އިޓަލީގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ލުއިޖީ ޑި ބިއާޖިއޯ. --ފޮޓޯ: އޭއެފްޕީ
03 ފެބުރުއަރީ 2018 - 10:10
ރޯމް (ޖެނުއަރީ 3) – އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ވަގުތީ ކޯޗަކަށް 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ލުއިޖީ ޑި ބިއާޖިއޯ ހަމަޖައްސައިފި އެވެ.
މި އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައިވާ އިޓަލީގެ ކޯޗުކަން ހުސްވީ އެ މުބާރާތަށް ކޮލިފައިނުވުމުން ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ މަގާމުން ވަކިވުމުންނެވެ.
އިޓަލީ އަށް އެންމެ އަވަހަށް އޮތީ މާޗު 23 ގައި އާޖެންޓީނާއާ ދެކޮޅަށް އަދި މާޗު 27 ގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކެވެ.
އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ވައިސް ކޮމިޝަނާ އަދި އޭސީ މިލާނުގެ ކުރީގެ ޑިފެންޑަރު އަލެސަންދްރޯ ކޮސްޓަކޫޓާ ބުނީ އިންޓަރިމް ހާލަތުގައި ގައުމީ ޓީމުގެ ކޯޗުކަމާ ޑި ބިއާޖިއޯ ހަވާލުވާންވީ ކަމަށެވެ.
ކޮސްޓަކޫޓާ ވަނީ ކުރީގެ ކޯޗު އަދި ޗެލްސީގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަކީ ދާއިމީ ކޯޗުގެ މަގާމަށް ގެންނަން ޝޯޓްލިސްޓްކޮށްފައިވާ ކޯޗެއްކަމަށް ވެސް ބުނެފަ އެވެ.
އެކަމަކު ކޮންޓޭ ވަނީ މަދުވެގެން، ޗެލްސީއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އޮތް 18 މަސް ހަމަވަންދެއް މަގާމުގައި ހުންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އިޓަލީގެ ދާއިމީ ކޯޗަކަށް ގެނެސްދާނެ ކަމަށް ބެލެވޭ އެހެން ކޯޗުންގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާނުގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ އާއި ލެސްޓާ ސިޓީ އަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައިވާ ކްލައުޑިއޯ ރަނިއޭރީ އަދި ކާލޯ އަންޗެލޮޓީ ހިމެނެ އެވެ. އެކަމަކު ޑި ބިއާޖިއޯގެ ނަތީޖާތައް ރަނގަޅުވެއްޖެ ނަމަ އޭނާ ވެސް މަގާމުގައި ބަހައްޓަފާނެ ކަމަށް ބެލެވެ އެވެ.
އިޓަލީ ގައުމީ ޓީމަށް 1998 އިން 2002 އަށް ކުޅެފައިވާ ޑިފެންސިވް މިޑްފީލްޑަރު ވަނީ އިޓަލީގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. އޭނާ 21 އަހަރުން ދަށުގެ ޓީމާ ހަވާލުވީ 2013 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy