ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 1) – ރޯމާ އަށް ބަދަލުވުމާ ވަރަށް ގާތުގައި ހުއްޓާ ބާސެލޯނާ އިން ގެންދިޔަ ބްރެޒިލް ވިންގާ މެލްކޮމް ލަނޑު ޖެހި ނަމަވެސް، އެކުވެރިކަމުގެ މެޗެއްގައި ރޭ ބާސެލޯނާ އަތުން 4-2 އިން ރޯމާ މޮޅުވެއްޖެ އެވެ.
އެމެރިކާ ޓުއާގައި ކުޅުނު މި މެޗު ފަހު ވަގުތު ވައްދާލި ތިން ގޯލާ އެކު ރޯމާ ކާމިޔާބުކުރިއިރު އެ ޓީމުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ކަޓުވާލީ ވެސް ފަހު ލެގުގެ ފަހު ވަގުތު ޖެހި ލަނޑުތަކާ އެކު އެވެ.
އެލިސަން ބެކާ ދިއުމުން ރޯމާ އިން ދާދި ފަހުން ގެނައި ގޯލްކީޕަރު ރޮބިން އޮލްސެން އާއި އަލަށް ގެނައި ޒުވާން ފޯވާޑް ޖަސްޓިން ކްލައިވެޓުގެ އިތުރުން މި މެޗުގައި ރޯމާގެ މުހިއްމު ގިނަ ކުޅުންތެރިން ކުޅުނެވެ. އެކަމަކު ބާސެލޯނާ އިން ނެރުނީ އާދައިގެ ޓީމެކެވެ. ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ފަދަ ތަރިއެއް ނެތެވެ.
މި މެޗުގެ ހަ ވަނަ މިނެޓުގައި ރަފީނިއާ ވަނީ ބާސެލޯނާ އަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޯމާ އަށް އެއްވަރުކޮށްދިނީ ސްޓެފަން އައް ޝާރަވީ އެވެ. އެކަމަކު ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި މެލްކޮމް ވަނީ ބާސެލޯނާ އަށް އަލުން ލީޑު ނަގައިދީފަ އެވެ. ބޯޑޯ އަށް ކުޅެމުން އައި މެލްކޮމް ބާސެލޯނާ އަށް ބަދަލުވީ، ރޯމާ އިން އޭނާ ގަންނަން ބޯޑޯ އާއި ކުޅުންތެރިއާގެ އޭޖެންޓާ އެކު އެއްބަސްވެ ރޯމަށް ފުރަން ގާތްވެފައިވަނިކޮށެވެ.
ރޭގެ މެޗުން ރޯމާ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ 78 ވަނަ މިނެޓުގައި އަލެސަންދްރޯ ފްލޮރެންޒީ އެވެ. އަދި 83 ވަނަ މިނެޓުގައި ކުރި ހޯދައިދިނީ އެ ޓީމާ މި ސީޒަނުގައި ކުޅުނު ބްރަޔަން ކްރިސްޓޭންޓެވެ. އަދި ތަފާތު ބޮޑުކޮށްދިނީ 86 ވަނަ މިނެޓުގައި ޑިއެގޯ ޕެރޮއްޓީ އެވެ.
އެމެރިކާ ޓުއާގައި ރޯމާ ކުޅޭ ފަހު މެޗުގައި މި މަހުގެ 7 ވަނަ ދުވަހު ވާދަކުރާނީ ރެއާލް މެޑްރިޑާ އެވެ. ބާސެލޯނާގެ ފަހު މެޗަކީ ހޮނިހިރު ދުވަހު އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ.