އާސެނަލްގެ ފޯވާޑް އަލެކްސިސް ސަންޗޭޒް. -- ފޮޓޯ: އޭއެފްޕީ
07 މާޗް 2017 - 10:42
ލަންޑަން (މާޗް 7) – އާސެނަލްގެ އެލެކްސިކް ސަންޗޭޒާއި އެ ޓީމުގެ އެހެން ކުޅުންތެރިންނާ ދެމެދު ޓްރެއިނިންގައި ޒުވާބެއް ހިނގި ކަމަށް ދެކެވޭ ވާހަކަތައް އެ ޓީމުގެ ކޯޗު އާސެން ވެންގާ ދޮގުކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހޮނިހިރު ދުވަހު ލިވަޕޫލް އަތުން ބަލިވި މެޗުގެ ކުރިން ބޭއްވި ޓްރެއިނިންގެ ތެރެއިން ސަންޗޭޒް ވަނީ ބައެއް ކުޅުންތެރިންނާ ވަރަށް ބޮޑަށް ޒުވާބުކުރުމަށް ފަހު ޓްރެއިނިންގެ މެދުތެރެއިން ޗޭންޖިން ރޫމަށް ގޮސްފަ އެވެ. އަދި ޓްރެެއިނިން އަށް ފަހު ކުޅުންތެރިން ޗޭންޖިން ރޫމަށް އައުމުން އިތުރަށް މައްސަލަ ގޯސްވި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
"އަހަންނަކަށް ނޭގޭ. އެއްވެސް ކަމެއް ނެތް ހިނގާފައެއް،" ވެންގާ ބުންޏެވެ.
ވެންގާ އެކަން ދޮގުކުރި ނަމަވެސް އެއީ ހިނގި ކަމެއް ކަމަށް ބާރު ލިބެނީ ލިވަޕޫލް މެޗުގެ ފުރަތަމަ އެގާރައިގައި އޭނާ ނުހިމެނުމުންނެވެ. ދެ ވަނަ ހާފުގައި އަރައި އޭނާ ވަނީ އެ ޓީމަށް ގޯލެއް ޖެހުމަށް މަގުފަހިކޮށްދީފަ އެވެ.
"އަހަރެން މެޗަށް ފަހު ކިޔައިދިނިން (ސަންޗޭޒް ނޭރުވި ސަބަބު) އަހަރެން ބޭނުންވީ ވަރަށް ބޮޑަށް ޑައިރެކްޓްކޮށް ކުޅުވަން. އެއީ (ސަންޗޭޒް ނޭރުވި) ހަމައެކަނި ސަބަބަކީ،" ވެންގާ ބުންޏެވެ. "އަހަންނާ އޭނާއާ ދެމެދު އޮތީ ތެދުވެރި އަދި އާއްމު ގުޅުމެއް އެހެން ކުޅުންތެރިންނާ ވެސް އޮންނަ ފަދަ."
ބާސެލޯނާ ދޫކޮށް 2014 ވަނަ އަހަރު އާސެނަލަށް ބަދަލުވި ފޯވާޑް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މި ސީޒަނުގައި 26 ގޯލުގައި ހިއްސާވެފަ އެވެ. އޭނާ 17 ލަނޑު ޖެހިއިރު، ނުވަ ގޯލް ޖަހަން މަގުފަހިކޮށްދިނެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ސަންޗޭޒް ވަނީ އާސެނަލްއާ އެކު އާ ކޮންޓްރެކްޓެއްްގައި ސޮއިކުރަން ދެކޮޅު ހަދައިފަ އެވެ. ސަބަބަކީ ޓީމާ އެކު ކާމިޔާބެއް ނުލިބުމެވެ. އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން އޭނާ ގަންނަން ވަނީ ހުށަހަޅައިފަ އެވެ. އެއީ އޭނާގެ ބަދަލުގައި ކްރޮއޭޝިއާ ފޯވާޑް މާރިއޯ މަންޒުކިޗް ދޭ ގޮތަށެވެ. އެކަމަކު ވެންގާ ބުނީ ސަންޗޭޒުގެ ކޮންޓްރެކްޓުގައި ބާކީ 15 މަސް ދުވަސް އެބައޮތް ކަމަށާއި ގޮތެއް ނިންމާނީ އާސެނަލުން ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގަށް މިރޭ އާސެނަލުން ނުކުންނާނީ ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށެވެ. ފުރަތަމަ ލެގުން 5-1 އިން ބަޔާން މޮޅުވެފައިވާއިރު، އަމިއްލަ ދަނޑުގައި މިރޭ އާސެނަލް ނުކުތް ނަމަވެސް އެ ޓީމަށް މާބޮޑު ފުރުސަތެއް ނެތެވެ.
އާސެނަލްގެ ކެޕްޓަން ޕާ މާޓަސެކާ ބުނީ މުޅި ޓީމު އޮތީ ވެންގާގެ ފަހަތުގައި ކަމަށެވެ. އޭނާ ބުނީ މިއީ އެންމެ ކުޅުންތެރިޔެއްގެ މެޗެއް ނޫން ކަމަށާއި ހުރިހާ ސުވާލެއް އެންމެ ކުޅުންތެރިޔަކާ ބެހޭގޮތުން އަމާޒުވުމުން އާސެނަލްގެ ޓީމުގެ ރޫހަށް އަސަރުކުރާނެ ކަމަށެވެ.
"ކުރިމަތީގައި މިއޮތީ މުޅި ޓީމަށް ވަރަށް މުހިއްމު މެޗެއް. އެންމެ ކުޅުންތެރިޔަކާ ގުޅޭ މެޗެއް ނޫން މިއީ،" މާޓަސެކާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy