05 އޯގަސްޓް 2022 - 11:56
އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން މިރޭ ފަށާނެ އެވެ.
ލީގުގެ ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ބައްދަލުކުރާނީ އާސެނަލް އާއި ކްރިސްޓަލް ޕެލަސް އެވެ. އާސެނަލްގެ އިންވިންސިބަލް ކެޕްޓަން ޕެޓްރިކް ވިއޭރާގެ ކޯޗުކަމުގައި ނުކުންނަ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އާސެނަލް ކުޅޭނީ ޕެލަސްގެ ދަނޑުގަ އެވެ.
އެއަށް ފަހު މާދަމާ ހަވީރު ރާއްޖެ ގަޑިން 4:30 ގައި ކުޅޭނީ އަލަށް ޕްރޮމޯޓްވި ފުލަމް އާއި މިދިޔަ ސީޒަނުގެ ދެ ވަނަ ދޯދި ލިވަޕޫލް އެވެ. މި މެޗް ކުޅޭނީ ފުލަމްގެ ކްރޭވަން ކޮޓެޖުގަ އެވެ. ލިވަޕޫލް އެންމެ ފަހު ތިން ސީޒަނުގައި ވެސް ލީގުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އަލަށް ޕްރޮމޯޓްވި ކުލަބުތަކާ ދެކޮޅަށެވެ. އެ ތިން މެޗު ވެސް ލިވަޕޫލުން ކާމިޔާބު ކުރި އެވެ.
ލިވަޕޫލް މެޗަށް ފަހު، އެޓީމުގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑުގެ ކޯޗުކަމުގައި ކުޅޭ އެސްޓަން ވިލާގެ ފުރަތަމަ މެޗުގައި ނުކުންނާނީ އަލަށް ޕްރޮމޯޓްވި ބޯންމައުތާ ދެކޮޅަށެވެ. އެ މެޗް ފަށާނީ މާދަމާ ރޭ 7 ޖަހާ އިރެވެ.
ހަމަ އެވަގުތު ޝައުގުވެރި އިތުރު މެޗުތަކެއް ވެސް ކުޅޭނެ އެވެ. ލީޑްސް ޔުނައިޓެޑާއި ވުލްވްސް ކުޅޭއިރު އަލަށް ޕްރޮމޯޓްވި ކުރީގެ ގަދަބާރު ނޮޓިންހަމް ފޮރެސްޓުގެ ފުރަތަމަ މެޗުގައި ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. އަދި ޓޮޓެންހަމް ހޮޓްސްޕާ ކުޅޭނީ ސައުތެމްޓަން އާ ދެކޮޅަށެވެ.
ޕްރިމިއާ ލީގު އާ ސީޒަނުގެ ފުރަތަމަ ހަފްތާގެ މެޗުތައް.
މާދަމާގެ ފަހު މެޗުގައި ރޭގަނޑު 9:30 ގައި ނުކުންނާނީ ޗެލްސީ އާއި އެވަޓަން އެވެ. އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑަކީ ޗެލްސީ އަށް ކޯޗު ކޮށްދިނުމުގެ އިތުރުން ކުރިން އެ ޓީމަށް ކުޅެ، ޓީމުގެ އެތައް ރެކޯޑެއް ހިއްސާ ކުރާ ކުރީގެ ލެޖެންޑަރީ މިޑްފީލްޑަރެކެވެ. ލަމްޕާޑާ އެކު އެވަޓަން އިން މިދިޔަ ސީޒަނުގައި ރެލިގޭޝަނުން ސަލާމަތް ވުމުގައި، އެޓީމު އަމިއްލަ ދަނޑުގައި ޗެލްސީ އަތުން ހޯދި ތިން ޕޮއިންޓުގެ ދައުރު މުހިއްމެވެ.
ފުރަތަމަ ހަފްތާގެ މެޗުތަކުން ބާކީ ތިން މެޗު ކުޅޭނީ އާދިއްތަ ދުވަހު އެވެ. އެދުވަހުގެ ހަވީރު 6 ޖަހާއިރު ލެސްޓާ ސިޓީ އާއި ބްރެންޓްފޯޑް ބައްދަލުކުރާ އިރު، ހަމަ އެވަގުތު މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ވެސް އޯލްޑް ޓްރެފޯޑުގައި ކުޅޭނެ އެވެ. އަދި ހަފްތާގެ ކުޅުން ނިންމާލާނީ ރޭގަނޑު 8:30 ގައި ވެސްޓް ހޭމް ޔުނައިޓެޑާއި ޗެމްޕިއަން މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގާ އެކު ޖަރުމަން ބުންޑެސްލިގާ އާއި ފްރެންޗް ލީގް ވަން ވެސް މިރޭ ފަށާގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ޔޫރަޕުގެ އެންމެ މަތީ ފަސް ލީގު ތެރޭގައި ދެން ހިމެނޭ ސްޕެނިޝް ލަލީގާ، މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ފަށަން ހަމަޖެހިފައި ވާއިރު، އިޓަލީގެ ސެރީއޭ ފަށާނީ 13 ވަނަ ދުވަހުގެ ރެއެ އެވެ.
މިީގެ ކުރީ އަހަރުތަކާ ހިލާފަށް މިއަހަރުގެ ސީޒަން ފަށަނީ އެހެން ފަހަރުތަކަށް ވުރެ އަވަހަށެވެ. އަދި މުބާރާތް ނިމޭ ތާރީހު ވެސް ލަސް ވާނެ އެވެ. އެއީ ނޮވެމްބަރު މަހުގެ މެދުތެރޭން ފެށިގެން އެއް މަހުގެ މުއްދަތަށް، ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ލީގު މެދުކަނޑާލާތީ އެވެ.
ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވޯލްޑް ކަޕް ފަށަން އޮތް އިރު، އޭގެ ހަފްތާއެއް ކުރިން؛ އެންމެ ލަސްވެގެން 14 ވަނަ ދުވަހު، ވޯލްޑް ކަޕަށް ދާ ކުޅުންތެރިން ގައުމީ ޓީމުތަކަށް ދޫކުރަން މަޖުބޫރު ވާނެ އެވެ. މިއާ އެކު ގިނަ ލީގުތައް ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާ ބަންދުގައި ކުޅުމަށް ފަހު މެދުކަނޑާލައިފަ އެވެ. ނަމަވެސް ސްޕެއިންގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ވޯލްޑް ކަޕަށްދާ ކުޅުންތެރިން އަވަހަށް ގައުމީ ޓީމުތަކަށް ފޮނުވަން ފުރުސަތުދޭން، ލަލީގާގެ ކުޅުން މެދުކަނޑާލާ ގޮތަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާމެދު ތެރޭގަ އެވެ.
ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ކުޅޭ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު އެންމެ އަވަހަށް ކުޅުން އަލުން ފަށާނީ އިނގިރޭސި ޕްރިމިއާ ލީގުގަ އެވެ. އިނގިރޭސި ލީގު މެޗުތައް ފަށާނީ ޑިސެމްބަރު 26 ވަނަ ދުވަހު އެވެ. އެ އަށް ފަހު 28 ވަނަ ދުވަހު ފްރެންޗް ލީގުގެ ކުޅުން ފަށައި، އަހަރުގެ އެންމެ ފަހު ދުވަހު ލަ ލީގާގެ މެޗްތައް ފަށާނެ އެވެ. އިޓާލިއަން ސެރީއޭ ޖެނުއަރީ ހަތަރުވަނަ ދުވަހު ފަށާއިރު، ބުންޑެސްލިގާ ފަށާނީ ޖެނުއަރީ 21 ގަ އެވެ.
ސީޒަން ހުޅުވަން ކުޅޭ އިނގިރޭސި ކޮމިއުނިޓީ ޝީލްޑްް މެޗު ވެސް މިއަހަރު އޮގަސްޓް މަސް އައުމުގެ ކުރިން ވަނީ ކުޅެ ނިންމާލައިފަ އެވެ. މީގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗުތައް ވެސް މި ސީޒަނުގައި އެހެން އަހަރުތަކަށް ވުރެ އަވަހަށް ފަށާނެ އެވެ. އެއީ ވޯލްޑް ކަޕަށް ކުލަބް ފުޓުބޯޅަ މެދުކަނޑާލުމުގެ ކުރިން ގުރޫޕް ސްޓޭޖުގެ މެޗުތައް ފުރިހަމަ ކުރުމަށެވެ.
މިއަހަރުގެ ސީޒަން މެދުތެރޭން ވޯލްް ކަޕް ކުރިއަށް އޮތުމާ އެކު މަޝްހޫރު ގިނަ ކުޅުންތެރިންނަށް ވަނީ ސީޒަނުގައި ކުރަން ޖެހޭ މަސައްކަތް އިތުރު ވެފަ އެވެ. އޭގެ ސަބަބުން ވޯލްޑް ކަޕަށް ގިނައިން ކުޅުންތެރިން ފޮނުވާ ޓީމުތަކަށް އަނިޔާގެ މައްސަލަތަކާއި ވަރުބަލިކަމުގެ މައްސަލަ ދިމާވުން އެކަށީގެންވާ ކަމަށް ގިނަ ބަޔަކު ލަފާ ކުރެ އެވެ. އަދި ވޯލްޑް ކަޕަށް މަދުން ކުޅުންތެރިން ފޮނުވާ ޓީމުތަކަށް އޭގެ ފައިދާ ވެސް ނެގިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅި
05 August 2022
ފުރިހަމަ ލިޔުމެއް