ލަންޑަންގައި 2012 ވަނަ އަހަރު އޮތް އޮލިމްޕިކްސްގައި ރަން މެޑަލް ހޯދުމަށް ފަހު މަރޭ އިނގިރޭސިވިލާތުގެ ދިދަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
01 އޯގަސްޓް 2016 - 11:13
ލަންޑަން (އޮގަސްޓް 1) - އަންނަ ހުކުރު ދުވަހު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ފަށާ އޮލިމްޕިކްސްގައި އެންމެ އިސްކަމެއް ދޭނީ ރަން މެޑަލް ދިފާއުކުރުމަށް ކަމަށް ސްކޮޓްލެންޑްގެ މަޝްހޫރު ޓެނިސް ކުޅުންތެރިއާ އެންޑީ މަރޭ ބުނެފި އެވެ.
ލަންޑަންގައި 2012 ވަނަ އަހަރުގައި އޮތް އޮލިމްޕިކްސްގެ ފިރިހެން ސިންގަލްސް ބައިން މަރޭ ރަން މެޑަލް ގެނައީ ފައިނަލުގައި ރޮޖާ ފެޑެރާ ބަލިކޮށްފަ އެވެ. އެއީ 1908 ވަނަ އަހަރަށް ފަހު އިނގިރޭސިިލާތަށް ނިސްބަތްވާ ކުޅުންތެރިއަކު ޓެނިހުން ރަން މެޑެއްޔެއް ހޯދި ފުރަތަމަ ފަހަރެވެ.
"އެއީ އަހަރެންގެ ހަޔާތުގައި އެންމެ އުފާވި ދުވަސް. އެންމެ ކުޑައިރުއްސުރެން ވަރަށް ބޭނުންވެފައި ހުރި ކަމެއް އޮލިމްޕިކްސްގައި ރަން މެޑެއްޔެއް ގެނައުމަކީ. މި ފަހަރުގެ އޮލިމްޕިކްސްގައި ވެސް އެ ފަދަ ކާމިޔާބެއް ހޯދަން ބޭނުން. މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެ،" މަރޭ ބުންޏެވެ.
މި ފަހަރުގެ އޮލިމްޕިކްސްގައި ފިރިހެން ޓެނިހުގެ މަޝްހޫރު ހަތަރު ކުޅުންތެރިއަކަށް ނުކުޅެވޭނެ އެވެ. އަނިޔާގެ ސަބަބުން ރޮޖާ ފެޑެރާ އަށް ފުރުސަތު ގެއްލުނުއިރު، ޒިކާ ވައިރަހުގެ ބިރުގެ ސަބަބުން މިލޮސް ރައޮނިޗާއި ތޯމަސް ބާޑިޗް އަދި ޑޮމިނިކް ތިއެމް ވެސް ވަނީ އޮލިމްޕިކްސް ބައިވެރިނުވަން ނިންމައިފަ އެވެ.
އޮލިމްޕިކްސްގެ ފަހުގެ ތާރީހުގައި އެންމެ ކާމިޔާބު ޓެނިސް ކުޅުންތެރިއަކީ ފެޑެރާ އެވެ. އޭނާ ވަނީ 2008 ވަނަ އަހަރު ބެއިޖިން އޮލިމްޕިކްސްގައި ޑަބަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. އަދި އެންމެ ފަހުން 2012 ވަނަ އަހަރު އޮތް ލަންޑަން އޮލިމްޕިކްސްގައި ފިރިހެން ސިންގަލްސް އިވެންޓުން ރިހި މެޑަލް ހޯދި އެވެ.
އަންހެން ކުޅުންތެރިންނަށް ބަލާއިރު، މަނާ ބޭހަށް ޕޮޒިޓިވް ވުމުގެ ސަބަބުން ސަސްޕެންޑްކޮށްފައިވާ މާރިއާ ޝަރަޕޯވާ އަށް މި ފަހަރުގެ އޮލިމްޕިކްސްގައި ނުކުޅެވޭއިރު، ބަލިވެ އިނުމުގެ ސަބަބުން ބެލަރޫސްގެ ވިކްޓޯރިއާ އަޒަރެންކާ ވެސް ނުފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy