ޕީއެސްޖީއާ ހަވާލުވި ކޯޗު ޓުޗެލް.--
15 މެއި 2018 - 09:34
ޕެރިސް (މެއި 15) - ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗުކަމާ ބޮރުޝީއާ ޑޯޓްމަންޑަށް ކުރިން އިރުޝާދުދިން ތޯމަސް ޓުޗެލް ހަވާލުވެއްޖެ އެވެ.
ޓުޗެލް ހުރީ މިދިޔަ އަހަރު މެއި މަހު ޑޯޓްމަންޑުން ވަކިވި ފަހުން ޓީމަކާ ހަވާލުނުވެ އެވެ. ޕީއެސްޖީން ޓުޗެލް އަށް ދީފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އުމުރުން 44 އަހަރުގެ ޓުޗެލް ވަނީ ޔާގެން ކްލޮޕް ދިއުމުން ޑޯޓްމަންޑު ކުރިން އޮތް މަގާމަށް ގެންދަން ކާމިޔާބު މަސައްކަތެއް ކޮށްފަ އެވެ.
ޕީއެސްޖީން އެ ޓީމުގެ ކޯޗަކަށް ޓުޗެލް ހަމަޖެއްސީ އެ ޓީމަށް އެންމެ ފަހުން ކޯޗުކޮށްދިން އުނާއި އެމެރީގެ ދެ އަހަރުގެ އެއްބަސްވުން ހަމަވުމުން އެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމަށް ފަހު އެވެ. އެމެރީގެ ކޯޗުކަމުގައި މި ސީޒަނުގައި ޕީއެސްޖީން ފްރާންސްގެ ތިން މުބާރާތް ކާމިޔާބު ކުރި ނަމަވެސް ޔޫރަޕުގައިވީ ނާކާމިޔާބެވެ. އެ ޓީމު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަތުންނެވެ.
"ވަރަށް ބޮޑު ޝަރަފަކާ އެކު ވަރަށް އުއްމީދު އޮވެގެން ޕީއެސްޖީ ކަހަލަ ބޮޑު ޓީމަކާ ހަވާލުމިވީ،" ޓުޗެލް ބުންޏެވެ. "މި ޓީމުގައި ހުރި ތަރިންނާ އެކު މަސައްކަތް ކުރަން އަހަރެން މިހުރީ ކެތްމަދުވެފައި. މި ޓީމުގައި މި ތިބީ މި ދުނިޔޭން ވެސް ލިބޭނެ އެންމެ މޮޅެތި ކުޅުންތެރިން. ބޭނުންވަނީ ބައިނަލްއަގްވާމީ ފެންވަރުގެ ކާމިޔާބު ހޯދަން."
ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ވިދާޅުވީ ޓުޗެލް އަކީ ފާއިތުވި އަހަރުތަކުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކޯޗުކަމަށާއި އޭނާއާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
ކޯޗިންގައި ޓުޗެލް އަށް ލިބިފައިވާ ހަމައެކަނި ކާމިޔާބީ އަކީ ޑޯޓްމަންޑާ އެކު ޖަރުމަނު ކަޕް ހޯދުމެވެ. ޓުޗެލް ވަނީ ޕީއެސްޖީއާ މަޝްވަރާ ކުރުމުގެ ކުރިން އާސެނަލާ ހަވާލުވާން އެ ޓީމުގެ ބައެއް ބޯޑު މެމްބަރުންނާ ބަައްދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީސް
15 May 2018
ޕީއެސްޖީ ތުޗެލް އާ ހަވާލުކުރީ ކީ ނޫންތަ.