ބާސެލޯނާ އަށް ކޮންމެ ތަށްޓެއް ވެސް މުުހިއްމު: ވަލްވޭޑޭ

ބާސެލޯނާ (އޭޕްރީލް 21) - ބާސެލޯނާ އިން ސީޒަނުގައި ވާދަކުރާ ކޮންމެ މުބާރާތެއްގެ ތަށި ވެސް އެ ޓީމަށް މުހިއްމު ކަމަށް ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.


ކޮޕަ ޑެލް ރޭ ފައިނަލުގައި މިރޭ ބާސެލޯނާ ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. ވަލްވޭޑޭ ބުނީ އޭނާގެ ކޯޗުކަމުގައި ތަށި ހޯދުމަށް ވުރެން ކްލަބްގެ ހައިބަތު ހިފެހެއްޓުން އެއީ މާ މުހިއްމު ކަމެއް ކަމަށެވެ.

"ބާސެލޯނާ ކޮންމެ މެޗެއް ކުޅެނީ މޮޅުވާން. ކޮންމެ މުބާރާތެއް ކުޅެނީ ތަށި ހޯދަން. އަހަރެންގެ ކާމިޔާބީއެއް ނޫން. ބާސެލޯނާގެ ކާމިޔާބީ މުހިއްމީ،" ވަލްވޭޑޭ ބުންޏެވެ.

ބާސެލޯނާ ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކަޓައިފަ އެވެ. މިއީ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ނުލިބި ބާސެލޯނާ ނިންމާލަން ޖެހުނު ޖެހިޖެހިގެން ތިން ވަނަ ފަހަރެވެ. ވަލްވޭޑޭ ބުނީ ޗެމްޕިއަންސް ލީގުގެ އުދާސްތައް ފަހަތަށް ޖައްސާލަން މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"ބޮޑު ބައްޔަަކަށް ފަހު އަބަދުވެސް ވިސްނަންވާނީ ރަނގަޅު ކާމިޔާބީ އަކަށް. މިހާރު އޮތް މާޔޫސްކަމުން އަރައިގަންނަން މިއީ ރަނގަޅު ފުރުސަތެއް،" ވަލްވޭޑޭ ބުންޏެވެ.

މިރޭގެ ފައިނަލަށް ތައްޔާރުވާން ބާސެލޯނާ އިން ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ގިނަ ކުޅުންތެރިންނަށް އަރާމްކުރަން ފުރުސަތު ދީފަ އެވެ.

ބާސެލޯނާ އިން ވަނީ އެންމެ ފަހުން ތިން ފަހަރު ވެސް ކޮޕަ ޑެލް ރޭ ހޯދައިފަ އެވެ. އޭގެ ތެރެއިން 2016 ވަނަ އަހަރުގެ މުބާރާތް އެ ޓީމުން ކާމިޔާބުކުރީ ފައިނަލުގައި ސެވިއްޔާ ބަލިކުރުމަށް ފަހު އެވެ. އެންމެ ފަހުން ޖެހިޖެހިގެން ހަތަރު ފަހަރު ކޮޕަ ޑެލް ރޭ ހޯދީ 1930 ގެ އަހަރުތަކުގައި އެތުލެޓިކް ބިލްބާއޯ އެވެ.

"މިއީ ކާމިޔާބު ކުރަން ފަސޭހަ މުބާރާތެއް ނޫން. އަދި އަމުދުން އެއް މުބާރާތެއް ތަކުރާރުކޮށް ހޯދުމަކީ ވެސް ފަސޭހަކަމެއް ނޫން،" ވަލްވޭޑޭ ބުންޏެވެ.

ސެވިއްޔާގެ ކޯޗު ވިންޗެންޒޯ މޮންޓޭލާ ބުނީ ބާސެލޯނާ އަކީ ފޭވަރިޓް ކަމަށް ވިޔަސް އެކަން ބަދަލުކުރެވޭނެ ކަމަށެވެ.

"ބާސެލޯނާ އަކީ ފޭވަރިޓް. އެކަމަކު އެކަން އަހަރެމެންނަށް ބަދަލުކުރެވޭނެ. ބޭނުންވަނީ ރަނގަޅު ދުވަހެއްގައި ރަނގަޅު ފެންވަރެއްގެ ކުޅުމެއް ދައްކަން،" އޭނާ ބުންޏެވެ.

މޮންޓޭލާ ބުނީ ސެވިއްޔާ އަށް މޮޅުވުމުގެ ފުރުސަތެއް އޮތީ ބާސެލޯނާގެ ލިއޮނަލް މެސީ ހުއްޓުވައިގެން ކަމަށެވެ.

"މެސީ އަކީ އޭލިއަނެއް. ދުނިޔޭގެ ލެވެލަށް ވުރެން މަތީ ފަންތީއެއްގައި އޭނާ މި ފަދަ މެޗުތަކުގައި ކުޅޭނެ. އަހަރެމެންނަށް ފުރުސަތެއް އޮތީ އޭނާ ހުއްޓުވައިގެން،" ކުރިން އޭސީ މިލާނަށް ކޯޗުކޮށްދިން މޮންޓޭލާ ބުންޏެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:30 ގަ އެވެ.