އިޓަލީގެ ފެޑެރިކޯ ބާނަޑެސްކީ (ކ) އަތުން ބޯޅަ ހޯދަން ޕޮލެންޑުގެ އަރްކަޑިއުޒް ރެކާ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
08 ސެޕްޓެމްބަރ 2018 - 10:48
ބޮލޯނިއާ (ސެޕްޓެމްބަރު 8) – އާ ކޯޗު ރޮބާޓޯ މަންޗިނީގެ ކޯޗުކަމުގެ ދަށުން އިޓަލީ ކުޅުނު ވާދަވެރި ފުރަތަމަ މެޗުގައި ރޭ ޔުއެފާ ނެޝަނަލް ލީގުގައި ޕޮލެންޑާ 1-1 އިން އެއްވަރުވެއްޖެ އެވެ.
އިޓަލީގައި ކުޅުނު މި މެޗުގެ 40 ވަނަ މިނެޓުގައި ޕިއޮޓްރޭ ޒިއެލިންސްކީގެ ގޯލުން ޕޮލެންޑުން ވަނީ ކުރި ހޯދައިފަ އެވެ. މި ގޯލަކީ އޭނާއާ އެއްކޮށް ކުރިން ނަޕޯލީ އަށް ކުޅުނު އިޓަލީ މިޑްފީލްޑަރު ޖޯޖީނިއޯ އަށް ހެދުނު ގޯހަކުން ޖެހި ލަނޑެކެވެ. އެކަމަކު މެޗުގެ 78 ވަނަ މިނެޓުގައި ޖޯޖީނިއޯ ވަނީ ޕެނަލްޓީއަކުން އިޓަލީ އަށް އެއްވަރުކޮށްދީފަ އެވެ.
އިޓަލީގެ ގޯލް ޒަމާންތަކެއް ވަންދެއް ބެލެހެއްޓި ޖިއަންލުއިޖީ ބުފޮން ރިޓަޔާކޮށްފައިވާތީ، ރޭގެ މެޗުގައި އިޓަލީގެ ގޯލްކީޕަރަކަށް ކުޅުނީ އުމުރުން 19 އަހަރުގެ ޖިއަންލުއިޖީ ޑޮންނަރުއްމާ އެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުތަކުގެ ސްކޮޑުގައި ނުހިމެނު ޖިއޯޖިއޯ ކިއެލީނީ ވަނީ އެނބުރި އައިސް ކެޕްޓަންކަންކޮށްފަ އެވެ.
"އަހަންނަށް އެނގޭ މެޗު އުނދަގޫވާނެކަން. ޕޮލެންޑަކީ މިވަގުތު އަހަރެމެންނަށް ވުރެ އިތުބާރު ބޮޑު ޓީމެއް. ފުރަތަމަ ހާފުގައި އިޓަލީން ޓެކްނިކަލް ގޯސްތަކެއް ހެދި. ދެ ވަނަ ހާފުގައި އެކަމަކު ވަރަށް ރަނގަޅު،" މަންޗިނީ ބުންޏެވެ.
މި ގްރޫޕުގެ ދެ ވަނަ މެޗުގައި ހޯމަ ދުވަހުގެރޭ އިޓަލީން ލިޒްބަންގައި ނުކުންނާނީ ޕޯޗުގަލާ ދެކޮޅަށެވެ.
ވޯލްޑް ކަޕް ކޮލިފައިން އަދި ޔޫރޯ ކޮލިފައިން ނޯންނަ އަހަރުތަކުގައި ޓީމުތަކަށް ވާދަވެރި މެޗުތަކެއް ހޯދައިދޭން ފެށި މި މުބާރާތުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮވެ އެވެ. ކޮންމެ ލީގެއްގައި ހިމެނެނީ ހަތަރު ގްރޫޕެވެ.
މުބާރާތުގެ އެންމެ މަތީ ލީގު ކަމަށްވާ އޭ ލީގުގައި ގްރޫޕެއް އެކެއްގައި ޖަރުމަން، ފްރާންސް އަދި ނެދަލެންޑް އޮތްއިރު ދެ ވަނަ ގްރޫޕުގައި ހިމެނެނީ ބެލްޖިއަމް، ސްވިޒަލެންޑް އަދި އައިސްލެންޑެވެ. ގްރޫޕް ތިނެއްގައި ޕޯޗުގަލް، އިޓަލީ އަދި ޕޮލެންޑް ލައްވާލިއިރު ހަތަރު ވަނަ ގްރޫޕުގައި ހިމެނެނީ ސްޕެއިން، އިންގްލެންޑް އަދި ކްރޮއޭޝިއާ އެވެ.
ހަތަރު ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލުން ފަށާ މިނީ މުބާރާތެއް އަންނަ އަހަރުގެ ޖޫން މަހު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy