ބާސެލޯނާގެ މިޑްފީލްޑަރު ކުޓީނިއޯ.--
15 ފެބުރުއަރީ 2018 - 09:36
ބާސެލޯނާ (ފެބްރުއަރީ 15) - ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ޕްލޭމޭކަރު ފިލިއްޕޭ ކުޓީނިއޯ ޕޯޗުގަލްގެ ރަށްވެހިކަން ހޯދަން ނިންމައިފި އެވެ.
ސްޕެއިނުގެ ފުޓްބޯޅަ ގަވާއިދު ބުނާގޮތުން ކޮންމެ ކްލަބެއްގައި ވެސް ރަޖިސްޓްރީ ކުރެވެނީ ޔޫރަޕުން ބޭރުގެ ތިން ކުޅުންތެރިޔެކެވެ. އެހެން ނަމަވެސް ޔޫރަޕުން ބޭރުގެ ކުޅުންތެރިއެއް އަތުގައި އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ ނަމަ އެ ކުޅުންތެރިއަކު ސްޕެއިނުގެ ކްލަބެއްގައި ރަޖިސްޓްރީ ކުރާނީ އެ ކުޅުންތެރިއަކު އިހުތިޔާރުކުރާ ގައުމެއްގެ ރަށްވެއްސެއްގެ ގޮތުގަ އެވެ.
ބާސެލޯނާގައި ޔޫރަޕުން ބޭރުގެ ކުޅުންތެރިންގެ ގޮތުގައި މި ވަގުތު ރަޖިސްޓްރީވެފައިތިބީ ކުޓީނިއޯގެ އިތުރުން ކޮލަމްބިއާގެ ޑިފެންޑަރު ޔެރީ މިނާ އާއި ބްރެޒިލްގެ ޕަައުލީނިއޯ އެވެ. ކުޓީނިއޯ އެހެން ގައުމެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވާން ނިންމާފައިވަނީ ބްރެޒިލްގެ ކްލަބް ގްރެމިއޯގެ މިޑްފީލްޑަރު އާތޯ ގެންނަން ބާސެލޯނާ އިން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުންނެވެ.
ސްޕެއިނުގެ މީޑީއާތަކުން ރިޕޯޓްކުރާ ގޮތުގައި ކުޓީނިއޯ ޕޯޗުގަލްގެ ރަށްވެއްސަކަށް ވުމަށް ހުށަހަޅަނީ އޭނާގެ އަންހެނުން އެއިނީ ކުޓީނިއޯ މެދުވެރިކޮށެވެ. ބާސެލޯނާއާ ގުޅުމަށް ފަހު އުރުގުއޭގެ ލުއިސް ސުއަރޭޒް ވެސް ވަނީ އޭނާގެ އަންހެނުން ސޯފިއާ މެދުވެރިކޮށް އިޓަލީގެ ރަށްވެހިކަން ހޯދައިފަ އެވެ.
ލިވަޕޫލް ދޫކޮށް 160 މިލިއަން ޔޫރޯ އަށް މިދިޔަ މަހު ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ކުޓީނިއޯ މިހާތަނަށް ގިނަ މެޗުތަކެއްގައި ކުޅެފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ އެ ޓީމަށް ހޭނެން ކުޓީނިއޯ އަށް ދުވަސް ބޭނުންވާ ކަމަށް ބުނެފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރު ރޮބާޓް ފެނާންޑޭޒް ދެކުނު އެމެރިކާ އަށް ކުރި ދަތުރުގައި ބްރެޒިލްގެ ހޮޓަލެއްގެ ތެރޭގައި އާތޯއާ ބައްދަލުކޮށް އޭނާ ބާސެލޯނާ ޖާޒީ ލައްވައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ބާސެލޯނާ އާއި ގެރެމިއޯއާ މެދު މައްސަލަ ހޫނުވި އެވެ. މި ކަމާ ގުޅިގެން ބާސެލޯނާ އިން ވަނީ ގްރެމިއޯ ކިބައިން މައާފަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy