29 އެޕްރީލް 2018 - 13:19
ބާސެލޯނާ (އޭޕްރީލް 29) - އޭނާގެ ކޯޗުކަމުގައި ބާސެލޯނާ ފެއިލްވީ އެންމެ ޓެސްޓަކުން ކަމަށާއި އެ ޓީމަށް ފާޑުކިޔުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.
ކުރިން އެތުލެޓިކް ބިލްބާއޯ އަށް އިރުޝާދުދިން ވަލްވޭޑޭ މި ސީޒަނުގައި ބާސެލޯނާއާ ހަވާލުވުމަށް ފަހު ވަނީ ސްޕެނިޝް ކޮޕަ ޑެލް ރޭ ކާމިޔާބު ކޮށްފަ އެވެ. ސްޕެނިޝް ލީގުގައި މިރޭ ރަށުން ބޭރުގައި ޑިޕޯޓިވޯ އަތުން މޮޅުވެއްޖެނަމަ ބާކީ ހަތަރު މެޗު އޮއްވައި ބާސެލޯނާ އަށް ލީގު ކަށަވަރުވާނެ އެވެ.
"އަހަރެން މި ޓީމާ ހަވާލުވިއިރު ވެސް ވަރަށް ޕްރެޝަރު ބޮޑުވާނެކަން އެނގޭ. އެކަމަކު މިހާތަނަށް ކުރެވުނު މަސައްކަތާ މެދު ހިތްހަމަ ޖެހޭ،" ވަލްވޭޑޭ ބުންޏެވެ.
ބާސެލޯނާ މި ސީޒަނުގެ ތިން މުބާރާތުގެ ތެރެއިން ދެ މުބާރާތް ކާމިޔާބުކުރިއިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކެޓީ އިޓަލީގެ ރޯމާ އަތުންނެވެ. ފުރަތަމަ ލެގުގައި 4-1 އިން ރޯމާ އަތުން ބާސެލޯނާ މޮޅުވުމުން އެ ޓީމަށް ސެމީގެ ޖާގަ ކަށަވަރުވެފައިވާ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނެވެ. އެކަމަކު ދެ ވަނަ ލެގުގައި ރޯމާ އަތުން 3-0 އިން ބަލިވެ ބާސެލޯނާ ކެޓިއިރު، މިއީ ކުއާޓާ އިން ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ނިމުނު ތިން ވަނަ އަހަރެވެ.
"ހުރިހާ ޓެސްޓަކުން އަހަރެން އާއި ފާސްވަމުން. އެކަމަކު އެންމެ ޓެސްޓަކުން ފެއިލްވާއިރަށް ވަރަށް ބޮޑެތި ފާޑުކިޔުން އައިސްފި. މިއީ މި ވަޒީފާގެ މުހިއްމުކަން އެނގޭނެ މިންވަރެއް. އެކަމު އަމާޒުވާ ހުރިހާ ފާޑުކިޔުން އިންސާފުވެރިއެއް ނޫން. ތިން މުބާރާތުގެ ތެރެއިން ދެ މުބާރާތް އަހަރެމެންނަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ވަލްވޭޑޭ ބުންޏެވެ.
ހުރިހާ ފާޑުކިޔުންތަކަކާ އެކު ވެސް ކުރިއަށްދާން ބޭނުންވާ ކަމަށާއި އަމާޒަކީ މެޗަކުން ބަލިނުވެ ރެކޯޑަކާ އެކު ލީގު ނިންމާލުން ކަމަށެވެ.
މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ އަށް އެންމެ ފަހު މެޗުތަކުގައި ކުޅުމުގެ ފުރުސަތު ދެވެން އޮތް އެންމެ ބޮޑަކަށް ދޭނެ ކަމަށް ވަލްވޭޑޭ ވަނީ ބުނެފަ އެވެ.
ޑިޕޯޓިވޯ ދަނޑުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭބާސާ
29 April 2018
ހައި ކޯޗް އެހެން ކިޔާ ފާޑުތަކާ އަޅާނުލާ......... ޓީމާއެކު ކުރިޔަށްދޭ....... އަހަރެމެނއ މިތިބީ ކޯޝްގެ ފަހަތުގައި
ޢަހްމަދު
29 April 2018
ކިއްކުރާނީ ކޯޗް. ތިއީ ދުނިޔޭގެ އާދަ