21 ފެބުރުއަރީ 2022 - 06:31
ވެލެންސިއާ (ފެބްރުއަރީ 21) - ޕިއޭ އެމެރިކް އޮބާމަޔަންގެ ލަނޑުތަކާ އެކު ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ވެލެންސިއާ ބަލިކޮށްފި އެވެ.
މި މެޗުގައި 4-1 އިން ވެލެންސިޔާ ބަލިކުރިއިރު، އޮބާމަޔަން ބާސެލޯނާ އަށް ޖަހައިދިން ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނިޓުގައި ޖެހީ ޖޯޑީ އަލްބާގެ އެހީތެރިކަމާ އެކު އެވެ. ބާސެލޯނާގެ ދެވަނަ ލަނޑު 32 ވަނަ މިނިޓުގައި އުސްމާން ޑެމްބެލޭގެ އެހީތެރިކަމާ އެކު ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން އެވެ. އަދި އޭގެ ހަ މިނިޓު ފަހުން، ބާސެލޯނާގެ ތިންވަނަ ލަނޑު ޖެހީ ގަވީ ޕާސްކުރި ބޯޅައަކުން އޮބާމެޔަން އެވެ.
ދެވަނަ ހާފު ފެށިގެން ހަތް މިނިޓުގެ ތެރޭގައި ކާލޯސް ސޮލާ ވެލެންސިއާ އަށް ގޯލެއް ޖަހައިދީފައި ވަނިކޮށް، 63 ވަނަ މިނިޓުގައި ޕެޑްރީ އޭރިއާ ބޭރުން ފޮނުވައިލި ބާރު ހަމަލާއަކުން ބާސެލޯނާ އިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރި އެވެ. ޕެޑްރީގެ ހަމަލާ ގޯލު މަތީ ކަނަށް ވަނީ، ކުރިމަތީގައި ހުރި އޮބާމަޔަން ޕެޑްރީ އަށް ޖާގަ ހަދަން ތިރިވި ގަޑީގައި އޭނާގެ ބުރަކަށީގައި ޖެހިފަ އެވެ. އެއީ ޕެޑްރީ ޖެހި ލަނޑެއް ގޮތުގައި ފުރަތަމަ ނިންމި ނަމަވެސް، ފަހުން އެ ބަދަލުވީ އޮބާމެޔަންގެ ލަނޑަކަށެވެ.
މިއީ ހިލޭ ޓްރާންސްފާއެއްގައި މިދިޔަ މަހު އާސެނަލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި އޮބާމަޔަން ލަ ލީގާ ގައި ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ އޮތީ 24 މެޗު ކުޅެގެން ހޯދި 42 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ފަސްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އޮތީ އެއް މެޗު އިތުރަށް ކުޅެގެން ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ފަސްވަނައިގަ އެވެ. އެތުލެޓިކޯ ވަނީ ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި އޮސަސޫނާ އަތުން 3-0 އިން މޮޅުވެފަ އެވެ.
ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް ވެސް ވަނީ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލާވެސް އާ ވާދަކޮށް 3-0 އިން މޮޅުވެފަ އެވެ. އެ މެޗުގެ ދެވަނަ ހާފުގައި ރެއާލްގެ ތިން ލަނޑު ޖަހައިދިނީ މާކޯ އަސެންސިއޯ އާއި ވިނީޝަސް ޖޫނިއާ އަދި ކަރީމް ބެންޒެމާ އެވެ. ރެއާލް އެއްވަނައިގައި އޮތީ 25 މެޗުން ހޯދި 57 ޕޮއިންޓާ އެކު އެވެ.
ދެވަނައިގައި އޮތް ސެވިއްޔާ އަށް 25 މެޗުން ލިބިފައި ވަނީ 51 ޕޮއިންޓެވެ. ސެވިއްޔާ، ލީގުގައި ރޭ އެސްޕަނިޔޯލާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިިން އެއްވަރު ވެގެންނެވެ. ބާސާ އަށް ވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެން ތިންވަނައިގައި އޮތީ ރެއާލް ބެޓިސް އެވެ. ބެޓިސް ވަނީ އަމިއްލަ ދަނޑުގައި ރޭ ރެއާލް މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy