26 ޖެނުއަރީ 2018 - 10:16
ބާސެލޯނާ (ޖެނުއަރީ 26) - ބާސެލޯނާގެ ޖާޒީގައި ފިލިއްޕޭ ކުޓީނިއޯ ކުޅުނު ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި 2-0 އިން އެސްޕަންޔޯލް ބަލިކޮށް ސްޕެނިޝް ކަަޕުގެ ސެމީ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފި އެވެ.
މި ދެ ޓީމު އެސްޕަންޔޯލް ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ ވަނީ 1-0 އިން ބަލިވެފަ އެވެ. ސެމީގެ ޖާގައެއް ބާސެލޯނާ އަށް ލިބެން އޮތީ ދެ ލަނޑުގެ ތަފާތުން ރޭގެ މެޗުން މޮޅުވެގެންނެވެ. ބާސެލޯނާގެ ލަނޑުތައް ކާމިޔާބުކުރީ ލުއިސް ސުއަރޭޒާއި ލިއޮނަލް މެސީ އެވެ. މިއީ ސުއަރޭޒް އެންމެ ފަހުން ބާސެލޯނާ އަށް ކުޅުނު ހަ މެޗުގައި ޖެހި ހަތް ވަަނަ ގޯލެވެ.
މި މެޗު ބާސެލޯނާ އަށް ހާއްސަވެގެންދިޔަ އަނެއް ސަބަބަކީ އެ ކްލަބްގެ ރެކޯޑް އަގަކަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު ބްރެޒިލްގެ ޕްލޭމޭކަރު ކުޓީނިއޯ މި މެޗުގައި ކުޅުމެވެ. ކުޓީނިއޯ ދެ ވަަނަ ހާފުގައި ކުޅެން އެރީ އަންދްރެސް އިނިއެސްޓާގެ ބަދަލުގަ އެވެ.
ކުޓީނިއޯ ފުރަތަމަ ފަަހަރަށް ރޭ ބާސެލޯނާ އަށް ކުޅުނުއިރު، އިދިކޮޅަށް އޮތް އެސްޕަންޔޯލަކީ 2010 ވަނަ އަހަރު އޭނާ ލޯން އުސޫލުން ކުޅުނު ޓީމެވެ. އޭރު އެސްޕަންޔޯލްގެ ކޯޗަކީ މިހާރު ޓޮޓެންހަމް ހޮޓްސްޕާސްގައި ހުރި މައުރީސިއޯ ޕޮޗެޓީނޯ އެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ފުރަތަމަ މެޗާ ބަލާ ކުޓީނިއޯގެ ފަރާތުން ހިތްހަމަ ޖެހޭ ކުޅުމެއް ފެނުނު ކަމަށެވެ.
"އަހަރެމެންނަށް އެނގޭ ކުޓީނިއޯގެ ކޮލިޓީ. ފުރަތަމަ މެޗާ ބަލާ އޭނާ މޮޅަށް ކުޅުނު. އަހަރެމެން ހަނދާނުގައި ބަހައްޓަންވާނެ އޭނާ އަނިޔާއަކަށް ފަހު އެ އައީ. އެންމެ ރަނގަޅު ފޯމަށް އަންނަން ވަގުތު ނަގާނެ،" ކުރިން އެތުލެޓިކް ބިލްބާއޯ އަށް ކޯޗުކޮށްދިން ވަލްވޭޑޭ ބުންޏެވެ.
ސްޕެނިޝް ކަޕުގެ ސެމީން ބާސެލޯނާގެ އިތުރުން ޖާގަ ހޯދީ ރެއާލް މެޑްރިޑް ކަޓުވާލި ލެގަނޭސް އާއި ސެވިއްޔާ އަދި ވެލެންސިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާޑް ވީ
27 January 2018
މިފަހަރު ވޯލްޑް ކަޕް ގެންދާނީ ހަމަ ބާސާ
ބައިކޭ
27 January 2018
ކުޓީނިއޯ މޮޅު މެސީއަށްވުރެއްވެސް.
ސޯދިގު ގދ މަޑަވެލި
26 January 2018
މަރުހަބާ މެސީ މިހާރު އަހަރެން މެންސުއްޓާ ޔައް ތާއީދު ކުރުން ހުއްޓާ ލައިފިން
މެސީ
26 January 2018
ކޮބައިތަ ރެއާލްގެ ފޭނުން. ކޮޕަ ޑެލްރޭ އިން ކެތީ ދޯ؟ ހަހަހަހާ
އިޔާ
26 January 2018
ބާސާ ކޭމްޕްނޯގައި ޖެހި 4000 ވަނަ ލަނޑު ރޭގެ މެޗުގައިވަނީ ޖަހާފަ. އެވެސް މެސީ
އިޔާ
26 January 2018
އޭ ކޮންބައެއްތަ ޑިސްލައިކްދެނީ. ދެރަވަނީ ދޯ ސަޕޯޓްކުރާ އެހެން ކުޅުންތެރިއަކަށް މިކަހަލަ ކަންތައްނުވާތީ.