ޕޯޗުގަލްގެ އަންދްރޭ ސިލްވާ (ކ) ބޮލުން ޖަހާއިރު އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ސަލާމަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
11 ސެޕްޓެމްބަރ 2018 - 10:07
ލިޒްބަން (ސެޕްޓެމްބަރު 11) – ޔުއެފާ ނެޝަނަލް ލީގުގައި އިޓަލީ ކުޅުނު ދެ ވަނަ މެޗުން ޕޯޗުގަލް އަތުން 1-0 އިން ބަލިވެއްޖެ އެވެ.
މި ނަތީޖާއާ އެކު ގްރޫޕް ތިނެއްގެ އެއް ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ޕޯޗުގަލެވެ. ޕޮލެންޑާއި އިޓަލީ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ޕޮލެންޑެވެ.
ލިޒްބަންގައި ރޭ ކުޅުނު މެޗަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ނެރުނީ ޕޮލެންޑާ 1-1 އިން އެއްވަރުވި މެޗަށް ނެރުނު ޓީމަށް ނުވަ ބަދަލެއް ގެނެސްގެންނެވެ. މި މެޗުގެ ފުރަތަމަ އެގާރައިގައި، އިޓަލީގެ ގަދަބާރު ޔުވެންޓަސްގެ އެއްވެސް ކުޅުންތެރިޔަކު ނުހިމެނެ އެވެ. އެންމެ ފަހުން ޔުވެންޓަސްގެ ކުޅުންތެރިޔަކު ނެތި، އިޓަލީން ވާދަވެރި މެޗަކަށް ފުރަތަމަ އެގާރައެއް ނެރުނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކެމަރޫން އަތުން 3-0 އިން މޮޅުވި މެޗަށެވެ.
ރޭގެ މެޗުގައި ޕޯޗުގަލްގެ ހަމައެކަނި ގޯލް ޖެހީ 48 ވަނަ މިނެޓުގައި އަންދްރޭ ސިލްވާ އެވެ. އޭނާ މި ގޯލް ޖެހިއިރު، އިޓަލީގެ ގޯލާއި ޑިފެންސް ބަލަހައްޓަމުން ދިޔައީ އޭނާ މިދިޔަ ސީޒަން ކުޅުނު އޭސީ މިލާނުގެ ކުޅުންތެރިންނެވެ. އެކަށީގެންވާ ކުޅުމެއް ނުދެއްކުމުން ސްޕެއިނުގެ ސެވިއްޔާ އަށް ލޯން އުސޫލުން ދޫކުރި ސިލްވާ އަންނަނީ އެ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
ދެ ވަނަ ހާފުގައި ޕޯޗުގަލުން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އިރު ހުއްޓުވީ އިޓަލީގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އެވެ. ދެ ވަނަ ހާފުގައި އިޓަލީން ޑޮމެނިކޯ ބެރާޑީ އާއި އެމަސަން ޕަލްމިއެރީ އެރުވުމުން ކުޅުން ރަނގަޅުވި ނަމަވެސް ގޯލް ޖެހޭނެ ސީދާ ފުރުސަތެއް ނުލިބުނެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމެއް ދެ ފަހަރު ކުޅެ އެއް ވަނަ ހޯދާ ޓީމެއް ފައިނަލް ބުރަށް ހޮވޭއިރު ފުލަށްދާ ޓީމު ދެން އަންނަ މުބާރާތެއްގައި ދެ ވަނަ ލެވެލަށް ވެއްޓޭނެ އެވެ. އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ ބަލިވުމަކީ ބޭނުންވާ ގޮތް ނޫން ކަމަށާއި އެކަމަކު ރިސްކެއް ނަގައިގެން ވެސް 2020 ވަނަ އަހަރުގެ ޔޫރޯ އަށް ސްކޮޑެއް އެކުލަވައިލަން ބޭނުންވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy