ފްރާންސުގެ ފޯވާޑް ކީލިއަން އެމްބާޕޭ. --ފޮޓޯ: އޭއެފްޕީ
01 ސެޕްޓެމްބަރ 2017 - 01:00
ޕެރިސް (ސެޕްޓެމްބަރު 1) – ދުނިޔޭގައި މި ވަގުތު ހުރި އެންމެ އުއްމީދީ ފޯވާޑް މޮނާކޯގެ ކީލިއަން އެމްބާޕޭ ރެކޯޑް އަގަކަށް ގަތުމުގެ ފުރުސަތު ލިބޭ ގޮތަށް އޭނާ ލޯން އުސޫލުން ޕީއެސްޖީން ގެންގޮސްފި އެވެ.
ފްރާންސް ލީގުގެ ދެ ކްލަބުން ހެދި އެއްބަސްވުމުގައިވާ ގޮތުން މި ސީޒަނަށް ފަހު ލޯން މުއްދަތު ހަމަވުމުން އޭނާއާ އެކު 2022 ވަނަ އަހަރުގެ ނިޔަލަށް ދާއިމީ ކޮންޓްރެކްޓެއް ހެދުމުގެ ފުރުސަތު ޕީއެސްޖީ އަށް ލިބެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޑީލުގެ އަގު ބޯނަސްތަކާ އެކު 180 މިލިއަން ޔޫރޯ އަށް އަރާނެ އެވެ. އެހެންވެއްޖެ ނަމަ އެމްބާޕޭ ވެގެންދާނީ ފުޓްބޯޅަ ތާރީހުގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިއާ އަށެވެ. މިހާރު އެންމެ އަގުބޮޑު ކުޅުންތެރިއަކީ ޕީއެސްޖީން ދާދި ފަހުން 222 މިލިއަން ޕައުންޑަށް ގަތް ބާސެލޯނާގެ ފޯވާޑް ނޭމާ އެވެ.
ޕީއެސްޖީން މި ފަހަރު އޭނާ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ނުގަތީ ޔުއެފާގެ ފައިނޭންޝިއަލް ފެއާޕްލޭ ގަވާއިދާ ހިލާފުވެދާނެތީ ކަމަށް ބެލެވެ އެވެ. އެ ކްލަބުން މިހާރު ވެސް ރެކޯޑް ހަރަދެއްކޮށްފައިވާތީ، ފައިނޭންޝިއަލް ފެއާޕްލޭއާ ހިލާފުވެއްޖެ ނަމަ އަދަބު ލިބޭނެ އެވެ.
މޮނާކޯ އިން މިދިޔަ ސީޒަނުގައި ފްރާންސް ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު 44 މެޗުން 26 ގޯލް ޖަހާފައިވާ އުމުރުން 18 އަހަރުގެ ފޯވާޑް ގެންދިއުމަށް ޔޫރަޕާއި ސްޕެއިނުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ވެސް މަސައްކަތްކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ އިތުރުން ލިވަޕޫލާއި މެންޗެސްޓާ ސިޓީ އަދި އާސެނަލުން ވެސް އޭނާ އަށް ޝައުގުވެރިވި އެވެ.
ޕީއެސްޖީގެ ރައީސް ނަސީރު އަލް-ޚެލައިފީ ވިދާޅުވީ އެމްބާޕޭ ފަދަ ހުނަރުވެރި ކުޅުންތެރިއަކު ފްރާންސް ލީގުގައި ހިފަހައްޓައި ކުރިއެރުވުމަކީ ފްރާންސް ފުޓްބޯޅައަށް މުހިއްމު ކަމެއް ކަމަށެވެ.
"އޭނާގެ އުމުރުގެ ކުޅުންތެރިންނާ ބަލާއިރު އޭނާ އަކީ އެއްވެސް ޝައްކެއް ނެތް އެންމެ އުއްމީދީ ކުޅުންތެރިއާ، އޭނާގެ އާދާޔާހިލާފު ޓެކްނިކަލް، ފިޒިކަލް އަދި ވިސްނުމުގެ ފެންވަރަށް ބަލާއިރު،" ޚެލައިފީ ވިދާޅުވި އެވެ.
ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓުން ހިންގާ ޕީއެސްޖީން ނޭމާ އާއި އެމްބާޕޭ ފަދަ ކުޅުންތެރިން ގެނެސް ވަރުގަދަކުރަމުން އަންނަނީ ޔޫރަޕުގެ ތަށްޓަށެވެ. ގަތަރު ކުންފުނިން ހަވާލުވެ އެ ޓީމަށް ޒަލަޓާން އިބްރަހިމޮވިޗާއި ތިއާގޯ ސިލްވާ އަދި މާކޯ ވެރާޓީ ފަދަ ތަރިން ގެނެސް ފްރާންސުގެ ޗެމްޕިއަންކަން ހޯދި ނަމަވެސް ޔޫރަޕުގެ ޗެމްޕިއަންކަން ހޯދިފައެއް ނުވެ އެވެ.
ޕީއެސްޖީ ވަރުގަދަވިއިރު ވާދަވެރި މޮނާކޯ އިން ތަރިންތަކެއް ވިއްކާލުމުން އެ ޓީމު ބަލިކަށިވާނެ އެވެ. އެ ޓީމުން ވަނީ މެންޗެސްޓާ ސިޓީ އަށް ބެނާޑޯ ސިލްވާ އާއި ބެންޔަމިން މެންޑީ އަދި ޗެލްސީ އަށް ޓިމޮއޫ ބަކަޔޯކޯ ވިއްކާލައިފަ އެވެ. އެމްބާޕޭގެ ބަދަލުގައި ގެނައީ އިންޓަގެ ސްޓެވާން ޖޮވެޓިޗާއި ލާޒިއޯގެ ކެއިޓާ ބާލްޑޭ ޑިއާއޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާބެ
01 September 2017
ނޭމާއައްވުރެ ގިނަމީހުންގެ ލޯތައް އަމާޒުވާނީ ދެން އެމްބާޕޭއައް އަދި ޕީއެސްޖީގެ އެންމެ އުންމީދީ ކުޅުންތެރިއާއައް ސަޕޯޓަރުން ހަދަންބޭނުން ވާނީވެސް އެމްބާޕޭ، ސަބަބަކީ ފުރާންސް ކުޅުންތެރިއަކައް ވާތީ..
ހުންގާނު
01 September 2017
މެންޗެސްޓަރ ޔުނައިޓެޑުން 89 މިލިއަން ޕައުންޑަށް ޕައުލް ޕޮގްބާ ގަތީމަ އެއަގު ބޮޑުވެގެން ވާހަކަ ދެއްކިމީހުންތައް މިހާރުކޮބާ؟