11 އެޕްރީލް 2017 - 09:10
ލަންޑަން (އޭޕްރިލް 11) - ޓޮޓެންހަމަށް ކުޅެމުން އަންނަ އިންގްލެންޑްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޑެލެ އަލީ އަކީ ޔޫރަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
މިލްޓޮން ކޭންސް ޑޯންސް (އެމްކޭ ޑޯންސް) ދޫކޮށް އަލީ ޓޮޓެންހަމާ ގުޅުނީ 2015 ވަނަ އަހަރު ފަސް މިލިއަން ޕައުންޑަށެވެ. މިއަދު 21 ވަނަ އުފަން ދުވަސް ފާހަގަކުރަމުން އަންނައިރު، އަލީ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި 20 އަހަރު ފުރުމުގެ ކުރިން އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ އެވެ.
ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން މި ސީޒަނުގައި 21 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ކާމިޔާބުކުރީ އަލީ އެވެ. އަލީ ވަނީ ސީޒަނުގެ މިހާތަނަށް 16 ލަނޑު ކާމިޔާބު ކޮށްފަ އެވެ.
"އަލީ އަކީ ޔޫރަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަދި ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ޒުވާން ކުޅުންތެރިޔާ. އޭނާގެ ތަފާސް ހިސާބުތައް ބަލާލުމުން އެނގޭ އެ އުމުރުގެ އެހެން ކުޅުންތެރިންނާ އޭނާއާ ހުރި ތަފާތު،" ކުރިން އެސްޕަންޔޯލާއި ސައުތެމްޓަނަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުނެފި އެވެ.
އަލީ ވަނީ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި ކުޅެން ފެށި ފަހުން މިހާތަނަށް 26 ލަނޑު ޖެހުމުގެ އިތުރުން 14 ލަނޑު ޖަހަން އެހީތެރިވެފަ އެވެ. މިއީ ޕްރިމިއާ ލީގުގައި މީގެ ކުރިން ވިދާލި އިނގިރޭސި ކުޅުންތެރިން ކަމަށްވާ ސްޓީވަން ޖެރާޑާއި ފްރޭންކް ލަމްޕާޑް އަދި ޑޭވިޑް ބެކަމް އަށް ވެސް 21 އަހަރު ވުމުގެ ކުރިން ހާސިލްކުރެވުނު ކަމެއް ނޫނެވެ.
އަލީ ހޯދުމަށް މި ސީޒަނަށް ފަހު ޔޫރަޕްގެ ގިނަ ކްލަބްތަކުން މަސައްކަތް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ ދާދި ފަހުން ވެސް ވަނީ އަލީ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
"ބޭލް ބޮޑު އަގުގައި ވިއްކާލުމަކީ އަހަރެމެންނަށް ހެދުނު ގޯހެއް އަނެއްކާ އެ ގޯސް ތަކުރާރުކުރަން ބޭނުމެއް ނޫން،" ލެވީ ވިދާޅުވި އެވެ.
އަލީ ޓޮޓެންހަމާ ގުޅުނީ ޗެލްސީން އޭނާ އަށް ބިޑްކޮށްފައިވަނިކޮށެވެ. އަދި ޓޮޓެންހަމަށް ސޮއިކުރުމުގެ ކުރިން އަލީ ވަނީ ލިވަޕޫލާ މަޝްވަރާކޮށްފަ އެވެ. އެހެން ނަމަވެސް އަލީ ވިއްކާލަން އެމްކޭ ޑޯންސް އިން އޭރު ކީ އަގު ބޮޑުވުމުން ލިވަޕޫލުން ބޭނުންނުވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާޑިއާބެ
11 April 2017
ދެކުނު އެމެރިކާގެ އެންމެ މޮޅުކުޅުންތެރިއަކީ ޑީބަލާ..