23 މާޗް 2023 - 13:44
އިސްތަންބޫލް (މާޗު 23) - ޖަރުމަނާ އެކު 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި ފުޓްބޯޅަ ތަރި މެސުޓް އޮޒިލް އުމުރުން 34 އަހަރުގައި ރިޓަޔާކޮށްފި އެވެ.
އޮޒިލްގެ ސޯޝަލްމީޑީއާ ގައި އޭނާ ރިޓަޔާ ކުރަން ނިންމިކަން ހާމަކުރަމުން ބުނީ، ކުޅުން ހުއްޓާލަން ނިންމި އެންމެ ބޮޑު ސަބަބަކީ ގާތްގާތުގައި ލިބެމުންދިޔަ އަނިޔާތައް ކަމަށެވެ.
"ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އަހަރެންނަށް މިހާރު ގާތްގަނޑަކަށް 17 އަހަރު އުޅެވިއްޖެ. އެ ފުރުސަތަށް އިހްލާސްތެރި ކަމާ އެކު ޝުކުރެއް އަދާކުރަން،" ސޯޝަލް މީޑިއާގައި އޮޒިލް ލިޔެފައިވެ އެވެ.
"އެކަމަކު ފާއިތުވި ހަފްތާތަކާއި މަސްތަކުގައި ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކާ ހުރެ ފުޓްބޯޅަ ކުޅުމުގެ މަރުހަލާ ދޫކޮށްލަންވީ ވަގުތު ޖެހިއްޖެކަން ސާފުވެއްޖެ."
އިސްތަންބޫލް ބަސަކްޝެހިރަށް މިި ސީޒަން ގައި ބަދަލުވި އޮޒިލް އެ ކުލަބަށް ވަނީ ހަތް މެޗު ކުޅެދީފަ އެވެ.
އޮޒިލް ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު ސްޕެނިޝް ލީގު ކާމިޔާބުކޮށް، އިނގިރޭސި ވިލާތުގެ އާސެނަލް އާއެކު ހަތަރު ފަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. އޭނާ ޖަރުމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2018 ވަނަ އަހަރު، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންގެ ފަރާތުން އޭނާ އަށް ނަސްލީ ތަފާތުކުރުމާއި ފުރައްސާރަ ރައްދުވާން ފެށުމުންނެވެ.
ސަބަބަކަށް ވީ ތުރުކީ ނަސްކުގެ އޮޒިލް، އެ އަހަރުގެ ވޯލްޑް ކަޕް ގެ ކުރިން ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން އާ ބައްދަލު ކުރުމެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ ވަނީ ޓީމަށް 92 މެޗު ކުޅެދީ 23 ގޯލު ޖާމިޔާބު ކޮށްދީފަ އެވެ.
އެ އަހަރުގެ ވޯލްޑް ކަޕަށް ފަހު ޖަރުމަން ޓީމުގެ މެނޭޖަރު އޮލިވާ ބިއޭހޮފް އާއި އޭރުގެ ފެޑެރޭޝަންގެ ރައީސް ރެއިނާޑް ގްރިންޑެލް ގެ ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒު ވިއެވެ. މިކަމާ ގުޅިގެން ގްރިންޑެލް ފަހުން އެކަމާ ހިތާމަ ކުރި ނަމަވެސް، އޭރު އޮތީ ވަގުތު ފާއިތު ވެފަ އެވެ. އޮޒިލް ވަނީ ދެން ޖަރުމަން ގައުމީ ޓީމަށް ކުޅެން ބޭނުން ނުވާކަން އިއުލާން ކޮށްފަ އެވެ.
އޮޒިލްގެ ކެރިއަރު ފެށީ ޖަރުމަންގެ ކްލަބް ޝާލްކާ އިންނެވެ. އެއަށް ފަހު ގައުމީ ޓީމުން ޖާގަ ހޯދީ ވާޑާ ބްރޭމަން އަށް ކުޅެމުންނެވެ. އަދި ރެއާލް މެޑްރިޑުން ފުރުސަތު ލިބުނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.
އޮޒިލް ތުރުކީ އަށް ބަދަލުވީ 2021 ވަނަ އަހަރު އާސެނަލް އާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފަ އެވެ. އާސެނަލް އާއެކު އޮޒިލް ވަނީ އަށް އަހަރު ހޭދަ ކޮށްފަ އެވެ. ދުނިޔޭގެ އެންމެ މޮޅު އެއް މިޑްފީލްޑަރުގެ ގޮތުގައި ހުރި އޮޒިލް، އާސެނަލް އާ މައްސަލަ ޖެހުނީ 2019 ވަނަ އަހަރު ޗައިނާ އިން އެ ގައުމުގެ ޒިންޖިއާން ސަރަހައްދަށް ނިސްބަތްވާ އުއިގޫރު މުސްލިމު އާބާދީއާ މެދު ކަންތައް ކުރާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބަސް ބުނަން ފެށުމުންނެވެ. މިއާ ގުޅިގެން ޗައިނާ އިން އާސެނަލްގެ މެޗުތައް އެގައުމުގެ ޓީވީތަކުން ދެއްކުން ހުއްޓާލުމާ ގުޅިގެން އާސެނަލް އިން އޭނާ އަށް ކުޅުމުގެ ފުރުސަތު ނުދީ ބާކީ ކޮށްލީ އެވެ.
އާސެނަލް ދޫކޮށް ތުރުކީގެ ފެނަބާޗޭ އަށް ބަދަލުވެ، އޮޒިލް އަށް ވަނީ ފިޓްނަސްގެ ގިނަ މައްސަލަތަކެއް ދިމާވެފަ އެވެ. ފިޓްނަސްއާ ގުޅިގެން ކުލަބުގެ ކޯޗާ ޖެހުނު މައްސަލައެއްގައި އޭނާ ޓީމުން ސަސްޕެންޑް ވެސް ކުރި އެވެ. މިއާ ގުޅިގެން ފެނަބާޗޭއާ ދެމެދު އޮތް އެއްބަސްވުން އުވާލީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭޖޭ އޮކާޗާ
23 March 2023
ހުޅަނގުގެ ދެފުށް ކެހެރިކަމުން މުުސްލިމް އެތްލީޓުން އަށް ލިބޭ ގެއެްލުން މިހިރަ ފެންނަނީ.