23 ވީއިރުވެސް އޮތް 2 ބެލޮންޑޯ. އެމްބާޕޭ އަދި އެއުޅެނީ ޗެމްޕިއަންސް ލީގެއްވެސް ނުގެންދެވިގެން. މެސީވަރުގެ ކުޅުންތެރިއެއް ދެން ހިޔެއްނުވޭ އަހަރުމެންގެ ހަޔާތުގަ ފެންނާނެހެން…

The name is already taken The name is available. Register?

ޑިކްޝަނަރީ އަންއޮފިޝިއަލް

19 December 2022

އަދި މީގަ ނުލިޔެވި އޭނީ، އެމްބާޕޭ އަކީ ވޯލްޑް ކަޕް ފައިނަލް މެޗުތަކުގައި ޖުމްލަކޮށް އެންމެ ގިނަ ގޯލު (4) ޖެހި ކުޅުންތެރިޔާ. މީގެ ކުރިން 3 ވަރަކަށް ކުޅުންތެރިން އައީ އެ ރެކޯޑު ހިއްސާކުރަމުން، އޭގެ ތެރޭގައި ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާން ހިމެނޭ

The name is already taken The name is available. Register?

ރަދީފުއޮފިޝަލް

19 December 2022

އެމްބާޕޭއާދިމާއަށް ދިވެހިން ހާދަ އެއްޗެއްސެއް ގޮވިޔޭ. އެދިޔައީ ބޫޓު ހިފައިގެން.

The name is already taken The name is available. Register?

އެމް ބާ ޕޭ

19 December 2022

މި އަަހަރު ވޯލްޑް ކަޕު ނިމިފައިވާތީ ދެން މުގުރާނެ އިތުރު ރެކޯރޑެއް ނެތް! ވ ސަލާމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454