ބާސެލޯނާގެ މެސީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
19 ޑިސެމްބަރ 2016 - 09:11
ބާސެލޯނާ (ޑިސެމްބަރު 19) – ލުއިސް ސުއަރޭޒްގެ ދެ ލަނޑާ އެކު އެސްޕަންޔޯލް އަތުން 4-1 އިން މޮޅުވެ ސްޕެނިޝް ލީގުގެ ދެ ވަނަ މަގާމަށް ބާސެލޯނާ ރޭ އަރައިފި އެވެ.
ބާސެލޯނާ ދެ ވަނަ އަށް އެރީ 34 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި 37 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ. ރެއާލުގެ ލީޑު ތިން ޕޮއިންޓަށް ކުޑަވި ނަމަވެސް އެ ޓީމަށް އަދި އެއް މެޗު ކުޅެން އޮތުމުން ހަ ޕޮއިންޓަށް ލީޑު ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.
ބާސެލޯނާ ސިޓީ އަށް ނިސްބަތްވާ ބާސެލޯނާ އާއި އެސްޕަންޔޯލް ރޭ ކުޅުނު މެޗު އޮތީ ކޭމްޕް ނޯ ސްޓޭޑިއަމުގަ އެވެ. މި މެޗުގެ 18 ވަނަ މިނެޓުގައި ސުއަރޭޒް ބާސެލޯނާ އަށް ލީޑު ނަގައިދިންއިރު ދެ ވަނަ ލަނޑު އޭނާ ޖެހީ 67 ވަނަ މިނެޓުގަ އެވެ. އޭގެ މިނެޓެއް ފަހުން ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހީ ޖޯޑީ އަލްބާ އެވެ. ދެން ފެނިގެން ދިޔައީ 79 ވަނަ މިނެޓުގައި ޑޭވިޑް ލޮޕޭޒް ތަފާތު ކުޑަކުރި ތަނެވެ. އެކަމަކު 90 ވަނަ މިނެޓުގައި ލިއޮނަލް މެސީ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ގޯލް ޖަހައިދީފަ އެވެ.
ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައި ބާސެލޯނާ ޑާބީގެ ލަނޑު ލިސްޓުގެ އެއް ވަނަ ހޯދި މެސީ އަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ވަނީ ތައުރީފުކޮށްފަ އެވެ. އެންރިކޭ ބުނީ މެސީގެ ކުޅުން ބަލަބަލާ ފޫހިނުވާނެ ކަމަށާއި އޭނާ ފަދަ އެހެން ކުޅުންތެރިޔަކު ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމްބޯ
20 December 2016
މޭސީ އަކީ ދުނިޔޭގެ އެއްވަނަ... އޭނައާ އެއްވެސް ކުޅުންތެރިޔަކާ ވާދަ ކުރިޔަސް އަރާ ހަމައެއް ނުކުރެވޭނެ... ރޮނާލްޑޯ މޮޅު އެކަމަކުވެސް މެސީ އަކާ އެއް ލެވެލް އަކާ ކުޑަކޮއްވެސް ގާތެއް ނުކުރެވޭނެ.... އެކަން ވަނީ މި މެޗުން ވެސް މަާބޮޑާށް ކަށަވަރުވެފައި....