ޕީއެސްޖީ ޓީމު ރޭގެ މެޗު ކާޟިޔާބު ކުރުމަށް ފަހު، ފްރެންޗް ސުޕަ ކަޕް ޓްރޮފީއާ އެކު.-- ފޮޓޯ: އޭއެފްޕީ
01 އޯގަސްޓް 2022 - 09:59
ތެލް އަވީވް (އޮގަސްޓް 1) - ފާޑުކިޔުންތަކާ އެކު ވެސް މިއަހަރުގެ ފްރާންސްގެ ފުޓުބޯޅަ ސީޒަން ހުޅުވަން އިޒްރޭލުގައި ކުޅުނު މެޗުގައި ނަންޓްސްއާ ވާދަކޮށް 4-0 އިން މޮޅުވެ، ޕީއެސްޖީން ފްރެންޗް ސުޕަ ކަޕް ކާމިޔާބު ކޮށްފި އެވެ.
މިއީ ޕީއެސްޖީން ފްރެންޗް ސުޕަ ކަޕް ކާމިޔާބުކުރި 11 ވަނަ ފަހަރެވެ. މިދިޔަ ސީޒަނުގެ ފްރެންޗް ސުޕަ ކަޕް ވެސް ކުޅުނީ އިޒްރޭލުގަ އެވެ. ނަމަވެސް އެ މެޗުގައި ޕީއެސްޖީ ވަނީ އޭގެ ކުރީ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދި ލިލް އަތުން 1-0 އިން ބަލި ވެފަ އެވެ. އޭގެ ކުރިން ކުޅުނު ސުޕަ ކަޕްގެ އަށް މެޗު ވެސް ކާމިޔާބުކުރީ ޕީއެސްޖީ އެވެ.
ރޭގެ މުޅި މެޗު ޕީއެސްޖީން ޑޮމިނޭޓް ކުރި އިރު، އެޓީމުން ދިޔައީ ފުލުފުލުގައި ނަންޓްސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އަޝްރަފް ހަކީމީ ފޮނުވާލި ހަމަލާއެއް ނަންޓްސްގެ ޒުވާން ގޯލްކީޕަރު އަލްބާޓް ލަފޯންޓް ދިފާއު ކުރި އިރު، ޕަބްލޯ ސަރާބިއާ އަށް ލިބުނު ފުރުސަތުގައި ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ. އަދި ކެޕްޓަން މާކީނިއޯސް ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ހުރަސް ދަނޑިއަށް ވެސް އަމާޒު ވެފަ އެވެ.
ނަންޓްސް އިން ވެސް ވަނީ ޕީއެސްޖީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ހާފުގައި ހަމަލާއެއް އުފައްދައިފަ އެވެ. ނަމަވެސް މިޑްފީލްޑަރު ލޫޑޮއިކް ބްލާސް އޭރިއާ ބޭރުން ސީދާ ގޯލު މަތީ ކަނަށް ފޮނުވާލި ހަމަލާ ޕީއެސްޖީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ ވަނީ ދިފާއު ކޮށްފަ އެވެ.
ޕީއެސްޖީ އަށް ލީޑު ނަގައިދިނީ 22 ވަނަ މިނިޓުގައި ލިއޮނެލް މެސީ އެވެ. މެސީ ވަނީ ނޭމާ ދިން ތުރޫ ޕާހެއް ހޯދައި، ގޯލްކީޕަރު ކައިރިން ނައްޓާފައި އޭނާގެ ކަނާތު ފައިން ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. އަދި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ނޭމާ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއް، ފާރަށް އެތުރިފައި ތިބި ކުޅުންތެރިންގެ ބޯ މަތިން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ. ހިލޭޖެހުން ލިބުނީ ކުރިން ޓޮޓެންހަމް ހޮޓްސްޕާ އާއި ވަޓްފޯޑަށް ކުޅެ، މި ސީޒަނުގައި ނަންޓްސް އަށް ބަދަލުވި މިޑްފީލްޑަރު މޫސާ ސިސޯކޯ، ނޭމާއަށް ކުރި ފައުލަކުންނެވެ.
މެޗުގައި ޕީއެސްޖީން ޖެހި ތިންވަނަ ލަނޑު 57 ވަނަ މިނިޓުގައި ޖަހައިދިނީ 36 އަހަރުގެ ސްޕެއިންގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އެވެ. ވެރާޓީ އޭރިއާ ތެރެއަށް މަތިން ވައްޓާލި ބޯޅަ ސަރާބިއާ އެއް ފަހަރުން ފޮނުވާލުމުން ކީޕަރު ދިފާއު ކުރި ނަމަވެސް ގޯލު ކުރިމަތީ ހުރި ރާމޯސް ވަނީ ރީތި ބެކްހީލް ކިކަކުން ޓީމުގެ ލީޑު ފުޅާ ކޮށްދީފަ އެވެ.
ޕީއެސްޖީގެ ހަތަރުވަނަ ލަނޑު 82 ވަނަ މިނިޓުގައި ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ނޭމާ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ޖިއާން ޗާލްސް ކަސްޓެލޭޓޯ، އޭރިއާ ތެރެއިން ނޭމާއަށް ފައުލް ކޮށްގެން ދިން ޕެނަލްޓީއެކެވެ. މި ފައުލަށް ކަސްޓެލޭޓޯ އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
މިދިޔަ ސީޒަނުގެ ފްރެންޗް ކަޕް ޗެމްޕިއަން ނަންޓްސް އިން މެޗުގެ ބާކީ ބައި 10 ކުޅުންތެރިންނާ އެކު ކުޅެމުން ވެސް ގޯލެއް ޖަހަން މަސައްކަތް ކުރި އެވެ. އެކަމަކު މެޗުގެ އެންމެ ފަހު ވަގުތުކޮޅު އެ ޓީމުގެ ނައިޖީރިއާ ފޯވާޑް މޯސެސް ސައިމަން އޭރިއާ ތެރެއަށް ވަދެ، ރާމޯސް އާއި ޕްރެސްނެލް ކިމްޕެމްބޭގެ ދޭތެރެއިން ފޮނުވާލި ބާރު ހަމަލާ ކީޕަރު ޑޮނަރޫމާ ދިފާއު ކުރި އެވެ.
ލީގު ޗެމްޕިއަނުންގެ ގޮތުގައި ޕީއެސްޖީން ރޭ ކުޅުނު މެޗުގައި ކިލިއަން އެމްބާޕޭ ނުހިމެނުނު ނަމަވެސް ލިއޮނެލް މެސީ އާއި ނޭމާ ވަނީ ކުޅެފަ އެވެ. އަދި މި ސީޒަނުގައި އެޓީމަށް ގެނައި ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު ވިޓީނިއާ އާއި ލެފްޓު ބެކް ނޫނޯ މެންޑޭސް ވަނީ ފުރަތަމަ 11 ގައި ހިމަނައިފަ އެވެ. އަދި އާރްބީ ލައިޕްޒިގުން ގެނައި ފްރާންސްގެ ޑިފެންޑަރު ނޯޑީ މުކިއެލޭ އަށް ވެސް އާ ކޯޗު ކްރިސްޓޮފް ގަލްޓިއާ ވަނީ ފަހު ހާފުގައި ފުރުސަތު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy