ބާސެލޯނާގެ ފޯވާޑް ޑެމްބެލޭ (ވ). --ފޮޓޯ: އޭއެފްޕީ
16 ޖެނުއަރީ 2018 - 07:44
ބާސެލޯނާ (ޖެނުއަރީ 16) – ބާސެލޯނާ އިން މި ސީޒަނުގައި 96.8 މިލިއަން ޕައުންޑަށް ގަތް ފޯވާޑް އޮސްމާނޭ ޑެމްބެލޭގެ ފަލަމަސްގަނޑަށް އަނެއްކާ ވެސް އަނިޔާވެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
އޭނާ އަށް އަނިޔާވީ ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ރެއާލް ސޮސިއެޑާޑް އަތުން 4-2 އިން ބާސެލޯނާ މޮޅުވި މެޗުގަ އެވެ. އެ މެޗަކީ ސެޕްޓެމްބަރު މަހު އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އިން ސަލާމަތްވެގެން އެނބުރި އައިސް ކުޅުނު ހަތަރު ވަނަ މެޗެވެ. ކުރިން އޭނާ އަށް އަނިޔާވީ އެ ކްލަބަށް ކުޅެދިން ތިން ވަނަ މެޗުގަ އެވެ.
މި ފަހަރު ވެސް އަނިޔާވީ ކުރިން ވެސް އަނިޔާވި ވާތު ފައިގެ ފަލަމަސްގަނޑަށް ކަމަށްވީ ނަމަވެސް މި ފަހަރުގެ އަނިޔާއާ ކުރީގެ އަނިޔާއާ ގުޅުމެއް ނެތެވެ. ބާސެލޯނާ އިން ބުނީ އޭނާ ތިން ހަފުތާ އާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.
ބޮރޫޝިއާ ޑޯޓްމަންޑުގެ ކުރީގެ ކުޅުންތެރިޔާ އަކީ އޭނާ ބާސެލޯނާ އަށް ގެނައިއިރު އެ ކްލަބުން އެހާތަނަށް އެންމެ އަގުބޮޑުކޮށް ގަތް ކުޅުންތެރިޔާ އެވެ. މިހާރު އެ ރެކޯޑް އޮތީ ދާދި ފަހުން ލިވަޕޫލުން 142 މިލިއަން ޕައުންޑަށް ގަތް ފިލިއްޕޭ ކުޓީނިއޯގެ އަތުގަ އެވެ. އެކަމަކު އަނިޔާގެ ސަބަބުން އޭނާ އަށް ވެސް އަދި އެ ޓީމަށް މެޗެއް ކުޅެނުދެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެރާރޭ
16 January 2018
ޢަގު ބޮޑުކޮށް ގަނެފައި ގަރާޖްގައި ބާއްވާށެވެ.
އަލިހޮއްކޮ
16 January 2018
އުސްމާނު ހާދަ އަވަހަކަށް އިންޖަރީ މިވަނީ
މެސީ
16 January 2018
ހޫނ ގަނެފަ ބައިތިއްބާ ބެންޗުގަ