29 ޖޫން 2025 - 09:05
ލިވަޕޫލުގެ އިވެންޓަކަށް މިވަގުތު ރާއްޖޭގައި ހުރި އެ ކްލަބުގެ ކުރީގެ ފޯވާޑް ޑާކް ކައުޓް ނެދަލެންޑްސް ދެ ވަނަ ޑިވިޝަނުގެ އެފްސީ ޑޯޑްރެކްޓްގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އިންގްލެންޑުގެ ގަދަބާރު ލިވަޕޫލާ އެކު، 'ވިޒިޓް މޯލްޑިވްސް' އިން ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ކައުޓް ހަފުތާ ބަންދުގައި ރާއްޖެ އައިސް، ހުޅުމާލޭގައި އޮތް ފުޑް ކާނިވަލުގައި، ސަޕޯޓަރުންނާ ވަނީ ބައްދަލުކޮށްފަ އެވެ. ވަރަށް ގިނަ ބަޔަކު އޭނާއާ އެކު ފޮޓޯ ނަގައި އޮޓޯގްރާފް ހޯދި އެވެ.
ކައުޓަކީ ލިވަޕޫލަށް 2006-2012 އަށް 285 މެޗުން 71 ގޯލް ޖަހައިދީފައިވާ ފޯވާޑެކެވެ. ޗެމްޕިއަންސް ލީގު ފައިނަލުން 2007 ގައި އޭސީ މިލާން އަތުން 2-1 އިން ބަލިވި މެޗުގައި ލިވަޕޫލުގެ ހަމައެކަނި ގޯލު ޖެހީ ވެސް އޭނާ އެވެ. ކައުޓް ވަނީ ނެދަލެންޑްސް ގައުމީ ޓީމަށް ވެސް 100 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ. ކުޅުން ހުއްޓާލުމަށް ކައުޓް ކޯޗިން ކެރިއަރު ފެށީ 2018 ގައި ނެދަލެންޑްސްގެ ގަދަބާރު ފެޔަނޫޑުގެ 18 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ ގޮތުގަ އެވެ.
ކައުޓް އެންމެ ފަހުން ކޯޗުކޮށްދިނީ މިދިޔަ ސީޒަނުގައި ބެލްޖިއަމް ލީގުގެ ބިޔާސްކޮޓް އަށެވެ. ކައުޓްގެ ކޯޗުކަމުގައި އެ ޓީމު އެއް ވަނަ ޑިވިޝަނަށް ޕްރޮމޯޓްވި ނަމަވެސް، އެންމެ ސީޒަނަކަށް ފަހު ރެލިގޭޓްވުމުން ކައުޓް މަގާމް ދޫކޮށްލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިމްގ
29 June 2025
ލިވަޕޫލްގެ އިވެންޓައް މިހާރުގެ ކުޅުންތެރިއެއްވެސް ނުގެނެވުނީތަ،