23 މާޗް 2023 - 13:46
މެންޗެސްޓާ (މާޗު 23) - އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑް ގަންނަން ބިޑް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މުއްދަތު އިތުރު ކުރީ ގަތަރުގެ ޝެއިހް ޖާސިމް ބިން ހަމަދު އަލް ތާނީ އާއި އިނގިރޭސި ބިލިއަނަރު ސާ ޖިމް ރެޓްްލިފް ވެސް ހުށަހަޅާ ބިޑަށް އިސްލާހުތަކެއް ގެނައުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި މުއްދަތު އިތުރު ކުރީ ކިހާ ވަގުތަކަށް ކަމެއް ހާމަ ކޮށްފައެއް ނުވެ އެވެ.
ބިޑަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން ދެ ފަރާތުން ވެސް ވަނީ އެންމެ ފަހުގެ ބިޑްތައް ހުށަހަޅައިފަ އެވެ. އަދި މިއާ ގުޅިގެން ދެ ފަރާތުން ހުށަހެޅި ބިޑްތަކަށް އިތުރު ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަކަށް ނުބެލެވެ އެވެ.
ޔުނައިޓެޑް ވިއްކާލުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކުލަބުގެ އޯނަރުން ކަމަށްވާ ގްލޭޒާ ފެމިލީ ގެ ފައިނޭންޝިއަލް އެޑްވައިޒަރުން ކަމަށްވާ އެމެރިކާގެ އިންވެސްޓްމަންޓް ބޭންކިން ފާމް އެއް ކަމަށްވާ ރެއިން ގުރޫޕުންނެވެ. އަދި މިދިޔަ އަހަރު ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗް، އެމެރިކާގެ ޓޮޑް ބޯލީގެ ކޮންސޯޓިއަމް އަށް ޗެލްސީ ވިއްކާލުމުގައި ވެސް މަދުވެރިއަކަށްވީ މި ގުރޫޕެވެ.
ރެޓްކްލިފް ގެ އީނޯސް ގުރޫޕުން ގަންނަން ހުށަހަޅަނީ ޔުނައިޓެޑްގެ 69 ޕަސެންޓްގެ ހިއްސާކަމަށް ރިޕޯޓް ކުރާއިރު، ގަތަރުގެ ކުރީގެ ޕްރައިމް މިނިސްޓަރުގެ ދަރިކަލުންގެ ޓާގެޓަކީ ޔުނައިޓެޑްގެ 100 ޕަސެންޓް ހިއްސާދާރަށް ވުމެވެ.
ދެފަރާތުން ވެސް ވަނީ މި މަހު ކުލަބާ އެކު ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ޝެއިހް ޖާސިމް ކުލަބާ އެކު 10 ވަރަކަށް ގަޑިއިރުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވާއިރު، މިދިޔަ ހަފްތާގައި ރެޓްކްލިފް ކުލަބާ އެކު ހަ ގަޑިއިރުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވާކަމަށް ރިޕޯޓް ކުރެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ އޯނަރުން ކަމަށްވާ ގްލޭޒާސް އިން ކްލަބް ވިއްކާލަން ހުށަހަޅަނީ 5-6 ބިލިއަން ޕައުންޑް (6.16-7.39 ބިލިއަން ޑޮލަރު) ގެ އަގަކަށެވެ. ރިޕޯޓްތައް ބުނާގޮތުން ދެ ފަރާތުގެ ބިޑްތައް ވެސް ފަސް ބިލިއަން ޕައުންޑާ ގާތް ކުރާނެ އެވެ. މި އަގުގައި ޔުނައިޓެޑް ވިއްކާލެވިއްޖެ ނަމަ ވެގެންދާނީ ދުނިޔޭގައި މިހާތަނަށް ކުޅިވަރު ކްލަބެއް ވިއްކާލި އެންމެ ބޮޑު އަގަށެވެ. މިހާތަނަށް އެންމެ ބޮޑު އަގުގައި ކުޅިވަރު ކްލަބެއް ވިއްކާލާފައި ވަނީ، މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔެއް ކަމަށްވާ ރޮބް ވޯލްޓަން ވަނީ އެމެރިކަން ފުޓްބޯޅަ ޓީމެއް ކަމަށްވާ ޑެންވާ ބްރޮންކޯސް ގަންނަން 3.71 ބިލިއަން ޕައުންޑް (4.56 ބިލިއަން ޑޮލަރު) ހޭދަ ކޮށްފަ އެވެ.
ގަތަރުގެ ޝެއިހް ޖާސިމް އާއި ރެޓްކްލިފްގެ އީނޯސް ގުރޫޕަކީ ޔުނައިޓެޑް ގަންނަން ބިޑް ހުށަހަޅާފައި ވާކަން މީޑިއާތަކުގައި ހާމަ ކޮށްފައިވާ ހަމައެކަނި ދެ ފަރާތެވެ. އެކަމަކު އިތުރު ފަރާތްތަކުން ވެސް ޔުނައިޓެޑްގެ ހިއްސާ ގަންނަން ހުށަހަޅާފައި ވާނެ ކަމަށް ބެލެވެ އެވެ. މިދިޔަ ނޮވެމްބަރު މަހު ގްލޭޒާސް ފެމިލީ އިން ވަނީ ޔުނައިޓެޑްގެ މައިނޯރިޓީ ހިއްސާއެއް ވިއްކާލައިގެން ކްލަބުގެ ކޮންޓްރޯލް ދެމެހެއްޓުމުގެ އިންތިޒާމެއް ވެސް ހަމަޖެއްސިދާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy