07 އެޕްރީލް 2018 - 09:19
އާމްސްޓެޑަމް، ނެދަލެންޑްސް (އޭޕްރީލް 7) - އުމުރުން 18 އަހަރުގެ ދަރިފުޅު ޖަސްޓިން ކްލައިވަޓް ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އަށް ބަދަލުވާން އަދި އަވަސް ކަމަށް އޭނާގެ ބައްޕަ އަދި ނެދަލެންޑްސްގެ ކުރީގެ ފޯވާޑް ޕެޓްރިކް ކްލައިވަޓް ބުނެފި އެވެ.
މި ސީޒަނުގައި އަޔަކްސް އަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖަސްޓިން ކްލައިވަޓަށް ޔޫރަޕްގެ ގިނަ ކްލަބްތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ދާދި ފަހުން ނެދަލެންޑްސްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޖަސްޓިން ކްލައިވަޓް ބުނީ ބާސެލޯނާ އަށް ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ.
"ޖަސްޓިން އަދި ބާސެލޯނާ އަށްދާ ވަރަށް ފިޓެއް ނޫން. ބާސެލޯނާ އަކީ ގަދަ ބާރެއް. އެ ވަރުގެ ޓީމަަކަށްދަންޏާ މެންޓަލީ އެބަޖެހޭ ތައްޔާރުވާން އެއީ ޕްރެޝަރު އަންނާނެ ތަފާތު ގޮތްގޮތަށް. އަދި ޖަސްޓިން އެބަޖެހޭ ފިޒިކަލީ ވެސް ވަރުގަދަވާން،" 1998 އިން 2004 އަށް ބާސެލޯނާ އަށް ކުޅުނު ޕެޓްރިކް ކްލައިވަޓް ބުންޏެވެ.
ނެދަލެންޑްސްގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ރޮނާލްޑް ކޫމަން ބުނީ ޕެޓްރިކް ކްލައިވަޓް އުމުރުން 18 އަހަރުގައި ދެއްކި ކުޅުމަށް ވުރެ ތަފާތު މޮޅު ކުޅުމެއް އޭނާގެ ދަރިފުޅު ޖަސްޓިން ކްލައިވަޓް ދައްކަމުން އަންނަ ކަމަށެވެ. އަދި ބޮޑު ކްލަބަކަށް އޭނާ ބަދަލުވާން ޖެހޭ ކަމަށް ބުންޏެވެ.
ޕެޓްރިކް ކްލައިވަޓް ބުނީ ޖަސްޓިން މަދުވެގެން އަދި އެއް ސީޒަން އަޔަކްސްގައި މަޑުކުރަން ޖެހޭ ކަމަށެވެ.
އަޔަކްސް އަށް ކުޅޭ ޒުވާން ޑިފެންޑަރު މަތައިސް ޑި ލައިޓް ހޯދަން ބާސެލޯނާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޕެޓްރިކް ކްލައިވަޓް ބުނީ މިއީ މަތައިސް ބާސެލޯނާ އަށް ބަދަލުވާން ރަނގަޅު ވަގުތެއް ކަމަށާއި ވަރުގަދަ ލީގެއްގައި ކުޅޭ ފެންވަރު އޭނާ ކިބައިގައި އެބަހުރި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy