21 ޖޫން 2017 - 10:45
މެންޗެސްޓާ (ޖޫން 21) – ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން ދުވަސްވަރު ހޯސޭ މޮރީނިއޯ ޓެކްސް އަށް މަކަރުހަދާފައިވާ ކަމަށް ސްޕެއިނުގެ ކަމާބެހޭ ފަރާތްތަކުން ކުރި ތުހުމަތު އޭނާގެ އޭޖެންޓުގެ ކުންފުނިން ދޮގުކޮށްފި އެވެ.
ސްޕެއިނުގެ ޕްރޮސެކިއުޓަރުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މޮރީނިއޯ 2011 ވަނަ އަހަރު 1.6 މިލިއަން ޔޫރޯ އަދި 2012 ވަނަ އަހަރު 1.7 މިލިއަން ޔޫރޯ ނުދައްދާ އެބައޮތް ކަމަށެވެ.
މެޑްރިޑަށް 2010 އިން 2013 އަށް ކޯޗުކޮށްދިން މޮރީނިއޯގެ އޭޖެންޓް ޖޯޖް މެންޑެސްގެ ކުންފުނި ގެސްޓިފުޓޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޓެކްސް އަށް މަކަރުހެދި ކަމުގެ އެއްވެސް ތުހުމަތެއްގެ ވާހަކަ މޮރީނިއޯ އަށް އަންގާފައިނުވާ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ 2015 ވަނަ އަހަރުގެ ޖުލައި 3 ވަނަ ދުވަހުގެ ތާރީހު ޖަހާފައިވާ ޓެކްސް ރަސީދެއްގެ ކޮޕީއެއް އާއްމުކޮށްފަ އެވެ. އެ ރަސީދުގައިވާ ގޮތުން މޮރީނިއޯގެ މައްޗަށް ތުހުމަތުކުރެވޭ މުއްދަތުގައި އޭނާ ވަނީ ޓެކްސް ދައްކައިފަ އެވެ.
ގެސްފިއުޓޭ އިން ބުނާ ގޮތުގައި ސްޕެއިނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބަރާބަރަށް ޓެކްސް ދައްކާ ކަމުގެ ސެޓިފިކެޓެއް ވެސް މޮރީނިއޯ އަށް ދީފަ އެވެ.
މެންޑެސް އެޖެންޓްކަންކުރާ ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ވެސް ޓެކްސް އަށް މަކަރުހަދާފައިވާ ކަމުގެ ދައުވާ ކުރަން މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. މެޑްރިޑުގައި ހުންނަ ޕްރޮސެކިއުޓަރުންގެ އޮފީހުން ރޮނާލްޑޯގެ މައްޗަށް ދައުވާ ކުރަނީ 2011 އިން 2014 އާ ދެމެދު 14.7 މިލިއަން ޔޫރޯ އިން ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތުގަ އެވެ.
މި މައްސަލައަ މެދު ހިތްހަމަނުޖެހިގެން ސްޕެއިން ދޫކޮށްލަން ރޮނާލްޑޯ ނިންމާފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. އޭނާ ދާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ މޮރީނިއޯ މިހާރު ކޯޗުކޮށްދޭ މެންޗެސްޓާ ޔުނައިޓެޑަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑީނިއޯ
22 June 2017
އެންމެ ރަނގަޅުވާނީ ރެއާލް ދޫކޮއްލައި މެންޗަސްޓާ ޔުނައިޓެޑްއަށް ދިއުން. ރޮނާލްޑޯއަށް އީދުމުބާރިކް....