ގުދުސްގައި މެޗު ނުކުޅެން މެސީގެ ކިބައިން އެދިއްޖެ

ގުދުސް، ފަލަސްތީން (ޖޫން 4) - މި މަހުގެ 9 ވަނަ ދުވަހު އިޒްރޭލާ ދެކޮޅަށް ގުދުސްގައި އާޖެންޓީނާ އިން ކުޅޭ މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ނުކުޅެން ފަލަސްތީންގެ އެފްއޭ އިން އެދިއްޖެ އެވެ.


އިޒްރޭލާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ކުޅެން ހަމަޖެހިފައި ވަނީ ގުދުސްގައި ހުންނަ 31 ހާސް މީހުންގެ ޖާގައިގެ ޓެޑީ ސްޓޭޑިއަމްގަ އެވެ. މިއީ ކުރިން ފަލަސްތީންގެ މެޗުތަކަށް ބޭނުންކުރަމުން އައި ދަނޑެކެވެ. ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަނެ، އެކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރުމުން އެތައް ބަޔަކު އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ފަލަސްތީންގެ އެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ވިދާޅުވީ މިއީ އިޒްރޭލުން ސިޔާސީ މަންފާއެއް ހާސިލްކުރަން ވެގެން ގުދުސްގައި ކުޅެން ހަމަޖެއްސި މެޗެއް ކަމަށެވެ.

"އިޒްރޭލް ސަރުކާރުން ބޭނުންވަނީ މި މެޗުގެ އެހީގައި ސިޔާސީ މަންފާއެއް ހޯދަން. ގުދުސް އަށް ވެރިވެގަންނަން ކުރާ މަސައްކަތުގައި ދުނިޔޭގެ ސަމާލުކަން ހޯދަން. މި މެޗަކީ ސިޔާސީ ހަތިޔާރެއް،" ރަޖޫބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މެޗު ނުކުޅެން މެސީގެ ކިބައިން އެދޭ ކަމަށާއި އެކަން އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

"މެސީ އަކީ ސުލްހަ އާއި ލޯބީގެ ރަމްޒެއް. އަހަރެމެން އޭނާ ގާތުގައި އެދެން މި ފަދަ ސިޔާސީ ގޮތުން ބަޔަކަށް ބާރު ލިބޭ ފަދަ ކަމެއްގައި ބައިވެރިނުވަން. އަރަބިންގެ ތެރޭގައި އަދި މުސްލިމުންގެ ގިނަ އަދަދެއްގެ ބަޔަކު މެސީ އަށް ސަޕޯޓްކުރޭ. މި މެޗުގައި މެސީ ކުޅެފިނަމަ އަހަރެމެން އޭނައާ ދެކޮޅަށް ވެސް ހަޅުތާލުކުރަން ތައްޔާރު،" ރަޖޫބް ވިދާޅުވި އެވެ.

އިޒްރޭލުން މި މެޗު ގުދުސްގައި ކުޅެން ނިންމާފައިވަނީ ފީފާގެ ގަވައިދުތަކާ ވެސް ހިލާފަށް ކަމަށާއި އެކަން ފީފާ އަށް ވެސް ހުށަހަޅާނެ ކަމަށް ރަޖޫބް ވިދާޅުވި އެވެ.

ބޮޑެތި މުބާރާތްތަކަށް ދިއުމުގެ ކުރިން މީގެ ކުރިން ވެސް އާޖެންޓީނާ އިން ވަނީ އިޒްރޭލާ އެކު މެޗު ކުޅެފަ އެވެ. އެންމެ ފަހުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުރިން ކުޅުނު މެޗުން އިޒްރޭލް ވަނީ 2-1 އިން އާޖެންޓީނާ ބަލިކޮށްފަ އެވެ.