ބާސެލޯނާގެ ސީނިއާ ދެ ކީޕަރުން ކަމަށްވާ ޝެޒްނީ (ކ) އާއި ޓާ ސްޓެގެން.
08 ޖުލައި 2025 - 11:23
ބާސެލޯނާ އިން ޕޮލެންޑް ގޯލްކީޕަރު ވޮސިއެޗް ޝެޒްނީގެ ކޮންޓްރެކްޓް އާކުރުމުން، އެ ކްލަބުގެ ޖަރުމަން ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެންގެ މުސްތަގުބަލާ މެދު ސުވާލު އުފެދިއްޖެ އެވެ.
މިދިޔަ އަހަރު ފުޓްބޯޅައިން ރިޓަޔާކުރި ޝެޒްނީ، ބާސެލޯނާ އިން އޮކްޓޫބަރު މަހު ގެނައީ ޓާ ސްޓެގެންގެ އަށް ސީރިއަސް އަނިޔާއެއް ވުމުން ވަގުތީ ގޮތުންނެވެ.
އެކަމަކު އުމުރުން 35 އަހަރުގެ ކީޕަރު ވަނީ ބާސެލޯނާ އިން ސްޕެނިޝް ލީގާއި، ސްޕެނިޝް ކަޕް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެހެންވެ ކްލަބުން އޭނާ އަށް އާ ކޮންޓްރެކްޓެއް ދޭން ނިންމީ އެވެ.
ބާސެލޯނާ އިން ވަނީ އެސްޕަންޔޯލްގެ ޒުވާން ގޯލްކީޕަރު ޔޮއާން ގާސިއާ ވެސް ގެނެސްފަ އެވެ. ބާސެލޯނާ އިން 31 މިލިއަން ޑޮލަރަށް ގަނެ ހަ އަހަރުގެ ކޮންޓްރެކްޓެއް ހެދި ގާސިއާ އަކީ އެ ކްލަބުން މުސްތަގުބަލަށް ކުރި އިންވެސްޓްމަންޓެކެވެ.
އެހެންވެ އުމުރުން 33 އަހަރުގެ ކީޕަރު ޓާ ސްޓެގެން އަށް ފުރުސަތެއް އޮތް ކަމަށް ނުބެލެވެ އެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޓާ ސްޓެގެންގެ މުސާރަ ބޮޑުކަމުން، ބާސެލޯނާ އިން ބޭނުންވަނީ އޭނާ ދޫކޮށްލާށެވެ. ބާސެލޯނާ އޮތީ ވެސް މާލީ ގޮތުން ދަތި ހާލަތެއްގަ އެވެ. އެހެންވެ މުސާރަ ސޭވްކުރުމަށްޓަކައި އޭނާ ހިލޭ ދޫކޮށްލަން ވެސް އެ ކްލަބް އޮތީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސްޓެގެން އަށް ޝައުގުވެރިވާ ކްލަބްތަކުގެ ތެރޭގައި އިންގްލެންޑުގެ ޗެލްސީ އާއި، އިޓަލީގެ އިންޓަ މިލާން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy