އިޓަލީގެ ތަޖުރިބާކާރު ކޯޗު ފަބިއޯ ކަޕެއްލޯ. --ފޮޓޯ: އޭއެފްޕީ
10 އެޕްރީލް 2018 - 12:05
ރޯމް (އޭޕްރިލް 10) – އޭނާ ކޯޗިން އިން ރިޓަޔާކޮށްފައިވާ ކަމަށާއި އިޓަލީ ގައުމީ ޓީމާ ހަވާލުވުމުގެ ފުރުސަތެއް ނެތް ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކޯޗު އިޓަލީގެ ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.
ޗައިނީސް ސުޕަ ލީގުގެ ޖިއަންސޫ ސުނިންގެ އިން ކަޕެއްލޯ މިދިޔަ މަހު ވަކިވުމާ އެކު، ހުސްވެފައިވާ އިޓަލީ ކޯޗުގެ މަގާމާ އޭނާ ހަވާލުވެދާނެ ކަމަށް އަންނަނީ ވާހަކަދެކެވެމުންނެވެ.
"އަހަރެން މިހާރު ވެސް އިންގްލެންޑް އަދި ރަޝިއާގެ ގައުމީ ޓީމާ އެކު ކޮންމެވެސް ވަރެއްގެ ތަޖުރިބާތަކެއްކޮށްފިން. (ދެން) އަހަރެން (އޭރު) ބޭނުންވީ އަނެއްކާ ވެސް ކްލަބެއްގައި މަސައްކަތްކުރަން އަދި ޖިއަންސޫ ވެގެންދިޔައީ އަހަރެންގެ ފުޓްބޯޅައިގެ ފަހު ތަޖުރިބާއަށް،" ކަޕެއްލޯ ބުންޏެވެ.
ކަޕެއްލޯ ބުނީ އޭނާ ބޭނުންވި ހުރިހާ ކަމެއް ކުރެވުނު ކަމަށާއި އެ ހުރިހާ ކަންކަމާ މެދު ވަރަށް އުފާވާ ކަމަށެވެ. ވަރަށް ގިނަ ކުރީގެ ކުޅުންތެރިންނާއި ކޯޗުން ފަދައިން ކަޕެއްލޯ ވެސް ފުޓްބޯޅައިގެ މީޑިއާ ކަވަރޭޖުގެ ތެރެއިން ފެންނާނެ އެވެ. އޭނާ ބުނީ ޓީވީ ކޮމެންޓޭޓަރެއްގެ ގޮތުގައި މަސައްކަތްކުރަން މިހާރު ހިތްހަމަޖެހޭ ކަމަށާއި މި ވަޒީފާގައި އަބަދުވެސް މޮޅުވާނެ ކަމަށެވެ.
މި އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން ޖިއަމްޕިއޭރޯ ވެންޗޫރާ މަގާމުން ވަކިކޮށްފައިވާއިރު ވަގުތީ ކޯޗަކީ ލުއިޖީ ޑި ބިއާޖިއޯ އެވެ. ދާއިމީ ކޯޗަކަށް އަތުވެދާނެ ކޯޗުންގެ ތެރޭގައި ރޮބާޓޯ މަންޗިނީ އާއި ކާލޯ އަންޗެލޮޓީ ހިމެނެ އެވެ. ކަޕެއްލޯ ތާއީދުކުރަނީ މަންޗިނީ އަށެވެ.
ކަޕެއްލޯ ބުނީ އިޓަލީ ގައުމީ ޓީމުގައި ހުނަރުވެރި ކުޅުންތެރިން ނެތް ކަމަށާއި އެވްރެޖް ފެންވަރުގެ ކުޅުންތެރިންނާ އެކު ރަނގަޅު ކާމިޔާބެއް ހޯދަން އުނދަގޫވާނެ ކަމަށެވެ. ކަޕެއްލޯ ބުނީ ކޯޗުން މޮޅު ކޯޗުންނަށް ވަނީ މޮޅު ކުޅުންތެރިން ތިބުމުން ކަމަށެވެ.
އިޓަލީ ގައުމީ ޓީމަށް 1972 އިން 1978 އަށް ކުޅުނު ކަޕެއްލޯ ކޯޗިން ކެރިއަރު ފެށީ އޭސީ މިލާނުގެ ޔޫތު ޓީމުން 1982 ވަނަ އަހަރެވެ. އޭނާ ވަނީ 1991 ވަނަ އަހަރު މިލާނުގެ ސީނިއާ ޓީމާ ހަވާލުވެ އެ ކްލަބުން ޔޫރަޕުގައި ރަސްކަންކުރިއިރު އިޓާލިއަން ލީގު ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ފަހުން ރެއާލް މެޑްރިޑަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދީ އެ ޓީމަށް ސްޕެނިޝް ލީގު ދެ ފަހަރު ހޯދައިދިނެވެ. ރޯމާގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރިއިރު އެ ކްލަބަށް 2001 ވަނަ އަހަރު އިޓާލިއަން ލީގު ހޯދައިދިނެވެ. ޔުވެންޓަސްގެ ވެސް ކުރީގެ ކޯޗު ފަހުން ވަނީ އިންގެލްންޑާއި ރަޝިއާގައި ދުވަސްތަކެއް ހޭދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy