މަލާގާގެ ރެޝިއޯ (ވ) ކައިރިން ސެވިއްޔާގެ ވިއޭޓޯ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
18 ޑިސެމްބަރ 2016 - 11:13
ބާސެލޯނާ (ޑިސެމްބަރު 18) - ސްޕެނިޝް ލީގުގައި ރޭ މަލާގާ އަތުން 4-1 އިން ހޯދި ބޮޑު މޮޅާ އެކު ސެވިއްޔާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ 15 މެޗުން 37 ޕޮއިންޓާ އެކު އެވެ. ރެއާލް މިއަދު ހަވީރު ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ކުޅޭނީ ކަޝިމާ އެންޓްލާސްއާ އެވެ.
ސެވިއްޔާ ދެ ވަނަ އަށް އެރީ 16 މެޗުން 33 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ ތިން ވަނައިގައި އޮތީ 15 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ އެސްޕަންޔޯލާ ދެކޮޅަށް ކުޅޭ މެޗުން ބާސެލޯނާ މޮޅުވެއްޖެނަމަ އަލުން ދެ ވަނަ އެ ޓީމަށް ލިބޭނެ އެވެ.
ރޭގެ މެޗުން ސެވިއްޔާ މޮޅުވީ 11 މިނިޓް ތެރޭ ޖެހި ހަތަރު ލަނޑާ އެކު އެވެ. އެ ޓީމުން ލަނޑުތައް ޖެހީ ފުރަތަމަ ހާފްގެ 25 ވަނަ މިނިޓުން ފެށިގެން 36 ވަނަ މިނިޓާ ދެމެދު އެވެ. ލަނޑުތައް ކާމިޔާބުކުރީ ލޫޝިއާނޯ ވިއޭޓޯ ދެ ލަނޑާއި ބެން ޔާޑާ އާއި މާޗިން ޕެރޭޒް ކޮންމެ ކުޅުންތެރިޔަކު އެއް ލަނޑެވެ.
މެޗުގެ ފަހު 30 މިނިޓް ސެވިއްޔާ އިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ މެޗުގެ 60 ވަނަ މިނިޓްގައި ސެވިއްޔާގެ އާދިލް ރަމީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. މަލާގާ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 64 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސަންޑްރޯ ރަމިރޭޒް އެވެ.
ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން ލަސް ޕަލްމާސްއާ ވާދަކޮށް މޮޅުވީ 1-0 އިންނެވެ. އެތުލެޓިކޯގެ ލަނޑު ކާމިޔާބުކުރީ ސައުލް ނިގޭޒް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy