ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް.-- ފޮޓޯ: އޭއެފްޕީ
30 ޖުލައި 2018 - 15:19
ޕެރިސް (ޖުލައި 30) - ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ޕީއެސްޖީ ޓީމުގައި ތިބި ނަމަވެސް އެ ޓީމުގެ ކަންކަމުގައި އެންމެ ފަހު ބަސް ބުނާނީ އޭނާ ކަމަށާއި އެ ޓީމު ގޮވައިގެން ކުރިއަށްދިއުމުގެ ގާބިލުކަން އެބަހުރި ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިދިޔަ ސީޒަނުގައި ޕީއެސްޖީގެ ކޯޗަކަށް ހުރި މިހާރު އާސެނަލްގެ ކޯޗު އުނާއި އެމެރީ އަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ އެ ޓީމުގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި ގޮތެއް ނިންމަން ކުޅުންތެރިންގެ އަތްމައްޗަށް އޭނާ ކަންތައްތަކެއް ދޫކޮށްލުމުންނެވެ. ހާއްސަކޮށް ޕީއެސްޖީ އަށް ލިބޭ ޕެނަލްޓީތަކުގައި މިިދިޔަ ސީޒަނުގައި ނޭމާ އާއި އެޑިސަން ކަވާނީއާ ދެމެދު މައްސަލަތަކެއް ޖެހުނުތަން ފެނުނެވެ. އަދި އޭގެ ގޯސް އަސަރު އެ ޓީމަށް ވެސް ކުރި އެވެ.
"އަހަރެންގެ ނަޒަރުގައި އެންމެ ފަސޭހަކަމަކީ ވެސް ނަން މަޝްހޫރު ކުޅުންތެރިން ގޮވައިގެން މަސައްކަތްކުރުން. އެއީ އެ ކުޅުންތެރިން ވެސް މަސައްކަތްކުރާނީ މޮޅުވާން. އެ މީހުންގެ ވެސް ހުރިހާ ފޯކަސް އެއް ހުންނާނީ އެކަމަށް. އެކަމަކު ހުރިހާ ކަމަކަށް ވުރެން ބޮޑަށް ޕީއެސްޖީ ޓީމުގެ ކަންކަމުގައި ފަހު ބަސް ބުނާނީ އަހަރެން،" ކުޅުންތެރިންނާ ބެހޭގޮތުން ކުރި ސުވާލަށް ޓުޗެލް ޖަވާބު ދިނެވެ.
ޕީއެސްޖީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ގެނެސްފަ އެވެ. ޕީއެސްޖީގައި ބުފޮންގެ އިތުރުން ދެ ކީޕަރުން އެބަތިއްބެވެ. އެއީ ޖަރުމަނުގެ ކީޕަރު ކެވިން ޓްރަޕް އާއި ފްރާންސްގެ ކީޕަރު އަލްފޮންސޭ އަރެއޯލާ އެވެ.
ޓުޗެލް ބުނީ ބުފޮން އަކީ ތަޖުރިބާގެ ގޮތުން ބަލާއިރު ވަރަށް އުހުގައި އުޅޭ ކުޅުންތެރިއެއް ކަމަށާއި އޭނާއާ ވާދަކުރަން ހުރި ޒުވާން ދެ ކީޕަރުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ދެ ކުޅުންތެރިން ކަމަށްވުމުން މިއީ އޮތް ހިތްހަމަ ޖެހުމެއް ކަމަށެވެ.
"ބުފޮން އުމުރުން 40 އަހަރުގައި ވެސް އޭނާގެ މަގާމަށް ވާދަކުރަން އެހުރީ. ދެން ހުރީ ދެ އުއްމީދީ ކީޕަރުން އެ މީހުން ވެސް ތިބީ ވަރަށް ކެރިގެން މި ޓީމުގެ އެއް ވަނަ ގޯލްކީޕަރަށްވާން އެ މަސައްކަތުގައި،" ޓުޗެލް ބުންޏެވެ.
ބުފޮން ވެސް ވަނީ އޭނާ ޕީއެސްޖީ އަށް ބަދަލުވީ އެއް ނަމްބަރު ގޯލްކީޕަރުކަން ޔަގީންވެގެން ނޫން ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ކެރިއަރުގައި ވެސް އަބަދުވެސް ގަބޫލުކުރަނީ ހައްގުވާ މަގާމެއް ހޯދުމަށް ކަމަށް ބުންޏެވެ.
އުމުރުން 44 އަހަރުގެ ޓުޗެލް ބުނީ އޭނާ ޕީއެސްޖީގެ ކޯޗުކަމަށް ގެނައީ ވަކި ކާމިޔާބީތަކެއް ހޯދަން ޝަރުތުކޮށްގެން ނޫން ކަމަށާއި މިއީ އޭނާގެ ކެރިއަރުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދުމަށް ކުރާ މަސައްކަތްތަކެއްގެ ގޮތުން ކަމަށެވެ.
ފައިނޭންޝިއަލް ޕްލޭ ގަވައިދު (އެފްއެފްޕީ)ގެ މިންގަނޑުތަކަށް ޓީމު ބައްޓަންކުރުމުގެ ގޮތުން ޕީއެސްޖީން މި ފަހަރުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ބައެއް ކުޅުންތެރިން ވިއްކާލަން ވަނީ ނިންމައިފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ޖަރުމަނުގެ ޖޫލިއަން ޑްރެކްސްލާ އާއި އެޑްރިއަން ރަބިއޯ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ޕީއެސްޖީން އަންނަނީ ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސް ގައުމީ ޓީމުގެ ޑިފެންސިވް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ގެންނަން މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy