11 ޑިސެމްބަރ 2021 - 11:00
ބިއުނަސް އޭރީޒް (ޑިސެމްބަރު 11) - އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމާ އަންނަ ޖެނުއަރީ މަހު ހަވާލުވާން ބާސެލޯނާ އާއި ލިވަޕޫލުގެ ކުރީގެ ކުޅުންތެރިޔާ ހާވިއާ މަޝެރާނޯ ތައްޔާރު ވެއްޖެ އެވެ.
ކޯޗިން އަށް އަލަށް ނުކުންނަ އުމުރުން 37 އަހަރުގެ މަޝެރާނޯ ޓީމާ ހަވާލުވާނީ އަންނަ ޖެނުއަރީ މަހު އެވެ. ޓީމުގެ ކޯޗަކަށް މަޝެރާނޯ ހަމަޖެއްސީ މިހާރު އެ މަގާމުގައި ހުރި ފެނާންޑޯ ބަޓިސްޓާ، ވެނެޒުއޭލާގެ ގައުމީ ޓީމުގެ ކޯޗިން ޓީމާ ގުޅެން ނިންމާފައި ވުމުންނެވެ.
މަޝެރާނޯ އަކީ އާޖެންޓީނާ ގައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ އާޖެންޓީނާއާ އެކު އޮލިމްޕިކްސްގައި ދެ ރަން މެޑަލް ހޯދި ހަމައެކަނި ފުޓުބޯޅަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2004 ވަނަ އަހަރު ގްރީސްގެ އެތެންސްގައި އޮތް މުބާރާތާއި، 2008 ގައި ޗައިނާގެ ބެއިޖިންގައި ބޭއްވި މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ.
އާއްމުކޮށް މެދުތެރޭން ޑިފެންސަށް ކުޅޭ މަޝެރާނޯ ވަނީ އާޖެންޓީނާއާ އެކު ހަތަރު ވޯލްޑް ކަޕުގައި؛ ޖަރުމަނު 2006، ސައުތު އެފްރިކާ 2010، ބްރެޒިލް 2014، ރަޝިއާ 2018 ގައި ކުޅެފަ އެވެ. ބްރެޒިލްގައި އޮތް މުބާރާތުގެ ފައިނަލުގައި އާޖެންޓީނާ ކުޅުނުއިރު، މަޝެރާނޯ ވަނީ އާޖެންޓީނާ ކުޅުނު ކޮންމެ މިނިޓެއްގައި ވެސް ކުޅެފަ އެވެ. ނަމަވެސް ފައިނަލުގައި ބަލިވީ ޖަރުމަން އަތުން އިތުރު ވަގުތުގަ އެވެ.
އާޖެންޓީނާގެ ރިވަ ޕްލޭޓުން ކެރިއަރު ފަށައި ބްރެޒިލްގެ ކޮރިންތިއަންސް އަށް ވެސް ކުޅުނު މަޝެރާނޯ ވަނީ ވެސްޓް ހޭމް ޔުނައިޓެޑާއި ލިވަޕޫލަށް ވެސް ކުޅެފަ އެވެ. ބާސެލޯނާއަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ލިވަޕޫލާ އެކު ފަސް ސީޒަން ކުޅެފަ އެވެ. އޭނާ ބާސެލޯނާއަށް ބަދަލުވީ 2010 ވަނަ އަހަރު އެވެ. ބާސެލޯނާގައި ހޭދަކުރި އަށް ސީޒަނުގައި މަޝެރާނޯ ވަނީ ފަސް ލަ ލީގާ އަދި ދެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ސްޕެއިންގެ ބާސެލޯނާއަށް 334 މެޗު ކުޅެދިން މަޝެރާނޯ އެ ޓީމަށް ޖަހައިދިން ހަމައެކަނި ގޯލު ޖެހީ ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗެއްގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެ މެޗަކީ އޭނާ ބާސެލޯނާއަށް ކުޅުނު 319 މެޗެވެ.
ބަސެލޯނާ ދޫކޮށް އޭނާ ވަނީ ޗައިނާގެ ސުޕަ ލީގުގައި ދެ އަހަރު ކުޅެފަ އެވެ. އެއަށް ފަހު ނޮވެމްބަރު، 2020 ގައި އޭނާ ފުޓުބޯޅައިން ރިޓަޔާ ކުރީ އާޖެންޓީނާގެ އެސްޓޫޑިއަންޓޭސް ޑެ ލަޕްލާޓާ އަށް އެއް އަހަރު ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy